މިއަދު ހެނދުނުގެ ވަގުތެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސް އަށް ވަޑައިގެންފި

ރާއްޖޭގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީ ދަތުރު ފުޅެއްގައި މިއަދު ހެނދުނު ސެސެލަށް ވަޑައިގެންފި ކަމުގައި " ސީޝެލްސް ނިއުސް އެޖެންސީ " އިން ހާމަކޮށްފިއެވެ.

އެނޫހުގައި ބަޔާން ކޮށްފައިވާ ގޮތުގައި ސީޝެލްސް ގެ ވެރިރަށް މާހީގެ އިންޓަރނޭޝަނަލް އެއަރޕޯޓް އިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރ މަކްސޫޒީ މޮންޑަން އެވެ. އަދި އޭގެ ކުޑަހިނދުކޮޅެއްގެ ފަހުން ސީޝެލްސްގެ ރައީސް ޑެނީ ފައުރޭ އާއި ކެބިނެޓް މިނިސްޓަރ އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަށް މަރުހަބާ ދެންނެވިއެވެ. މިރަސްމީއްޔާތު އޮތީ އެގައުމުގެ ސްޓޭޓް ހައުސް ގައިއެވެ.  ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގާރޑް އޮފް އޮނަރ އެއް އިންސާފުކޮށް ދެއްވުމަށް ފަހު ދެލީޑަރުން ބައްދަލުކުރެއްވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސީޝެލްސް އަށް ކުރައްވާ ދެ ދުވަހުގެ މިދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި އެހީތެރިވެ ދެވެންހުރި ދާއިރާ ތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި ޓުވަރިޒަމް، އިގްތިސާދީ، މަސްވެރިކަން، އަދި ކުޅިވަރުގެ ދާއިރާ ހިމެނޭ ކަމުގައި އެނޫހުގައި ބަޔާންކޮށް ފައިވެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މިދަތުރުފުޅަކީ އެގައުމަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ރަސްމީ ދަތުފުޅެވެ. އެމަނިކުފާނުގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖެ އަށް ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެކަމަށް ބެލެވެއެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފުރައިވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 4 ގައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މިދަތުރުފުޅަކީ ސެސެލްގެ ރައީސް ޑެނީ ފައުރީ ގެ ދަޢުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. ޚާއްސަ މަންދޫބެއްގެ ގޮތުން ސެސެލުގެ ރައީސް ގެ ފަރާތްޕުޅުން މިދަޢުވަތު ހިއްޕަވައިގެން ވަޑައިގަތީ އޮނަރަބަލް އިބްރާހީމް އަފީފު އެވެ. އައްޑު އަތޮޅުގެ ހިތަދޫ އަށް ނިސްބަތްވާ އިބްރާހީމް އަފީފު އަކީ އެގައުމުގެ ކެބިނެޓްގެ ސްޓޭޓް ސެކެރެޓަރީއެވެ.  

އިބްރާހީމް ޠާހިރު
އިބްރާހީމް ޠާހިރަކީ ނޫސްވެރިކަމުގައި ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ކުޅަދާނަ، ހީވާގި ނޫސްވެރިއެކެވެ. މީގެ އިތުރަށް ރާއްޖޭގެ ސިޔާސީ ދާއިރާގެ ތަޖުރިބާކާރެކެވެ. ރައްޔިތުންގެ ޚާއްސަ މަޖިލީހުގައިވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.