އެއާ ކެނެޑާގެ މަތިންދާބޯޓެއް ގަދައިގައި ޖެހި ގިނަ ބަޔަކަށް އަނިޔާވެއްޖެ

ގަދައިގައި ޖެހުނު އެއާ ކެނެޑާގެ ފްލައިޓް އޭސީ33 ގެ އެތެރެ

ކެނެޑާއިން އޮސްޓްރޭލިޔާއަށް ދަތުރުކުރި އެއާ ކެނެޑާގެ މަތިންދާ ބޯޓެއް ގަދައިގައި ޖެހި، އެ ވަގުތު ބެލްޓް ނައަޅައި އެތައް ބަޔަކު ވިއްސައިގެން ގޮސް އެކި ތަންތަނުގައި ޖެހުމުގެ ސަބަބުން އެ ބޯޓުން ދަތަރުކުރި 35 މީހަކަށް އެކިވަރުގެ އަނިޔާ ވެއްޖެއެވެ.

ކެނެޑާގެ ވެންކޫވާއިން ފުރައިގެން އޮސްޓްރޭލިޔާގެ ސިޑްނީއަށް ދަތުރުކުރި އެއާ ކެނެޑާގެ ފްލައިޓް އޭސީ33 އަށް މައްސަލަ ދިމާވީ ދަތުރުފެށިތާ ދެ ގަޑިއިރަށްވުރެ ގިނައިރު ވީ ފަހުންނެވެ. އޭރު އެ ބޯޓުވަނީ އެމެރިކާގެ ހަވާއީ ފަހަނައަޅައި ދަތުރުކޮށްފައެވެ. އެހެންނަމަވެސް، މޫސުން ގޯސްވެ ބޯޓަށް ދިމާވި މައްސަލަތަގެ ސަބަބުން އެނބުރިއައިސް ކުއްލި ހާލަތުގައި ބޯޓު ވަނީ ހަވާއީއަށް ޖައްސާފައެވެ.

އެއާ ކެނެޑާގެ ތަރުޖަމާނު އެންޖެލާ މާހް ބުނިގޮތުގައި ބޮއިންގ 200-777 މަރުކާގެ މަތިންދާބޯޓު ވަނީ ބުރާސްފަތި ދުވަހު ހެނދުނު 6:45 ގައި (ރާއްޖޭގަޑިން ބުރާސްފަތި ދުވަހުގެރޭ 9:45 ގައި) ހަވާއީއަށް ޖައްސާފައެވެ. އޭނާ އިތުރަށް ހާމަކުރި ގޮތުގައި މަތިންދާބޯޓު ޖެހުނީ "ކުރިން ލަފާކުރެވިފައި ނުވާ، ކުއްލި" ގަދައެއްގައެވެ.

އެ މަތިންދާބޯޓުން ދަތުރުކުރި މީހަކު ކިޔައިދިން ގޮތުގައި ބޯޓު "ހަމަ ވެއްޓުނީ" އެވެ. "އަހަރުމެން ގަދައިގައި ޖެހުމުން އަހަރެންނަށް ހޭލެވިގެން ބެލީ އަހަރެންގެ ކުދިން ތިބީ ބެލްޓް އަޅުވާފައިތޯ. ދެން އަހަރެންނަށް އެނގުނީ ބައެއް މީހުން ހަގީގަތުވައިވެސް ސީލިންގާ ހަމައަށް އަރާފައި ތިބިކަން." ސްޓެފެނީ ބީމް ނަމަކަށް ކިޔާ އެ މީހާ ކިޔައިދިނެވެ.

އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ގެ ތަރުޖަމާނު އިއާން ގްރެގޯ ބުނިގޮތުގައި 269 ފަސިންޖަރުންނާ 15 ފަޅުވެރިންނާއެކު ދަތުރުކުރި އެ މަތިންދާބޯޓު ގަދައިގައި ޖެހުނީ 36 ހާސް ފުޓޫ މަތިން ދަތުރުކޮށްފައި ދަނިކޮށެވެ. އޭރު ބޯޓު އުދުހެމުން ދިޔައީ ހޮނޮލުލޫގެ 966 ކިލޯމީޓަރު ދެކުނުންނެވެ.

ބޯޓުން ދަތުރުކުރި ޖެސް ސްމިތު ކިޔައިދިން ގޮތުގައި "އަހަރުމެން އެންމެން (އަރައިގެން ގޮސް) މަތީގައި ޖެހުނު. ހުރިހާ އެއްޗެއް ވެއްޓުނު. މީހުން ތިބީ އުދުހި އުދުހި."

މަތިންދާބޯޓު ކުއްލިއަކަށް ތިރިއަށް ވެއްޓުނުއިރު "ބައެއް މީހުން ބެލްޓް ނައަޅާ ތިބުމުން. އެމީހުން މައްޗަށް އަރައިގެން ގޮސް ބޯޓުގެ މަތީގައި ބޯ ޖެހުނު ތަން ފެނުނު." އެ ބޯޓުން ދަތުރުކުރި ފާއިޒު އަސަދު ކިޔައިދިނެވެ.

ފަސިންޖަރުން ހޮނޮލުލޫގައި ތިބުމާއި، ކެއުމުގެ ކަންތައް އެއާ ކެނެޑާއިން ހަމަޖައްސައިދީފައި ވާއިރު، އަނެއްކާވެސް ދަތުރު ފެށުމަށް ތައްޔާރުވަމުން ދާކަމަށް އެއާ ކެނެޑާއިން ވަނީ ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.