ޒިންޖިއާންގގައި ޗައިނާއިން ގެންގުޅޭ އަނިޔާވެރި ސިޔާސަތަށް އިސްލާމީ ގައުމުތަކަކުން ތާއީދުކޮށްފި

ޗައިނާއިން ކޭންޕުތަކުގައި ބަންދުކޮށްގެން އުޅޭ މުސްލިމުން ދޫކޮށްލުމަށް ގޮވާލައި ބަޔަކު މުޒާހަރާކުރަނީ

ޗައިނާގެ ޒިންޖިއާންގ ޕްރޮވިންސުގެ އުއިގޫރް މުސްލިމުންނާ ދެކޮޅަށް ޗައިނާއިން ގެންގުޅޭ އަނިޔާވެރި ސިޔާސަތު ދިފާއުކޮށް 37 ގައުމަކުން އދ.އަށް ސިޓީއެއް ފޮނުވައިފިއެވެ.

މި ގައުތަކުން އދ.އަށް ކަނޑައަޅާފައި ތިއްބަވާ ސަފީރުން ސޮއިކުރައްވައި އދ. ހިއުމަން ރައިޓްސް ކޮމިޝަންގެ ރައީސާއި، ހައި ކޮމިޝަނާ ފޯ ހިއުމަން ރައިޓްސްއަށް ފޮނުވި ގުޅިފައިވާ ސިޓީގައި ވަނީ އެ ޕްރޮވިންސުގައި "އިންސާނީ ހައްގުތައް ކުރިއެރުވުމަށް" ޗައިނާއިން ކޮށްފައިވާ "ފާހަގަކޮށްލަންޖެހޭ" މަސައްކަތަށް ތައުރީފުކޮށްފައެވެ.

2014 ވަނަ އަހަރުއްސުރެ ޗައިނާއިން ދަނީ އުއިގޫރު މުސްލިމުން ދީނީ ޝަޚުސިއްޔަތާއި ސަގާފަތް ނައްތާލުމަށް މަސައްކަތްކުރަމުންނެވެ. "އަލުން ތަރުބިއްޔަތުކުރުމުގެ" ނަމުގައި ކޭޕްތަކެއް ހަދައި އެތަންތަނުގައި މިލިއަނަކަށްވެރެ ގިނަ މުސްލިމުން ބަންދުކޮށް ދީނާ މެދު އެމީހުންގެ ވިސްނުން ބަދަލުކުރުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ފާއިތުވި 4 ރަމަޟާން މަހުވެސް މުސްލިމުންނަށް ރޯދަހިފުން މަނާކުރިއެވެ. ރޯދަހިފިކަން އެނގޭ ބަޔަކަށް އަދަބު ދިނެވެ. މިސްކިތަށް ދާމީހުން ފާހަގަކޮށް އެމީހުންނަށް ދުއްތުރާކުރެއެވެ. ޒިންޖިއާންގ ޕްރޮވިންސުގެ އެތައް ސަތޭކަ މިސްކިތެއް ތަޅާލާފައި ވެއެވެ.

ޒިންޖިއާންގ ޕްރޮވިންސުގައި މުސްލިމުން އުޅެނީ އުފަލުގައިކަން ދައްކަން އިއްޔެ ގްލޯބަލް ޓައިމްސްއިން އާއްމުކޮށްފައިވާ ފޮޓޯއެއް

ޗައިނާގެ މި ސިޔާސަތަށް ތާއީދުކޮށް އދ.އަށް ސިޓީ ފޮނުވި ގައުމުތަކުގެ ތެރޭގައި ރަޝިޔާ، ކިއުބާ، އުތުރު ކޮރެޔާ، އެންގޯލާ، ފިލިޕީސް، ވެނެޒުއެލާ، މިޔަންމާ، ޒިމްބާބްވޭ އަދި ބެލާރޫސް ފަދަ ގައުމުތައް ހިމެނެއެވެ.

ހައިރާންވާން ޖެހޭ ކަމަކީ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ލާއިންސާނީ ސިޔާސަތު ދިފާއުކޮށް ފޮނުވި ސިޓީގައި ގިނަ މުސްލިމް ގައުމުތަކެއްގެ ސަފީރުން ސޮއިކުރައްވާފައި ވުމެވެ. މި ގައުމުތަކުގެ ތެރޭގައި ޕާކިސްތާން، ސައޫދީ އަރަބިއްޔާ، މިސްރު، އަލްޖީރިޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޤަޠަރު، ނައިޖީރިޔާ، ސީރިޔާ، އޮމާން، ކުވޭތު، ބަހްރޭން އަދި ތަޖިކިސްތާން ހިމެނެއެވެ.

"ޓެރަރިޒަމާއި، ހައްދުފަހަނަޅައިދިއުމުގެ ނުރައްކާތެރި ގޮންޖެހުންތަކާއި ކުރިމަތިލުމަށް ޗައިނާއިން ވަނީ ޓެރަރިޒަމާ ދެކޮޅު އަދި ހަރުކަށިކަން ނައްތާލުމުގެ ސިލްސިލާ ފިޔަޅުތަކެއް އަޅާފައެވެ. އޭގެ ތެރޭގައި މަސައްކަތް ދަސްކޮށްދޭ، ތަރުބިއްޔަތާއި ތަމްރީނުދޭ މަރުކަޒުތައް ގާއިމުކުރުން ހިމެނެއެވެ." ޗައިނާގެ ސިޔާސަތުގެ ދިފާއުގައި 37 ގައުމުން ލިޔުނު ސިޓީގައި ވެއެވެ.

މި ސިޓީ ފޮނުވާފައި މިވަނީ ޔޫރަޕްގެ 18 ގައުމުގެ އިތުރަށް ޖަޕާނާއި، އޮސްޓްރޭލިޔާއާއި، ނިއުޒީލޭންޑާއި، ކެނެޑާގެ ސަފީރުން ސޮއިކުރައްވައި، ޗައިނާއިން ޒިންޖިއާންގގައި ހިންގާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ފޮނުވި ސިޓީގެ ރައްދެއްގެ ގޮތުގައި ކަމަށް ބެލެވެއެވެ.

"ފާހަގަކޮށްލަން ޖެހޭ ކަމަކީ (އެ ސިޓީގައި ސޮއިކުރި) ގައުމުތަކުގެ ތެރޭގައި މުސްލިމް ގައުތައް ގިނަ ކަމެވެ. ޓެރަރިޒަމާ ދެކޮޅަށް ޗައިނާއި ކުރާ މަސައްކަތް އިޚްލާސްތެރި ކަމަށް، އަދި ޒިންޖިއާންގައި އަނިޔާވެރި އަމަލުތައް ހިންގާމަކަށް ބުނާ ބުނުމަކީ ހަގީތެއް ނޫންކަމަށް އެ (މުސްލިމް) ގައުތަކުން ގަބޫލުނުކުރާނަމަ، ކުރިއަށް ނުކުމެ ޗައިނާއަށް ތާއީދުނުކުރީހެވެ." ސިޓީގައި ސޮއިކުރި މުސްލިމް ގައުމުތަކަށް ތައުރީފުކުރަމުން ޗައިނާ ސަރުކާރަށް ތާއީދުކޮށް އިނގިރޭސި ބަހުން ނެރޭ ނޫސް ގްލޯބަލް ޓައިމްސްގައި ލިޔެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.