މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކައިން ޢިލްމު އުނގެނުމުގެ އަދަބުތައް

ޢިލްމުގެ މަޤާމު

އުއްމަތްތަކުގެ ޙަޔާތުގައި ޢިލްމަކީ ވަރަށް ޚާއްޞަ މަޤާމެއް ލިބިފައިވާ އެއްޗެކެވެ. މުޙައްމަދިއްޔަ އުއްމަތުގައި ޢިލްމަށް ލިބިފައިވާ ޤަދަރާއި މަތިވެރިކަން އަދި މާ ބޮޑެވެ. ސިކުނޑިތައް ހަރުދަނާވަނީ ޢިލްމުންނެވެ. ނަފްސުތައް ތަހްޒީބު ވަނީ ޢިލްމުންނެވެ. ޤައުމުތައް ތަރައްޤީވެ ކުރިއަރަނީ ޢިލްމުންނެވެ. މުޖްތަމަޢުތައް ހޭލުންތެރިވެ ރަށްވެހިކަމަށް ކުރިމަތިލަނީ ޢިލްމުންނެވެ. ﷲ ސުބްޙާނަހޫ ވަ ތަޢާލާގެ ޙަޟްރަތުގައި ޢިލްމަށް ލިބިފައިވާ ޤަދަރުގެ މަތިވެރިކަން އާދަމުގެފާނު ހައްދަވައި އެކަލޭގެފާނަށް ޢިލްމު އުނގަންނާ ދެއްވި ދެއްވުމުން އެނގެއެވެ. މަލާއިކަތުންގެ ދަރުބާރުގައި މާތް ﷲ އާދަމުގެފާނުގެ މަޤާމު އުފުއްލެވީ އެކަލާނގެ އެކަލޭގެފާނަށް ދެއްވި ޢިލްމުންނެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَعَلَّمَ ءادَمَ الأَسماءَ كُلَّها ثُمَّ عَرَضَهُم عَلَى المَلـٰئِكَةِ فَقالَ أَنبِـٔونى بِأَسماءِ هـٰؤُلاءِ إِن كُنتُم صـٰدِقينَ [1] - އަދި آدم ގެފާނަށް ހުރިހައި ތަކެތީގެ ނަންތައް އެކަލާނގެ އުނގަންނަވައި ދެއްވިއެވެ. ދެން، އެކަލާނގެ އެތަކެތި ملائكة ންނަށް ހުށަހަޅުއްވައި، وحى ކުރެއްވިއެވެ. ތިޔަބައިމީހުން ތެދުވެރިންކަމުގައި ވަނީނަމަ، މިތަކެތީގެ ނަންތަކުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ނިކަން خبر ދީބަލާށެވެ! ))

އިސްލާމީ ރިސާލަތަށް ބަލާއިރު އޭގެ އަސާސަކީ ކިޔެވުމާއި އުނގެނުމެވެ. ﷲގެ ރިސާލަތު މުޙައްމަދުގެފާނަށް ޙަވާލުކުރެއްވުމުގެ ފުރަތަމަ ބަސްފުޅުގައި އޮތީ (( اقرَأ بِاسمِ رَبِّكَ الَّذى خَلَقَ [2] - ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. )) އެކަލާނގެ ޢިލްމުވެރިންގެ މަޤާމު ބަޔާންކުރައްވައި ވަޙީ ކުރެއްވިއެވެ. (( قُل هَل يَستَوِى الَّذينَ يَعلَمونَ وَالَّذينَ لا يَعلَمون [3]َ - ކަލޭގެފާނު ވިދާޅުވާށެވެ! ދަންނަމީހުންނާއި، ނުދަންނަމީހުން ހަމަހަމަވާނެ ހެއްޔެވެ؟ )) ހަމަހަމަ ނުވާނެކަމަށް އަންގަވާ މި ބަސްފުޅުން އެނގޭމީހުންގެ މަތިވެރިކަން އެނގެއެވެ. މި ބަސްފުޅަކީ އުނގެނުމަށް ގޮވައިލާ އެކަމަށް ޝައުޤުވެރި ކުރުވާ ބަސްފުޅެއް ވެސްމެއެވެ.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުނީ އުނގަންނާ ދެއްވުމަށް ކަން ބަޔާންކޮށް ދެއްވައި ޙަދީސް ކުރެއްވިއެވެ. (( إنَّمَا بُعِثْتُ مُعَلِّمًا [4] - ހަމަކަށަވަރުން ތިމަންކަލޭގެފާނު ފޮނުއްވުނީ އެދުރެއް ކަމުގައެވެ. ))

ދަންނަބޭކަލުން އެއްބަސްވެ ވަޑައިގަންނަވާ ގޮތުގައި އިސްވެ ދިޔަ ނައްޞުތަކުގައި އައިސްފައިވާ ޢިލްމުގެ މާނައަކީ ހަމައެކަނި ޝަރްޢީ ޢިލްމެއް (ދީނީ ޢލްމެއް) ނޫނެވެ.އަދި ކިއެއްހެއްޔެވެ؟ އޭގައި އިންސާނިއްޔަތަށް ފައިދާހުރި ހުރިހާ ބާވަތެއްގެ ޢިލްމުތަކާއި  ދުނިޔެއާއި ޢާޚިރަތުގެ ބާއްޖަވެރިކަން ޙާޞިލުކުރެވޭނެ އެންމެހާ ޢިލްމުތަކާއި، ފަންނުތަކާއި، ހުނަރުތަކާއި ، މަސައްކަތްތައް ޝާމިލުވެއެވެ.  

ދަރިވަރު ތަބާވާންޖެހޭ އަދަބުތައް

ޢިލްމުތައް އުނގެނުމަށް ޓަކައި  ދަރިވަރު (ނުވަތަ ޠާލިބު) ރިޢާޔަތް ކުރަން ޖެހޭ އަދަބުތަކެއް ވެއެވެ. މި އަދަބުތަކަށް ތަބާނުވެ ދަރިވަރު ޙާޞިލުކުރަން އެދޭ ޢިލްމު އުނގެނުމުގެ މަގު އޭނާއަށް ތަނަވަސްވެގެން ނުދާނެތެވެ. ޢިލްމަކީ ހަމައެކަނި މަޢުލޫމާތުތަކެއް ޖަމާކުރުމެއް ނޫނެނެވެ. އަދަބާއި އަޚްލާޤާއި ސުލޫކަކީ  ޙާޞިލު ކުރެވޭ މަޢުލޫމާތުގެ ބަޔެކެވެ. އަދަބާ އަޚްލާޤާ ނުލައި އާރާސްތު ކުރުމުގެ ވަސީލަތަކަށް ޢިލްމު  ނުވާނެއެވެ. ބިނާކުރަނިވި އާލަތަކަށް ނުވާނެއެވެ. އަދި ކިއެއްހެއްޔެވެ؟ އޭރުން ޢިލްމު ވާނީ ފަސާދަކުރުމާއި ، ޚަރާބުކުރުމާއި ، ހަލާކުކުރަނިވި ވަސިލަތަކަށެވެ. އިބިލީހަކީ މި ކަމުގެ އެންމެ ވަރުގަދަ މިސާލެވެ. އެކަލޭގެއަށް މާތް ﷲ ދެއްވި ޢިލްމު ބޭނުންކުރަމުން ދަނީ މީސްތަކުން މަގުފުރެއްދުމަށެވެ. ދުނިޔެ ފަސާދަ ކުރުމަށެވެ. މާތް ﷲ އޭނާއަށް ލަޢުނަތް ލެއްވީ މިހެންވެގެންނެވެ.

މާތް ﷲ އެކަލާނގެ އަޅުންނަށް ހަދާންކޮށް ދެއްވުމަށާއި އުނގަންނާ ދެއްވުމަށް ޓަކައި އައިސްފައިވާ ތަފާތު އުސްލޫބުތަކުގެ ތެރޭގައި ވާހަކަ ހިމެނެއެވެ. އެ ވާހަކަތައް މުނިފޫހި ފިލުވުމަށް ޓަކައި ހަމަ ކިޔާލެވޭ އެއްޗަކަށް ހަދައިގެން ނުވާނެއެވެ. އަދި ކިއެއްތަ؟ އެއިން ޢިބްރަތް ޙާޞިލު ކުރަންވާނެއެވެ. ލާބައާޢި މަންފާ ޙާޞިލުކޮށްގެން އަޅުގަނޑުމެންގެ ޙަޔާތް ބިނާކުރުމަށެވެ. މި ފަދަ ވާހަކަތަކުގެ ތެރޭގައި މޫސާގެފާނާއި ޚިޟްރުގެފާނުގެ ވާހަކަ ވެއެވެ. މި ވާހަކައިގައި ދަރިވަރުން ކިޔަވާއިރު ތަބާވާން ޖެހޭ އިރްޝާދުތަކެއް ވެއެވެ.  އެ ވާހަކައަކީ ނަމޫނާ ޢަމަލީ ތަމްރީނުތަކެކެވެ. މިއަދު ދަރިވަރުން ތަމްރީނު ހޯދުމަށް ޓަކައި ތަފާތު މަރްކަޒުތަކަށް ދާން ފެށުމުގެ ކުރިން  މާތް ﷲ  މި ވަނީ އެއީ މުހިއްމު ކަމެއް ކަން ބަޔާންކޮށް ދެއްވައިފައެވެ.

މި ލިޔުމުގެ ބޭނުމަކީ ޚިޟްރުގެފާނާ ބެހޭ ގޮތުން ވާހަކަދެއްކުން ކަމުގައި ނުވާތީ ޚިޟްރުގެފާނާ ބެހޭ ގޮތުން ވާހަކައެއް ނުދައްކާނަމެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެއީ މާތް ﷲގެ ނަބީބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެކެވެ. ކީރިތި ޤުރްއާން ބުނާ ގޮތުގައި އެއީ (( عَبدًا مِن عِبادِنا [5] - ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން އަޅެއް )) އެވެ.

ޞައްޙަ ޙަދީސްތައް ބުނާގޮތުގައި އެއް ދުވަހަކު މޫސާ ޢަލައިހިއް ސަލާމި ބަނީ އިސްރާއީލު ބާގައިގެ މީހުންނަށް ނަސޭޙަތް ދެއްވަން ހުންނަވަނިކޮށް މީހަކު ދެންނެވިއެވެ. "ކަލޭގެފާނަށްވުރެ ޢިލްމުވެރި ބޭކަލަކު ވޭތޯއެވެ؟ ޖަވާބުގައި މޫސާގެފާނަށް ވިދާޅުވެވުނީ " ނޫނެކޭ " އެވެ. އެހިނދު މާތް ﷲ މޫސާގެފާނަށް ވަޙީބަސްފުޅު އިއްވެވިއެވެ. " އެހެނެއްކަމަކު ތިމަންރަސްކަލާނގެ އަޅާ ޚިޟްރު އެވެ. "  މޫސާގެފާނު ޚިޟްރުގެފާނުގެ އަރިހަށް ދެވޭނެ ގޮތެއް އަންގަވައި ދެއްވުމަށް މާތް ﷲ އަށް ދެންނެވިއެވެ. ފަހެ މާތް ﷲ އެކަމުގެ ޢަލާމަތެއް ކަމުގައި މަހެއް ލެއްވިއެވެ. އެކަލޭގެފާނަށް އެންގެވިއެވެ. " އެ މަސް ކަލޭގެފާނަށް ގެއްލުނު ހިސާބަށް އެނބުރި ވަޑައިގަންނަވާށެވެ! އެތަނުން ކަލޭގެފާނަށް އެކަލޭގެފާނާ ބައްދަލުވެ ވަޑައިގަންނަވާނެއެވެ. " މާތްﷲ ކީރިތި ޤުރްއާނުގައި ވަޙީ ކުރެއްވިއެވެ. (( قالَ أَرَءَيتَ إِذ أَوَينا إِلَى الصَّخرَةِ فَإِنّى نَسيتُ الحوتَ وَما أَنسىٰنيهُ إِلَّا الشَّيطـٰنُ أَن أَذكُرَهُ  وَاتَّخَذَ سَبيلَهُ فِى البَحرِ عَجَبًا  قالَ ذٰلِكَ ما كُنّا نَبغِ  فَارتَدّا عَلىٰ ءاثارِهِما قَصَصًا فَوَجَدا عَبدًا مِن عِبادِنا ءاتَينـٰهُ رَحمَةً مِن عِندِنا وَعَلَّمنـٰهُ مِن لَدُنّا عِلمًا قالَ لَهُ موسىٰ هَل أَتَّبِعُكَ عَلىٰ أَن تُعَلِّمَنِ مِمّا عُلِّمتَ رُشدًا [6] މާނައީ :  އެ خادم ދެންނެވިއެވެ. ކަލޭގެފާނަށް އެނގިވަޑައިގެންވޭތޯއެވެ؟ (ދެކަނޑު ގުޅުނުތާ އޮތް) ބޮޑު ހިލައިގެމަތީގައި ތިމަންމެން މަޑުކޮށްލިހިނދު، ހަމަކަށަވަރުން، ތިމަން އެ މަހުގެމަތިން ހަނދާންނެތުނީއެވެ. އަދި އެ މަހުގެމަތިން ތިމަން ހަނދާންކުރުން ހަނދާންނެތިކޮށްލީ، شيطان އާ ފިޔަވައި އެހެން އެއްޗެއްނޫނެވެ. އަދި އެ މަސް عجائب އެއްފަދަ ގޮތަކަށް ކަނޑުގެ ތެރެއިން އޭގެމަގު ހޯދައިގެން ހިނގައްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންމެން ބޭނުންވެގެން މިއުޅެނީ އެތަނެވެ. ދެން އެ ދެކަލުންގެ ފިޔަވަޅު ބައްލަވަމުން އެ ދެކަލުން އެނބުރި ފަހަތަށް ވަޑައިގެންފިއެވެ ދެން (އެތަނުން) އެ ދެކަލުންނަށް ތިމަންރަސްކަލާނގެ އަޅުންގެ ތެރެއިން (خاص) އަޅަކު ފެނިވަޑައިގަތެވެ. އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން رحمة އެއް ދެއްވީމެވެ. އަދި އެބޭކަލަކަށް ތިމަންރަސްކަލާނގެ حضرة ން خاص علم އެއް އުނގަންނައިދެއްވީމެވެ. އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟ ))

ހިތްތިރިކުރުން

މިބަސްފުޅުގައި މި ނަސޭހަތް ދެއްވަނީ ހުރިހާ ޙާލަތެއްގައި ވެސް ހިތްތިރި ކުރުމަށެވެ. ތަވާޟުޢުވެރިވުމަށެވެ. އެއްވެސް މީހަކު ތިމާއީ އެންމެ ބޮޑަށް ދަންނަމީހާ ކަމަށް  ނުބުނާށެވެ. އެންމެ ބޮޑަށް ދަންނަނީ ކާކުތޯ ސުވާލުކޮށްފިނަމަ " އެންމެ ބޮޑަށް ދެނެވޮޑިގަންނަވަނީ ﷲ އޭ " ބުނާށެވެ. މޫސާގެފާނު ޚިޟްރުގެފާނާ ބައްދަލުކުރައްވަން އެހާ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ މިހެންވެގެންނެވެ. އެކަލޭގެފާނުގެ އަރިހުން އުނގެނިވަޑައިގަތުމަށް ޓަކައެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. (( وَإِذ قالَ موسىٰ لِفَتىٰهُ لا أَبرَحُ حَتّىٰ أَبلُغَ مَجمَعَ البَحرَينِ أَو أَمضِىَ حُقُبًا [7] - موسى ގެފާނު އެކަލޭގެފާނުގެ خادم ކުއްޖާއަށް ވިދާޅުވިހިނދު ހަނދުމަކުރާށެވެ! ދެ ކަނޑު [8] ގުޅުނު ހިސާބަށް ތިމަންކަލޭގެފާނު ފޯރައްޖައުމަށް ދާނދެން، ނުވަތަ ޒަމާންތަކެއް ވޭތިކުރައްވައިފުމަށްދާނދެން (ހިންގެވުން) ދުލެއް ނުކުރައްވާހުށީމެވެ. ))

ޢިލްމު އުނގެނުން ފަސޭހަކަމެއްނޫން

މި ބަސްފުޅުން އިތުރު ކަމަކަށް ވެސް އިޝާރަތް ލިބެއެވެ. އެއީ ޢިލްމަކީ އެހާ ފަސޭހައިން ޙާޞިލުކުރެވޭނެ އެއްޗެއް ނޫންކަމެވެ. ޢިލްމު ޙާޞިލު ކުރެވޭނީ ބުރަ އުފުލައިގެންނެވެ. އެކަމަށް ޝައުޤުވެރިކަން އޮންނަން ޖެހޭނެއެވެ. ވަރުގަދަ ޢަޒްމަކާއެކު މަސައްކަތް ކުރަން ޖެހޭނެއެވެ. މަތިވެރި ހިއްމަތެއް އޮންނަން ޖެހޭނެއެވެ.

މި ބަސްފުޅުގައި އެދުރާއެކު ދަރިވަރު  މުޢާމަލާތު ކުރަންވީ ރިވެތި އަދަބުތަކާއި އެދުރުގެ މަޖިލީހުގައި ދަރިވަރުގެ ސުލޫކު ހުންނަން ޖެހޭނެ ގޮތް  އައިސްފައި ވެއެވެ. މޫސާގެފާނު،  ޚިޟްރުގެފާނާ ބައްދަލުވެ ވަޑައިގަތުމުން މުސާގެފާނު ދެންނެވީ ކީކޭތޯއެވެ؟  (( قالَ لَهُ موسىٰ هَل أَتَّبِعُكَ عَلىٰ أَن تُعَلِّمَنِ مِمّا عُلِّمتَ رُشدًا [9] - އެބޭކަލަކަށް موسى ގެފާނު ވިދާޅުވިއެވެ. ކަލޭގެފާނަށް ދެއްވާފައިވާ علم ން ތިމަންކަލޭގެފާނަށް އުނގަންނަވައިދެއްވާންކަމަށް، ކަލޭގެފާނަށް ތިމަންކަލޭގެފާނު تبع ވަންތޯއެވެ؟ )) މުފައްސިރުން ވިދާޅުވާ ގޮތުގައި މޫސާގެފާނު އެވަނީ ހިތްޕުޅުތިރިކަމާއި އަދަބުވެރިކަން އިންތިހާއަށް ހާމަކުރައްވައިފައެވެ. ޚިޟްރުގެފާނަށް ތަބާވެވަޑައިގަންނަވާ ބޭކަލަކު ކަމުގައި ލެއްވުމަށް އެދިވަޑައިގަތެވެ. އެކަލޭގެފާނަށް އެއްޗެއް އެނގިވަޑައިނުގަންވާކަން ވެސް ދެއްކެވިއެވެ. އެކަލޭގެފާނަށް މަގުދައްކަވާ ދެއްވުމަށާއި މާތް ﷲ އެކަލޭގެފާނަށް އުނގަންނަވާ ދެއްވި އެއްޗެހިން ބައެއް އެއްޗެހި އުނގަންނަވާ  ދެއްވުމަށް ދެންނެވިއެވެ.

ކެތްތެރިކަން

މި ވާހަކައިން އެނގޭ  އަނެއް ކަމަކީ ޢިލްމު އުނގެނުމަށް ޓަކައި ކެތްތެރިކަމަކީ  ވަރަށް ބޮޑަށް ބޭނުންވާނެ ކަމެއްކަމެވެ. މުދައްރިސުން ގަޑިއަށް ވަޑައިގަތުމުގައި ލަސްވިޔަސް ދަރިވަރުން މުދައްރިސުގެ އިންތިޒާރުގައި ކެތްތެރިކަމާއެކު  ތިބެން ޖެހޭނެކަމެވެ.އަދި މުދައްރިސް ގަޑިއަށް ކިލާސް ނުނިންމެވިޔަސް ދަރިވަރުން ކުސް ނުތަޅައި ކެތްތެރިވާން ޖެހޭނެ ކަމެވެ.  ޚިޟްރުގެފާނަށް ﷲގެ ޙަޟްރަތުން ލިބިވަޑައިގެންފައިވާ ޚާއްޞަ ޢިލްމުގެ ސަބަބުން އެކަލޭގެފާނުގެ ޢަމަލުފުޅުތަކުން މޫސާގެފާނަށް ފެނިވަޑައިގަންނަވާ ކަންތައްތަކަށް ކެތްތެރިވެ ވަޑައިނުގެންނެވޭނެކަން އެނގިވަޑައިގަންފައިވާތީ ޚިޟްރުގެފާނު މޫސާގެފާނަށް ކެތްތެރިވެވަޑައިގަތުމަށް ވަރަށް ބޮޑަށް ނަސޭހަތް ދެއްވިއެވެ. މުސާގެފާނު ޖަވާބު ދެއްވަމުން ވިދާޅުވިއެވެ. (( سَتَجِدُنى إِن شاءَ اللَّـهُ صابِرًا وَلا أَعصى لَكَ أَمرًا [10]- اللَّه އިރާދަކުރެއްވިއްޔާ، ތިމަންކަލޭގެފާނީ ކެތްތެރިޔަކުކަމުގައި ކަލޭގެފާނު ދެކެވަޑައިގަންނަވާނޫއެވެ. އަދި އެއްވެސް އަމުރަކަށް ކަލޭގެފާނަށް ތިމަންކަލޭގެފާނު ނުކިޔަމަންތެރިވެވަޑައެއް ނުގަންނަވާނަމެވެ. )) މޫސާގެފާނު މިހެން ވިދާޅުވުމުން ވެސް ޚިޟްރުގެފާނު އެކަން ކަށަވަރުކޮށް ދެއްވިއެވެ. އެކަލޭގެފާނާއެކު މުސާގެފަނަށް އުޅުއްވޭނީ ކެތްތެރިވެ ވަޑައިގަންނަވައިގެންކަން ކަށަވަރުކޮށް ދެއްވިއެވެ. ޚިޟްރުގެފާނުގެ ކިބައިން ފެނިވަޑައިގަންނަވާ އެއްވެސް ކަމަކާމެދު ސުވާލު ނުކުރެއްވުމަށް ޚިޟްރުގެފާނު ދެންނެވިއެވެ. އެކަމުގައި ފޮރުވިފައިވާ ސިއްރު ދަންނަވައި ދެއްވަންދެން މަޑުން ހުންނެވުމަށް ދެންނެވިއެވެ. އުސްތާޒު ފިލާވަޅު ދެއްވާއިރު ދަރިވަރުން މި ފިލާވަޅު މެދުކެނޑިގެން ހިނގައިދާނެ އެއްވެސް ކަމެއް ކުރުމަކީ ބޭއަދަބީ ކަމެއްކަން މި ޙަދިސާއިން އެނގެއެވެ. އުސްތާޒު ފިލާވަޅު ދެއްވާ ނިމިވަޑައިގަތުމުން ދަރިވަރުން ސުވާލު ކުރަންވީއެވެ. ނުވަތަ އުސްތާޒު އެކަމަށް ދޮރު ހުޅުވައިލެއްވުމުން ސުވާލު ކުރަން ފަށަންވީއެވެ.ޚިޟްރުގެފާނު މޫސާގެފާނަށް ދެންނެވިއެވެ. (( فَإِنِ اتَّبَعْتَنِي فَلَا تَسْأَلْنِي عَنْ شَيْءٍ حَتَّى أُحْدِثَ لَكَ مِنْهُ ذِكْرًا [11]- ފަހެ، ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ވާހަކައިން ތިމަންކަލޭގެފާނު ކަލޭގެފާނަށް ބަޔާންކޮށްދެއްވައިފުމަށް ދާންދެން އެއްވެސް ކަމަކާ ދޭތެރޭ ތިމަންކަލޭގެފާނާ سؤال ނުކުރައްވާށެވެ! ))

މާފަށް އެދުމުގެ ސަޤާފަތު

މި ވާހަކައިގައި އެހެން ސަޤާފަތެއް ވެސް ވެއެވެ. އެއީ މާފަށް އެދުމުގެ ސަޤާފަތެވެ. މޫސާގެފާނަށް ފެނިވަޑައިގެންނެވި ކަންތައްތަކުގެ ސަބަބުން ޚިޟްރުގެފާނު ޝަރްޠު ކުރެއްވި ޝަރްޠުގެ މަތިން ހަނދުމަފުޅު ނެތިގެން  އެކަންކަމާމެދު  މޫސާގެފާނު ސުވާލު ކުރައްވަން ފެށްޓެވުމުން ޚިޟްރުގެފާނު މޫސާގެފާނަށް އެ ޝަރްޠު ހަނދުމަފުޅުކޮށް އެރުވިއެވެ. އެހނދު މޫސާގެފާނު އެކަމާ ދެރަފުޅުވެ މާފަށް އެދިވަޑައގަތުމަށް އަވަސްވެ ވަޑައިގަތެވެ. (( قَالَ لَا تُؤَاخِذْنِي بِمَا نَسِيتُ وَلَا تُرْهِقْنِي مِنْ أَمْرِي عُسْرًا [12] - އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅުނެތުން ކަލޭގެފާނު، ކަމަކަށް ނުހައްދަވާށެވެ! އަދި ތިމަންކަލޭގެފާނުގެ ކަންތަކަށް ދަތިކަމެއް، އުނދަގުލެއް ނުޖައްސަވާށެވެ! ))

މި ވާހަކައިން ދޭހަވާ ގޮތުގައި ތަޢުލީމު އުނގެނުމުގެ ނުވަތަ ކަންކަން  ދަސްކުރުމުގެ މަސައްކަތަކީ މުދައްރިސާ ދަރިވަރު ގުޅިގެން ކުރެވެން ޖެހޭނެ ކަމެކެވެ. ދަރިވަރަށް ނޭނގޭ ނުވަތަ އޮޅުން ނުފިލާ ކޮންމެ ކަމަކާމެދު އުސްތާޒާ ސުވާލުކޮށް ސާފުކުރަން މަސައްކަތް ކުރަން ވާނެއެވެ. އުސްތާޒު މި ކަމުގައި ދަރިވަރަށް އިރްޝާދު ދޭންވާނެއެވެ. އުނގަންނާދީ ސާފކޮށްދޭން ވާނެއެވެ. ދަރިވަރުގެ ނަފްސަށް ހަމަޖެހުން ލިބެންދެން އުސްތާޒު ދަރިވަރަށް މަގު ދައްކަން ވާނެއެވެ. 

[1] -  البقرة : 30

  • العلق : 1[2]

[3]  - الزمر : 9

[4]  - رواه مسلم

[5] - الكهف : 65

[6]  - الكهف : 63- 66

[7]  -  الكهف : 60

[8]  - ދެ ކަނޑަކީ  ރަތް ކަނޑާޢި ސުވޭސް ކެނެލް ބައްދަލުވާ ހިސާބު ކަމަށް ޢިލްމުވެރިން ވިދާޅުވެއެވެ.

[9]  -  الكهف : 66

[10]  -  الكهف : 69

[11]  - الكهف : 70

[12]  - الكهف : 73

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.