ސީރިޔާގެ އިދްލިބަށް ރައީސު ބައްޝާރު އަލްއަސަދުގެ ސިފައިންނާއި، އޭނާގެ ސަރުކާރަށް އެހީތެރިވާ ބޭރު ގައުމުތަކުގެ ސިފައިން ފާއިތުވި ދިހަ ދުވަހު ދިން ހަމަލާތަކުގައި 103 މީހުން މަރުވެފައިވާ ކަމަށް އދ. ގެ ބަޔާނެއްގައި ބުނެފިއެވެ.
އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލެޓް އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވާ ގޮތުގައި މަދަރުސާތާއި، ހޮސްޕިޓަލްތަކާއި، މާރުކޭޓުތަކާއި، ބޭކަރީތަކަށް ހަމަލާދިނުމުގެ ސަބަބުން 103 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި 26 ކުޑަކުދިން ހިމެނެއެވެ. އޭނާ ވިދާޅުވީ މަރުވާ މީހުންގެ އަދަދު މިހާވަރަށް އިތުރުވަމުން ދާއިރުވެސް، ބައިނަލްއަގުވާމީ މުޖުތަމައުން އެކަން ވަރިހަމަކޮށްލައިގެން ތިބީ ކަމުގައެވެ.
ސީރިޔާގެ ޕްރޮވިންސުތަކުގެ ތެރެއިން އިދްލިބަކީ އެގައުމުގެ އެންމެ ހުޅަނގު އުތުރުގައި ތުރުކީއާ އެއް އިންވެގެން އޮންނަ ޕްރޮވިންސެކެވެ. އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި މިހާރު އޮތް ހަމައެކަނި ޕްރޮވިންސަކީ އެއީއެވެ. އެހެންކަމުން، އެ ޕްރޮވިންސް ހަނގުރާމެރިންގެ އަތުން އަތުލުމަށް ރަޝިޔާ ސިފައިންގެ އެހީތެރިކަމާއެކު، ސަރުކާރު ސިފައިން ވަނީ ވަރުގަދަ ހަމަލާއެއް ފަށާފައެވެ.
އދ.ން ބުނެފައިވާ ގޮތުގައި މި ހަމަލާގެ ސަބަބުން އެތައް ލައްކަ ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.
"އެޕްރީލް ނިމުނު ފަހުން މިހާތަނަށް 4 ލައްކަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައި." އދ. ގެ އިންސާނީ އެހީއާ ބެހޭ އޮފީހުން އިންފޯޝަން އޮފިސަރު ޑޭވިޑް ސްވޯންސަން ބުނެފައި ވެއެވެ.
އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު މިޝޭލް ބަޗެލެޓްގެ ބަޔާނުގައި ސީރިޔާ ސަރުކާރުގެ ހަމަލާތައް ކުށްވެރިކުރައްވާފައިވާއިރު، އޭނާ ވަނީ އެކަން ހަނގުރާމައިގެ ޖަރީމާއެއްގެ ގޮތުގައި އެކަން ސިފަކުރައްވާފައެވެ.
"ގަސްތުގައި އާންމުންނަށް ދެވޭ ހަމަލާތަކަކީ ހަނގުރާމައިގެ ޖަރީމާތަކެއް. އެފަދަ ހަމަލާތަކަށް އަމުރުކުރި، ނުވަތަ އަމަލީ ގޮތުން ހަމަލާތައް ދިން މީހުން އެމީހުންގެ ޖަރީމާތަކަށް ޒިއްމާވާން ޖެހޭނެ." ބަޗެލެޓްގެ ބަޔާނުގައި ވެއެވެ.
2011 ވަނަ އަހަރު ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނު ފަހުން މިހާތަނަށް 3 ލައްކަ 70 ހާށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ސުންނާފަތި ވެފައެވެ.