ކޮލަމްބިއާގެ ރައީސަށް ނޯބެލް ސުލްހައިގެ އިނާމު

ސުލްހައިގެ ނޯނެލް އިނާމު (ނޯބެލ ޕީސް ޕްރައިޒް) ކޮލަމްބިއާގެ ރައީސް ޚުއާން މަނުއެލް ސަންޓޯސް އަށް ލިބިވަޑައިގެންފިއެވެ. މިއަދު ނޯވޭގެ އޮސްލޯގައި ބޭއްވި އިނާމު ކޮމެޓީގެ ބައްދަލުވުމުގައި އޭނާއަށް މި އިނާމު އަރުވާން ނިންމީ ކޮލަމްބިއާގައި ފަންސާސް އަހަރަށް ދިގިދެމިގެން ގޮސްފައިވާ އަހުލީ ހަނގުރާމަ ނިމުމަކަށް ގެންނަވާން އޭނާ ކުރައްވާ މަސައްކަތްޕުޅަށްޓަކައެވެ. މި ހަނގުރާމައިގައި މިހައިތަނަށް ދެ ލައްކައަށް ވުރެ ގިނަ މީހުން ވަނީ މަރު ވެފައެވެ.

މީގެ ދުވަސްކޮޅެއް ކުރީން ކޮލަމްބިއާގައި ނެގި ވޯޓެއްގައި ޚުއާންގެ ސުލްހައިގެ ޕްރޮގްރާމް ވަނީ ހަނި އަޣުލަބިއްޔަތަކުން ނާކާމިޔާބު ވެފައެވެ. މިއީ އިދިކޮޅު ލީޑަރު ރޮޑްރިޣޯ ލޮންޑޮނޯ އާ އޭނާޔާ ދެމެދު ވާން އުޅުނު އެއްބަސްވުމެކެވެ. ސުލްހައިގެ ވާހަކައިގައި ދެ ބޭފުޅުން އުޅުއްވިއެވެ. އަދި ވޯޓުގައި ކާމިޔާބީ ހޯއްދެވީ ރޮދްރިޣޯ އެވެ. އެކަމަކު ނޯބެލް އިނާމު އިންތިޒާމު ކުރާ ފަރާތުން އޭނާއަށް އިނާމު ދޭކަށް އެއްބަހެއް ނުވިއެވެ.

އިނާމު ކޮމެޓީން ބުނެފައި ވަނީ ޚުއާންގެ ސުލްހައިގެ ޕްރޮގްރާމަށް ރައްޔިތުން ތާއީދު ނުކުރުމުގެ މާނައަކީ ފަހަރެއްގައިވެސް ސުލަހައަށް ތާއީދު ނުކުރުމެއް ނޫނެވެ. އޭގެ މާނައަކީ ޚުއާން ހުށަހެޅުއްވި ބައެއް ނުކުތާތަކަށް ރައްޔިތުންގެ ތާއީދު ނެތުމެވެ.

ހަތިޔާރު ބަހައްޓައި ސުލްހައިގެ ވާހަކަޔާއިގެން ކުރިއަށް ދާން އިދިކޮޅު ފަރާތްތަކާއެކު އެއްބަސްވުމެއްގައި ސޮއި ކުރެވުނީ މިދިޔަ މަހުއެވެ. އެހެންވީމާ ވޯޓުގައި ނާކާމިުޔާބީއާ ކުރިމަތިވެ ވަޑައިގަތުމަކީ ޚުއާން އަށް ލިބިވަޑައިގަތް ބޮޑު ސިހުމެއް ކަމަށް ދުނިޔޭގެ މީޑިއާގައި ވަނީ ސިފަ ކޮށްފައެވެ.

ނޯބެލް އިނާމު ކޮމެޓީން ފާހަގަ ކުރާ ގޮތުގައި ސުލްހައިގެ އެއްބަސްވުމަށް ވޯޓު ނުލިބުނަސް، ޚުއާން ވަނީ ކޮލަމްބިއާގެ ލޭއޮހުރުވުން ހުއްޓުވައި ސުލްހައިގެ ދޮރާ ހަމަޔަށް ވަޑައިގެންފައެވެ. ސުލްހައިގެ ވާހަކަތަކުގައި ޚުއާން އާއި ރޮގްރިޣޯ ސީދާ ބައްދަލު ކުރައްވާފައި ވަނީ އެންމެ ދެ ފަހަރުއެވެ. އެކަމަކު ވާހަކަތައް ކުރިއަށް ގެންދާތާ އެރތައް އަހަރެއް ވެއްޖެއެވެ. މައިގަނޑު ވާހަކަތައް ދައްކަނީ ކިއުބާގައެވެ.

މިއީ 1992 ވަނަ އަހަރުގެ ފަހުން ދެކުނު އެމެރިކާގެ ބޭފުޅަކަށް ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ އިނާމަށް 376 ބޭފުޅުންގެ ނަން ހުށަހެޅުނެވެ. މިއީ މިހައި ގިނަ ޢަދަދަކަށް ބޭފުޅުންގެ ނަން ހުށަހެޅުނު ފުރަތަމަ ފަހަރެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.