ޢީދު އުފާ ޖަލުގައި

ކުރީގެ ރައީސް ޢާޞިފް ޢަލީ ޒަރުދާރީއާއި ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފް

ޕާކިސްތާނުގެ ސިޔާސީ ލީޑަރުންނަށް ޖަލު ބަންދާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އައު ކަމެއްނޫނެވެ. އެކަމަކު މިފަހަރުގެ އަޟުޙާ ޢީދުގެ އުފާތައް ރައްޔިތުން ފާހަގަ ކުރަމުން ދާއިރު ސިޔާސީ ދާއިރާގެ ވަރަށް ގިނަ ބޭފުޅުން ތިއްބެވީ ޖަލުބަންދުގައެވެ. މިއީ ތާރީޚީ ކަމެކެވެ. މިހާ ގިނަ ބޭފުޅުން ޢީދު ދުވަހެއްގައި ބަންދުގައި ތިއްބަވަން ޖެހިވަޑައިގަތުމެވެ.

ޢީދު ބަންދާ ދިމާކޮށް ޖަލުބަންދުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައި ޕާކިސްތާނުގެ ކުރީގެ ރައީސް ޢާޞިފް ޒަރުދާރީ އާއި ތިން ފަހަރަށް ބޮޑުވަޒީރުކަން ކުރައްވާފައިވާ މުޙައްމަދު ނަވާޒު ޝަރީފާއި ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޝާހިދު ޚާޤާން ޢައްބާސީއާ ކުރިން ވަޒީރުކަން ކުރައްވާފައިވާ ބައެއް ބޭފުޅުންނާއި ސިޔާސީ ދާއިރާގެ އިސް އެތައް ބޭފުޅުންނެއް ވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެތެރޭގައި ގިނައީ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ އާއިލާގެ ބޭފުޅުންނާއި ޕާޓީގެ ބޭފުޅުންނެވެ.

ބޮޑުވަޒީރު ޢިމްރާން ޚާންގެ ވެރިކަމުގައި ޖަލަށް ކަހާލެވެނީ ހަމައެކަނި އިދިކޮޅު ސިޔާސީ ބޭފުޅުންކަމަށް ގިނަ ބަޔަކު ވާހަކަދައްކައި ފާޑުކިޔަމުން ދިޔަކަމަށް ވިޔަސް، ޢިމްރާން ޚާންގެ ޕާޓީގެ އިސްބޭފުޅެއްކަމުގައިވާ ސަބްޠީން ޚާން ވެސް މިނިސްޓަރ ކަމުގެ މަގާމުން ވަކިކޮށް ޖަލަށް ލެވިފައިވާކަން ފާހަގަ ކުރަން ޖެހެއެވެ.

ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒާއި ކުރީގެ ރައީސް ޒަރުދާރީގެ ކޮއްކޯފުޅު، ފަރިޔާލް ތާލްޕޫރު ޖަލުބަންދަށް ގެންދެވުމުން ސަރުކާރުން އަންހެނަކަށް، ކުޑަ ކުއްޖަކަށް ބެލުމެއްނެތި ޖަލަށް ގެންދާކަމަށް ބުނެ ފާޑުކިޔަމުންދާއިރު އެ ދެކަނބަލުން ވެސް ބަންދު ކުރެވުނީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއްގައެވެ.

ކުރީގެ ރައީސް ޒަރުދާރީއާއި ކޮއްކޯފުޅު ފަރިޔާލް

ސްޕްރިމް ކޯޓުން ނަވާޒު ޝަރީފް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރީ ކޮރަޕްޝަންގެ މައްސަލައެއް ސާބިތުވުމުންނެވެ. ކުރީގެ ރައީސް ޒަރުދާރީ އާއި ޖަލުގައި ތިއްބެވި ސިޔާސީ އެހެން ބޭފުޅުން ޖަލުބަންދަށް ކޯޓު އަމުރު ނެރުނީ ޕާކިސްތާނުގެ ނެޝަނަލް އެކައުންޓެބިލިޓީ ބިއުރޯ އިން ބަލަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެންނެވެ.

މަރިޔަމް ނަވާޒާއި ބައްޕާފު ނަވާޒު ޝަރީފް

ޢިމްރާން ޚާން ބޮޑުވަޒީރުކަމަށް ވަޑައިގަތީ ޒަމާނުއްސުރެ ޕާކިސްތާނުގައި ހިނގަމުންދާ ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވައި ޕާކިސްތާނުން ކޮރަޕްޝަން ނައްތާލައްވާނެކަމުގެ ވަރުގަދަ ވައުދުތަކަކާއެކުގައެވެ. އެ މަސައްކަތް ޕާކިސްތާނުގައި ވަރަށް ބާރަށް، ވަރަށް ފުޅާ ދާއިރާއެއްގައި ކުރެވެމުން ދާއިރު ކޮރަޕްޝަންގެ ކަންތައް ހިންގަވާފައިވާ ސިޔާސީ ބޭފުޅުންނާއި އެފަދަ އެހެން ބޭފުޅުން ގެންދަވަނީ ޢިމްރާން ޚާންގެ ސިޔާސީ ޙަޔާތް ނައްތާލައްވަން ފާޅުގައި ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

ކުރިއަށް އޮތް ހަތަރު އަހަރު ޢިމްރާން ޚާނަށް ވެރިކަމުގައި ހުންނެވޭ ގޮތް ވެއްޖެނަމަ ކޮރަޕްޝަންގެ މައްސަލަތަކުގައި ޖަލައްލެވޭ މީހުންގެ އަދަދު އިތުރުވާނެ ކަމާމެދު ޝައްކެއް ނެތެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.