ކުޑަކުދިންގެ ލައިބްރަރީގެ ޚިދުމަތް އަލުން ފަށައިފި

ފޮޓޯ: މިނިސްޓްރީ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް

ގިނަ ދުވަސް ތަކެއް ވަންދެން ބަންދުކޮށްފައި ހުރި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީގެ ޚިދުމަތް އިއްޔެ އިން ފެށިގެން އަލުން ފަށައިފިއެވެ. ތިންމަސް ދުވަސްވަންދެން ލައިބްރަރީ ޚިދުމަތް ދިނުމަށް ހަމަޖައްސަވައިފައި ވަނީ ހިލެއެވެ. ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ އަލުން ހުޅުވައިފައި މިވަނީ ބޮޑެތި ބަދަލުތަކަކާއި އާ ޚިދުމަތްތަކާއެކުގައެވެ. ލައިބްރަރީ ހުޅުވައިދެއްވީ މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނެވެ.

ޗީފް ލައިބްރޭރިއަން ހައްވާ ނާޞިހާ ވިދާޅުވިގޮތުގައި ކުޑަކުދިންގެ މަލްޓިމީޑިއާ ލައިބްރަރީ ޚިދުމަތް ފެށްޓެވީ ދެހާހެއްހާ އާ ފޮތާއެކުގައެވެ. އޭގެ ތެރޭގައި ކޮންމެވެސް ވަރަކަށް ދިވެހި ފޮތްވެސް ހިމެނޭކަން ފާހަގަ ކުރެއްވިއެވެ. ދިވެހި ފޮތް ލައިބްރަރީގައި މަދީ ނެރެވޭ ދިވެހި ފޮތް މަދުވުމުން ކަމަށް ނާސީހާ ފާހަގަ ކުރެއްވިއެވެ. އަލަށް ޚިދުމަތް ފެށުމާއި އެކު ކުރިންހުރި ދިވެހި ފޮތްތަށް ޑިޖިޓަލައިޒް ކޮށް ކުދިން ކިޔާހިތްވާގޮތަށް ޕްރޮކްޓަރ މެދުވެރިކޮށް ހުށަހަޅައިދެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ނާޞިހާ ވިދާޅުވިއެވެ.

ލައިބްރަރީގެ ޚިދުމަތް އަލުން ފެށްޓެވުމަށްފަހު ކޮންމެ ހޮނިހިރު ދުވަހު ކުދިންނަށް ޚާއްޞަ އެކްޓިވިޓީތައް ކުރިއަށް ގެންދެވުމަށް ވަނީ ހަމަޖައްސަވައިފައެވެ. އެކްޓިވިޓީގެ ގޮތުގައި ކުރިން ކުރިއަށް ގެންދެވީ ކްރާފްޓްކަމުގައި ވިއަސް އަލަށް ޚިދުމަތް ފެށުމާއިއެކު ނިންމައިފައި ވަނީ ކިޔުމުގެ ތަފާތު އެކްޓިވިޓީތައް ކުރިއަށް ގެންދެވުމަށެވެ. އެކްޓިވިޓީތަކުގައި ލައިބްރަރީގެ މެމްބަރުންނަށް ބައިވެރިވެވޭނެއެވެ. ނަމަވެސް ތިއޭޓަރަކީ ވަކި ޢަދަދަކަށް ޖާގަ އޮންނަ ތަނަކަށް ވުމުން ތިއޭޓަރ އެކްޓިވިޓީތަކަށް ރަޖިސްޓްރީ ކުރަންޖެހިދާނެކަން ނާޞީހާ ފާހަގަ ކުރެއްވިއެވެ.

މަލްޓިމީޑިއާ ލައިބްރަރީގައި އާ ޚިދުމަތެއްގެގޮތުން ކިޑީ ކަލެކްޝަނެއް ވަނީ ތަޢާރަފްކޮށްފައެވެ. މިއީ ފަސް އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ ކޮށްގެން ދޭ ޚިދުމަތެކެވެ. މިޚިދުމަތް ތަޢާރަފްކުރި ނަމަވެސް ކުރިންވެސް ދެމުން ގެންދިޔަ ކިންޑަރ ކަލެކްޝަންގެ ޚިދުމަތްވެސް ދެވޭނެކަން ނާސިޙާ ފާހަގަ ކުރެއްވިއެވެ.

އާ ޚިދުމަތެއްގެ ގޮތުން ސްކޫލު ކުދިންނަށް ލައިބްރަރީގައި ތިބެގެން ޕްރޮޖެކްޓްތައް ހެދޭނެ އިންތިޒާމް ހަމަޖެއްސުންވެސް ހިމެނެއެވެ.

"ކުދިން އެއްކޮށް ހަދަންޖެހޭ ޕްރޮޖެކްޓްތައް ހެދުމަށް، އެހެން ކުދިންގެ ގޭގެއަށް ކުދިން ފޮނުވުމަށް، ބެލެނިވެރިން ޖެހިލުންވާކަން ފާހަގަ ކުރެވޭ. އެހެންކަމުން އެގޮތަށް މަސައްކަތް ކުރަން ބޭނުންވާ ކުދިންނަށް އަޅުގަނޑުމެން އެފުރުޞަތު މިހުޅުވާލަނީ.މިތަނުގައި (ލައިބްރަރީގައި) ތިބެގެން މަސައްކަތް ކުރަން. އެކަމަށް ބޭނުންވާ އިތުރު ވަޞީލަތްތައް ވެސް އަޅުގަނޑުމެން މިގެންދަނީ ހޯދަމުން" ނާސިޙާ ވިދާޅުވިއެވެ.

މި ޚިދުމަތް ލައިބްރަރީ މެމްބަރުން ނޫން ކުދިންނަށް ވެސް ލިބޭނެކަމަށް ނާޞިހާ ފާހަގަ ކުރެއްވިއެވެ. ނަމަވެސް އެގޮތަށް ގްރޫޕެއް ހަދައިގެން އަންނަ ކުދިން ލައިބްރަރީގެ ކައުންޓަރގައި ރަޖިސްޓަރީ ވާންޖެހޭނެކަން އޭނާ ފާހަގަ ކުރެއްވިއެވެ. މިޚިދުމަތަކީ ދަރިވަރުންނަށް ހިލޭ ދިނުމަށް ހަމަޖައްސަވައިފައިވާ ޚިދުމަތެކެވެ.

މީގެ އިތުރުން ލައިބްރަރީގެ ކަންކަމުގައި ބެލެނިވެރިންގެ ބައިވެރިވުމާއި ޚިޔާލު ބޭނުން ކުރުމަށް ބެލެނިވެރިންގެ ކްލަބެއް ތަޢާރަފް ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ޗީފް ލައިބްރޭރިއަން ނާސިޙާ ފާހަގަ ކުރެއްވިއެވެ.

މަލްޓިމިޑިއާ ލައިބްރަރީއަކީ ޢުމުރުން 13 އަހަރުން ދަށުގެ ކުދިންނަށް ޚާއްޞަ ކޮށްގެން ޚިދުމަތްދޭ ލައިބްރަރީއެކެވެ. ލައިބްރަރީގެ ޚިދުމަތް ދެވޭނީ ހޮނިހިރު ދުވަހުން ފެށިގެން ބްރާސްފަތި ދުވަހަށް، ހެދުނު 10 ން ހަވީރު 4 ކަށެވެ.  

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.