
ކުޅުދުށްފުށީ އެއާޕޯޓަށް މޯލްޑިވިއަންގެ ޝެޑިއުލް ދަތުރުތައް މިއަދު ރަސްމީކޮށް ކުރަން ފަށައިފިއެވެ.
ކުޅުދުށްފުށީ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާފައި ވަނީ މިއަދު ހެނދުނު އެ އެއާޕޯޓުގައި ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނނެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވީ ޓްރާންސްޕޯޓު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަޙްމަދު ޒުހެއިރެވެ. ރަސްމިއްޔާތަށް އެ މިނިސްޓްރީގެ ބަޔެއް އެހެން އިސްވެރިންވެސް އެރަށަށް ވަޑައިގަތެވެ.
މަޖިލީހުގެ މެމްބަރުންނާއި ރަށުގެ މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއިރު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހެނދުނު މޯލްޑިވިއަންގެ ބޯޓު އެރަށު އެއާޕޯޓަށް ޖެއްސިއިރު ރަށުގެ ގިނަ އަދަދެއްގެ ބަޔަކުވެސް އެތަނަށް ވަނީ ޖަމާވެފައެވެ.
ޝެޑިއުލް ދަތުރުތައް މިއަދު ކުޅުދުއްފުއްޓަށް ފެށިއިރު މިވަގުތު އަދި އެރަށަށް އޮންނާނީ ހަފްތާއަކު ތިން ފްލައިޓު ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފައެވެ. ނަމަވެސް ކުރިޔަށް އޮތްތަނުގައި އެ ސަރަހައްދުން ޑިމާންޑް އޮތްނަމަ ދަތުރުތައް އިތުރު ކުރާނެ ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ. ކުޅުދުށްފުށްޓަށް ދަތުރުކުރާ އަގުތައް އުޅެނީ މާލެއިން ކުޅުދުއްފުއްޓަށް ކޮޅަކަށް 1113 ރުފިޔާއެވެ.
މޯލްޑިވިއަންއިން ބުނީ ޝެޑިއުލް ފްލައިޓުތައް ފެށި ވަގުތަކީ ބޮޑުއީދަށް އެރަށަށް ގިނަ އަދަދެއްގެ ބަޔަކުވެސް އަންނަން ތައްޔާރުވެފައިވާ ދުވަސްވަރަކަށް ވުމާއެކު މިވަގުތު އެންމެ ޑިމާންޑް އޮތީ މާލެއިން ކުޅުދުށްޓަށް ކުރާ ދަތުރުތަކަށް ކަމަށެވެ. ކުޅުދުށްފުށިން މާލެއަށް ގިނަ ދަތުރުތަކެއް ކުރާވަރަށް ޑިމާންޑް އަދި ނެތް ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.