މި އަހަރުގެ އަޟްހާ އީދު ދިމާވީ ޔަހޫދީން 'ހައިކަލް ހަލާކުވީ ދުވަސް' ފާހަގަކުރާ ދުވަހާއެވެ. އެއީ އޮގަސްޓު މަހުގެ 11 ވަނަ ދުވަހެވެ. ކޮންމެ އަހަރަކުވެސް ޔަހޫދީންގެ ގިނަ ބަޔަކު އެ ދުވަހާ ދިމާކޮށް މަސްޖިދުލް އަޤްޞާގެ ހަރަމް ތެރެއަށް ވަދެގަނެއެވެ.
މި އަހަރު އެ ދުވަސް އީދު ދުވަހާ ދިމާވާތީ ފަލަސްޠީނު މީހުންވެސް ތިބީ ޔަހޫދީންނަށް މުޤައްދަސް މިސްކިތްކޮޅުގެ ހުރުމަތް ކެނޑިޔަ ނުދޭން ތައްޔާރުވެގެންނެވެ. އީދު ނަމާދަށް ފަހުވެސް މިސްކިތުން ނުފައިބައި ގިނަ ބަޔަކު ތިއްބެވެ.
އެހެންނަމަވެސް، އިސްރާއީލުގެ އުދުވަނީ ސިފައިންގެ އެހީތެރިކަމާއެކު ޔަހޫދީންގެ ގިނަ ބަޔަކު އަޤްޞާ މިސްކިތުގެ ހަރަމުގެ ތެރެއަށް ވަދެގަތެވެ. އިސްރާއީލު ސިފައިން ވަނީ އަޤްޞާގެ ހަރަމްފުޅުތެރޭގައި ބާރުގެ ބޭނުންކޮށް ކަރުނަގޭސް ވެސް ޖަހާފައެވެ. އެ މީހުންގެ މިއުދުވާނުގައި ފަލަސްޠީނު މީހުންގެ ތެރެއިން 61 މީހަކު ޒަޚަމްވިއެވެ. 15 މީހަކު ދަނީ އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.
ޤުދްސުގެ ރެލިޖަސް އެންޑޯމެންޓް އޮތޯރިޓީގެ ތަރުޖަމާނު ފިރާސު އައްދިބްސް ވިދާޅުވިގޮތުގައި އިސްރާއީލު ސިފައިންގެ އެހީތެރިކަމާއެކު އެދުވަހު 1729 ޔަހޫދީން އަޤްޞާގެ ހަރަމް ސަރަހައްދަށް ވަދެ އެތަނުގެ ހުރުމަތް ކަނޑާފައި ވެއެވެ. އިސްރާއީލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލާދު އެރްދާންވެސް ވަނީ މިއަދު އެހާ ގިނަ ޔަހޫދީން މަސްޖިދުލް އަޤްޞާ ތެރެއަށް ވަދެފައިވާތީ އެކަމާ އުފާފާޅުކޮށްފައެވެ.
"އިސްރާއީލު ފުލުހުންގެ 'ޖެރޫސަލަމް ބްރިގޭޑް' އިރުޝާދުތައް ތަންފީޒުކުރަމުން ދިޔައީ، ސިޔާސީ ވެރިން ނިންމާފައިވާ ނިންމުންތަކާ އެއްގޮތަށް. އެއީ ކޮންމެ ޔަހޫދީއަކަށްވެސް މަސްޖިދުލް އަޤްޞާގެ ހަރަމްތެރެއަށް ވަނުމުގެ ހުއްދަދިނުން." އިސްރާއީލުގެ މިނިސްޓަރުގެ ވާހަކައިގައި ބުނެފައި ވެއެވެ،
ޔަހޫދީން ހައިކަލު ސުލައިމާނު (ސުލައިމާނުގެފާނުގެ ފައްޅި) ކަމަށް ބުނެ ދައުވާ ކުރާ ތަނަކީ އެމީހުން ބުނާ ގޮތުން ޔަހޫދީން އަޅުކަންކުރަން ސުލައިމާނުގެފާނު ބިނާކުރެއްވި ތަނެކެވެ. އަދި ބާބިލްގެ ރަސްގެފާނު ބުޚުތުނައްސަރު ވަނީ އީސާގެފާނުގެ 578 އަހަރު ކުރިން އެ ހައިކަލް ތަޅާލާފައެވެ. ޔަހޫދީން ދައުވާކުރާ ގޮތުން މަސްޖިދުލް އަޤްޞާގެ ހަރަމްތެރޭގައި މިހާރު ހުރި ޤުއްބަތުއްޞަޙްރާ މިސްކިތް ހުރީ އެ ބުނާ ހައިކަލެއް ހުރި ތަނުގައެވެ. އަދި ޔަހޫދީ ޖަމާއަތްތަކުން ދަނީ އެ މިސްކިތްކޮޅުގެ އަޑިން ކޮނެގެން އެ ބުނާ ހައިކަލެއް ހޯދުމަށް މަސައްކަތްކުރުމަށް ގޮވާލަމުންނެވެ.
ހައްދު ފަހަނައަޅާފައިވާ ޔަހޫދީންގެ ބިރުދެއްކުންތަކުގެ ސަބަބުން ޤުދްސު މި އަހަރުގެ އަޟްހާ އީދު ނަމާދު ކުރީ ހަމައެކަނި މަސްޖިދުލް އަޤްޞާގައެވެ. ޤުދްސުގެ އެހެން މިސްކިތްތަކުގައި އީދު ނަމާދު ނުކުރެއެވެ.