ފުލުހުންގެ ކުރިމަގު ބައްޓަން ކުރުމާއި ގުޅޭ ބައިނަލްއަޤްވާމީ ސެމިނާރެއްގައި ޑީސީޕީ ސަޢުދީ ބައިވެރިވެވަޑައިގެންފި

ދެކުނު އޭޝިޔާ ސަރަހައްދުގެ ފުލުހުންގެ ކުރިމަގު ބައްޓަންކުރުމާއި ދިމާވާ ދަތިތައް ދެނެގަތުމުގެ މަޤުސަދުގައި “އިންޓަނރޭޝަނަލް ސެމިނަރ އޮން ފިއުޗަރ ޕޮލިސިންގ ޕްރޮސްޕެކްޓްސް އެންޑް ޗެލެންޖެސް އިން ސައުތު އޭޝިޔާ” ގެ ނަމުގައި ސްރީލަންކާގައި ބޭއްވި ބައިނަލް އަޤްވާމީ ސެމިނަރއެއްގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސަޢުދީ ބައިވެރިވެވަޑައިގެންފިއެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގެ ކިންގްސްބަރީ ހޮޓެލުގައި މި އޮކްޓޯބަރު މަހުގެ 4 ން 6 އަށް ކުރިއަށް ދިޔަ މި ސެމިނަރގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ބަދަލުކޮށްފައިވަނީ އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭ ގޮތްތަކާއި ދިމާވާ މައްސަލަތަކާއި އަދި ކުރިމަގު ބައްޓަން ކުރުމުގައި އިސްލާޙު ކުރަންވީ ކަންކަމާއި ގުޅޭގޮތުންނެވެ.

މި ސެމިނަރގައި ރާއްޖެ ތަމްޞީލުކުރައްވަމުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަޙުމަދު ސަޢުދީ ވަނީ އެންވައަރަމަންޓަލް ޕޮލިސިންގ އާއި ޑިސާސްޓަރ މެނޭޖްމަންޓްއާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ހިއްސާ ކުރައްވައިފައެވެ. އެރިޕޯޓުގައި ތިމާވެއްޓާއި ގުޅޭ މައްސަލަތަކާއި އެފަދަ މައްސަލަތައް ހައްލުކުރުމަށް ފުލުހުން ކުރަމުން ގެންދާ މަސައްކަތްތަކާއި،ޑިސާސްޓަރ މެނޭޖްކުރުމުގައި ފުލުހުންގެ ދައުރާއި ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައްވައިފައިވެއެވެ.

ސައުތު އޭޝިޔާ ސަރަހައްދުގެ ޤައުމުތަކުގެ އެންމެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގައި އެކި ޤައުމުތަކުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންތަކުގައި، ޓްރާންސް ނޭޝަނަލް ކްރައިމްސްތަކާއި އިންސާނުންގެ ވަގުފާރިކުރުމާއި ޓެރެރިޒަމްގެ ޢަމަލުތަކާއި އެހެންވެސް ޖިނާޢީ ބޮޑެތި މައްސަލަތައް ހުއްޓުވުމާއި ގުޅޭ ގޮތުން މަޢުލޫމާތު ބަދަލުކޮށް މަޝްވަރާތައް ބާއްވާފައިވެއެވެ.

މިއީ ސްރީލަންކާގެ ފުލުހުންގެ ޚިދުމަތަށް 150 އަހަރު ފުރުމުގެ މުނާޞަބާއާއި ގުޅިގެން ސްރީލަންކާ ޕޮލިސް އާއި ނޭޝަނަލް ޕޮލިސް ކޮމިޝަން އަދި ސަރަހައްދުގެ ފުލުހުންނާ ގުޅޭ ކަންކަން ދިރާސާކޮށް ސްޓްރެޓެޖީތައް އެކަށައެޅުމުގެ މަސައްކަތް ކުރާ ރީޖަނަލް ސެންޓަރ ފޮރ ސްޓްރެޓީޖިކް ސްޓަޑީޒް ގުޅިގެން އިންތިޒާމް ކުރި ސެމިނަރ އެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.