އެ މީހަކު އަރާމުކުރާނެ ގޮތެއް އެނގޭނީ އެ މީހަކަށެވެ!

ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ، އަޅުގަނޑުމެންގެ ރާއްޖެ ކަހަލަ ކުޑަކުޑަ ޖަޒީރާ ގައުމެއްގައި ޗުއްޓީ ހޭދަކޮށްލަން އައިސް ހުރި ފަތުރުވެރިޔަކަށް، ރުއްގަނޑުތެރޭގައި އަރާމުކޮށްލަން އުޑުތިލަމަތިން އޮތް މަސްވެރިޔަކު ފެނިއްޖެއެވެ! މި ފަތުރުވެރިޔަކީ އިގްތިސާދީ މާހިރެކެވެ. ދިރިއުޅުމަށް ކުރާ މަސައްކަތަކީ ހަގުނަ ހަތްގުނައަށް ފައިސާ އިތުރުވާނޭ ގޮތް އެހެން މީހުންނަށް ކިޔައިދިނުމެވެ! މީނާގެ އާދައިގެ މަތިން، އެ 'ކަންނެތް' މަސްވެރިޔާއަށް ފިލާވަޅެއް ދޭހިތްވެއްޖެއެވެ! ހިލޭ ދެވޭ ފިލާވަޅަކުންވެސް މީނާގެ މޮޅުކަން ނިކަމެތި މަސްވެރިޔަކަށްނަމަވެސް އަންގައިދޭހިތުންނެވެ!

 ޖެހޭ ރީތިވަޔާއެކު ނަށަނަށައިހުރި ދިގު ރުއްތަކުގެ ހިޔަލުގައި މަޑުމަޑުން އޮތް މަސްވެރިޔާ ގާތަށް އެއްކަލަ ފަތުރުވެރިޔަ ޖެހިލާފައި ކަރުކެހިލައިފިއެވެ! "އުހުމް އުހުމް މިއަދު މަހަށް ނުދަނީހެއްޔެވެ؟"

 މަސްވެރިޔާ: މަހަށް ދިޔައިމެވެ! ވަރަށް ހެޔޮވަރުގެ ކަންނެލިކޮޅެއް ލިބުނެވެ.

ފަތުރުވެރިޔާ: ތިޔަބުނި ކަންނެލިކޮޅު ބާނަން ކިހައި ވަގުތެއް ހޭދަވިހެއްޔެވެ؟

މަސްވެރިޔާ: މާ ކަނޑު މިއޮތީ ޖެހިފައިވިއްޔާއެވެ. މާ ގިނައިރުތަކެއް ނުވެއެވެ.

 ފަތުރުވެރިޔާ: ތިޔަހެންވިއްޔާ، ގިނައިރު މަޑުކޮށްލައިގެން ގިނަމަހުން އޮޑި ބަރާކޮށްލި ނަމަ ނޫންހެއްޔެވެ؟

މަސްވެރިޔާ: އެއީ ކީއްކުރަންތޯއެވެ؟ އަޅުގަނޑުގެ ކުޑަ އާއިލާއަށް ދެތިން ހަތަރު ދުވަހަށް ފުދި އިތުރުވާވަރަށްވެސް މިއަދު ފައިސާ ލިބިއްޖެއެވެ!

 ފަތުރުވެރިޔާ: ދެން މިއަދުގެ ބާކީ އޮތް ވަގުތު ކަލޭ ކުރާނީ ކޮންކަމެއްހެއްޔެވެ؟

 މަސްވެރިޔާ: މިހެން ރުއްގަނޑުތެރޭގައި އަރާމުކޮށްލާފައި ދާނީ ގެއަށެވެ. ގެއަށް ގޮސް ފެންވަރާލައިގެން މެންދުރު ކައިގެން އިރުކޮޅަކު ނިދާލައިފައި، ހަވީރު ކުޑަދަރިފުޅާއެކު މަޑިއެއްލައި އެސޮރު އުފާވާކަމެއް ކޮށްލާނީއެވެ.  ދެން އެސޮރު ނިންދަވާފައި ދެމަފިރިން އެކީގައި ރަހުމަތްތެރިންނާއެކު އެއްޗެއް ބޮއިލައި ގިޓާ ކުޅެލައި ނަށާލައި އުފާކޮށްލާފައި ނިދަން ދާނީއެވެ! އަޅުގަނޑުމެން އުޅެނީ ވަރަށް އުފަލުގައި، ވަރަށް އަވަދިނެތިއެވެ.

ފަތުރުވެރިޔާ: މަށަކީ އެމެރިކާގެ ހާވާޑް ޔުނިވަރސިޓީން ވިޔަފާރި ހިންގައި ފުޅާކުރުމުގެ ދާއިރާއިން މަތީ ތައުލީމު ކިޔަވާފައިވާ އެ ރޮނގުގެ މާހިރެކެވެ! ކަލޭ ލައްކަ ގިނަ ވަގުތު އެބަ ބޭކާރު ކުރަމު ނޫންހެއްޔެވެ؟ މަށަށް ފެންނަނީ ކަލޭ މަސްބޭނުމުގައި އިތުރު ވަގުތު ހޭދަކުރުމެވެ. އިތުރުވާ މަސް ބޮޑު އަގުގައި ވިއްކާފައި ބޮޑު އޮޑިޔެއްހޯދައި އެ އޮޑި ގިނައިރު މަހަށް ފުރުވާފައި ބަހައްޓައިގެން ލިބޭ ގިނަފައިސާއިން އިތުރު އޮޑިފަހަރު ގަންނަމުން ގޮސް ކަލެއަކީ އެންމެ އޮޑިފަހަރު ގިނަ މީހާކަމުގައިވެ، މަހުގެ އަގު ކޮންޓުރޯލުކުރުމުގެ ބާރު ކަލޭގެ އަތްމައްޗަށް އަރާނެއެވެ! މިފަދަ ބާރެއް ލިބުމުން މެދުތެރޭ ދައްލާލުން ކަޓުވާލައި ސީދާ ކަލެއަށް، މަސް ބަންދުކުރާ ކާރުޚާނާތަކާއި ވިޔަފާރީގެ އެއްބަސްވުންތައް ހަމަޖެއްސޭނެއެވެ. ދުވަސްކޮޅަކުން އެފަދަ ފެކްޓަރީއެއް ކަލެއަށް ގަނެވޭނެއެވެ. އެފަދަ ދުވަހެއް އައުމުން، ބާނާ މަހަކީވެސް ބަންދުކުރެވޭ މަހަކީވެސް ފިހާރަފިހާރަޔަށް ފޯރުކޮށްދޭ ލޮރީފަދަ އުޅަނދަކީވެސް ކަލޭގެ އަމިއްލަ ތަކެތި ކަމުގައި ވާނެއެވެ. ބޭނުން އަގެއްގައި ވިއްކޭނެ ގޮތް ފަހިވީއެވެ! މި ކުޑަކުޑަ ކިބަޅި ޖަޒީރާ ދޫކޮށް ވެރިކަން ކުރާ ރަށަށް ބަދަލުވެ ބޭނުންނަމަ ރަނގަޅު ގެއެއް ގަނެވޭނެއެވެ! އަދި ފަހުން އެމެރިކާގެ ނިޔުޔޯކު ފަދަ ތަނަކަށްވެސް ދިރިއުޅުން ބަދަލުކުރެވިދާނެއެވެ.

މަސްވެރިޔާ: މާތް ސާހިބާއެވެ! ތިޔަ ކިޔައިދެއްވި ހުރިހާ ކަމަކަށް ކިހާ ދުވަހެއް ހޭދަވާނެހެއްޔެވެ؟

ފަތުރުވެރިޔާ: ވިއްސަކަށް އަހަރެވެ.

 މަސްވެރިޔާ: ދެން އެއަށް ފަހު އަޅުގަނޑު ކުރާނީ ކޮންކަމެއްހެއްޔެވެ؟

ފަތުރުވެރިޔާ، ފަޚުރުވެރިކަމާއެކު ހީނލަމުން: އާން! އެންމެ މުހިންމު ސުވާލު ތިޔަ ކުރެވުނީ އަދި ކިރިޔާއެވެ! ރަނގަޅު ދަނޑިވަޅެއް ބަލާފައި ކަލޭގެ ވިޔަފާރި ކުންފުނި އާންމު (ޕަބްލިކް) ކުންފުންޏަކަށް ބަދަލުކޮށްލަން ހިއްސާ ވިއްކަން އިއުލާނު ކުރާނީއެވެ! ހުރިހާ ހިއްސާއެއް ގަންނަން ތިބި މީހުންނަށް ވިއްކައިލާނީއެވެ. އެތައް މިލިޔަނެއް ލިބޭނެއެވެ.

 މަސްވެރިޔާ: ދެން އެއަށް ފަހު އަޅުގަނޑު ކުރާނީ ކޮންކަމެއްހެއްޔެވެ؟

 ފަތުރުވެރިޔާ: (މަޑުމަޑުން، ލަސްލަހުން، ގަމާރަކަށް ވެސް ވިސްނޭހައި ލަސްލަހުން) ދެން ކަލޭ، ރީއްޗަށް އަރާމުކޮށްލަންވީއެވެ! ނިދާނެ އިރަކު ނިދައި، ތުއްތު ކާފަ ދަރިންނާއި އެކު ކުޅެލައި،  މެންދުރު ފަހުވެސް އަންހެނުނާއި އެކު ޖައްސާލައި، ހަވީރު ފިނިޖެހިލީމައި އަވަށުތެރޭގައި ހިނގާލައި، ރޭގަނޑު ގިޓާ ކުޅެ ލަވަ ކިޔާލައި ނަށާ ހިތްވެއްޖެނަމަ ނަށާލައި އުފާކުރަންވީއެވެ

 މަސްވެރިޔާ: ސާހިބާއެވެ! ތިޔަ ކިޔައިދެއްވީ މިހާރުވެސް އަޅުގަނޑު އުޅޭ އުފާވެރި ދިރިއުޅުމުގެ ވާހަކައެވެ! މިހާރުވެސް އަޅުގަނޑު މިހުރީ ފުދިފައެވެ! މި ރީތި ރަށުގައި އަޅުގަނޑަކީ އެއްވެސް މީހަކަށް ދަރައި އޮތް މީހެއް ނޫނެވެ! މުއްސަނދި ކަމަކީ އެއީ ނޫންތޯއެވެ. ވިއްސަކަށް އަހަރު މަޑުކުރަންވި ސަބަބެއް ހަމަ ހިލާ ނުވިސްނުނެވެ!

 

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.