ހައްދު ފަހަނައަޅާފައިވާ ހަނގުރާމަވެރި ޖަމާއަތް، އިސްލާމިކް ސްޓޭޓް އޮފް އިރާގް އެންޑް ސީރިޔާ (އައިސިސްގެ) ވެރިޔާ އަބޫބަކްރު އަލްބަޣްދާދީ އަދިވެސް ސީރިޔާގައި އެބައުޅޭ ކަމުގައި އިރާގެ ޖާސޫސީ އިދާރާގެ ފެލްކަންސް އިންޓެލިޖެންސް ސެލްއިން ބުނެފިއެވެ.
"އޭނާގެ އެއްފަޅި ވާގިނެތިފައި ވުމާއެކުވެސް އޭނާގެ ނުފޫޒު ވަރަށް ގަދަ." އިރާގުގެ އައްޞަބާޙް ނޫހަށް މަޢުލޫމާތު ދެއްވަމުން އެ ސެލްގެ ވެރިޔާ އަބޫޢަލީ އަލްބަޞްރީ ވިދާޅުވިއެވެ.
"ޓެރަރިސްޓް ޖަމާއަތް އައިސިސްގެ ވެރިޔާ ސީރިޔާގައި އެބަހުރި. އެ ޖަމާއަތުގެ ތެރޭގައި އޭނާގެ ނުފޫޒު ވަރަށް ގަދަ." އަލް ބަޞްރީ ވިދާޅުވިއެވެ.
ފާއިތުވި އަހަރުގެ ފަހުކޮޅު އައިސިސް އަސްކަރީ ގޮތުން ބަލިވެ އެ ޖަމާއަތުން ކޮންޓުރޯލުކުރަމުން ދިޔަ ހުރިހާ ބިމެއް ވަނީ ގެއްލިގެން ގޮސްފައެވެ. އެހެންކަމުން، ފެލްކަންސް ސެލްއިން ހާމަކުރި ގޮތުގައި، އަލްބަޣްދާދީ އެންމެ އިސްކަންދިނީ އެ ޖަމާއަތް ރައްކާތެރިކުރުމަށެވެ.
"އިރާގާއި ސީރިޔާގައި އައިސިސްއަށް ލިބުނު ބޮޑު އަސްކަރީ ނާކާމިޔާބީއަށް ފަހު، މިހާރު ސީރިޔާގައި ދިރިއުޅޭ އަލްބަޣްދާދީގެ ނަމުން މަޝްހޫރުވެފައިވާ މުޖްރިމު އިބްރާހީމް އައްސާމައްރާއީ އަށް އަބަދުވެސް ނުރައްކާ އޮތް."
"(އަސްކަރީ ގޮތުން ބަލިވުމަށް ފަހު) ފާއިތުވި ދުވަސްތަކުގައި އަލްބަޣްދާދީ އެންމެ އިސްކަމެއް ދިނީ ޖާސޫސީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ ކުރިމަތިލައި، ދުޝްމަނުން އެ ޖަމާއަތުގެ ތެރެއަށް ފުރޭނިގެންފާނެތީ އެކަން ހުއްޓުވުމަށް." އަލް ބަޞްރީ ވިދާޅުވިއެވެ.
އަސްކަރީ ނާކާމިޔާބީއާ ކުރިމަތިވިޔަސް އައިސިސްގެ ތެރޭގައި އަލްބަޣްދާދީގެ ނުފޫޒު އަދިވެސް ވަރަށް ގަދަކަން ފެލްކަންސް ސެލްގެ ވެރިޔާ ފާހަގަކުރައްވާފައި ވެއެވެ.
"އޭނާއަށް ތާބާވާ އަރަބި އަދި އެނޫން ގައުމުތަކުގެ މީހުންގެ މެދުގައި އޭނާގެ ނުފޫޒުގަދަ އަދި އެމީހުން އޭނާއަށް ކިޔަމަންތެރިވާ މިންވަރު ބޮޑު." ފެލްކަންސް ސެލްގެ ވެރިޔާ ވިދާޅުވިއެވެ.
އަލްބަޣްދާދީ އަށް އަމާޒުކޮށް ދެވުނު ހަމަލާއެއްގައި އޭނާއަށް ލިބުނު ގެއްލުންވެސް އޭނާ ވަނީ ބަޔާންކޮށްދެއްވާފައެވެ.
"ސީރިޔާގެ ދޭރައްޒޫރު (އައިސިސްގެ އަތްދަށުން) މިނިވަންކުރުމުގެ ކުރިން، 2018 ވަނަ އަހަރު އަލްބަޣްދާދީ (އެ ޕްރޮވިންސްގެ) އަލްޖހަޖީން އަވަށުގައި އޭނާގެ އެހީތެރިންނާއެކު ބައްދަލުވުމެއްގައި އިންދާ އިރާގުގެ ވައިގެ ސިފައިންނާއި ފެލްކަންސް ސެލް ގުޅިގެން ދިން ހަމަލާއެއްގައި ރޮކެޓެއްގެ އެތިކޮޅެއް އޭނާގެ މައިބަދައަށް ވަނުމުގެ ސަބަބުން އޭނާ ވަނީ ވާގިނެތިފައި." އަލްބަޞްރީ ވިދާޅުވިއެވެ.