ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ މައްސަލައިގެ ހެކިބަސް ނަގާ ޝަރީއަތުގެ މަޖިލިސް މާދަމާ ހެނދުނު 10:30 އަށް ކްރިމިނަލް ކޯޓުން ތާވަލު ކޮށްފިއެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ މަނީ ލޯންޑަރިންގެ ދައުވާގައި ދައުލަތުގެ ފަރާތުން ޝަފަވީ ހެކިންގެ ގޮތުގައި ކުރީގެ ސަރުކާރުގެ ބަޔެއް އިސްބޭފުޅުންވެސް ވަނީ ހުށަހަޅާފައެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދައުވާގައި ދައުލަތުން ޔާމީނާ ދެކޮޅަށް ހުށަހަޅާފައިވާ ހެކިވެރިންގެ ތެރޭގައި ޓަގު ބޯޓެއްގައި ފިއްލަވައިގެން އިންޑިޔާއަށް އެތެރެވާން އުޅުއްވަނިކޮށް އިންޑިޔާއިން ހިފަހައްޓުމަށް ފަހު މިހާރު ރާއްޖެއަށް އަނބުރައި ފޮނުވާލައްވާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބާއި، އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ ޒިޔަތާއި، ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރާއި، އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުތުފީ އާއި، އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ މުޙަންމަދު ޝަރީފް އާއި އެ ބޭންކުގެ ބޯޑު މެމްބަރު މުޙަންމަދު ލުވެއިޒް އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުޙަންމަދު ވަސީމް އިސްމާއީލްވެސް ހިމެނެއެވެ.
މީގެތެރެއިން ފިއްލަވައިގެން ޓަގު ބޯޓުގައި އިންޑިޔާއަށް އެތެރެވާން އުޅުއްވަނިކޮށް ހިފަހައްޓައި، މިހާރު ރާއްޖެއަށް ފޮނުވާލާފައިވާ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު މާދަމާގެ ޝަރީއަތަށް ޔާމީންއާ ދެކޮޅަށް ހެކިބަސް ދެއްވަން ވަޑައިގަންނަވާނެ ކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއްނޫނެވެ.
ދައުލަތުން ޔާމީނާ ދެކޮޅަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާގެ ފުރަތަމަ ޝަރީއަތުގެ މަޖިލީހުގައި ޔާމީން ވަނީ ދައުލަތުން ކުރާ ދައުވާއަށް އިންކާރު ކުރައްވާފައެވެ. އަދި އެފަދަ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ކުރާނެ ޖާގައެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތުގެ ފުރަތަމަ މަޖިލިސްވެސް ކޯޓުން ވަނީ މީޑިޔާތައް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެވެ. އަދި މާދަމާ އޮންނަ ޝަރީއަތުގެ މަޖިލިސްވެސް މީޑިޔާތަކުން ލައިވް ކުރަން ވަނީ ހަމަޖެހިފައެވެ.