ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އިނާޔަތް ބޮޑުކުރުމަށް ހުށަހެޅުނު ބިލާމެދު އެމްޑީޕީގެ ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުނަށް ދޭ މާލީ އިނާޔަތް ބޮޑުކުރުމަށް ހުށަހެޅުނު ބިލުގެ ބަހުސް ގައި ވާހަކަ ދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ މެމްބަރ ޙަސަން ލަޠީފު ވިދާޅުވީ އިޖްތިމާޢީ ރައްކާތެރިކަމަކީ ޢެމްޑީޕީގެ ލަފްޒުތަކެއް ކަމުގައެވެ. 2010 ވަނަ އަހަރު ޤާނޫނު އުފެދިގެންވެސް އައީ އެ ވިސްނުމުގައިކަމަށް ވިދާޅުވިއެވެ. އެމްޑީޕީގެ ޖުމުލަ ވިސްނުމަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލެވޭނެ ރަނގަޅު އިންތިޒާމުތަކެއް ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ބިލްގައި ފުރިހަމަ ކުރަންޖެހޭ ކަމެއް ހުރިއްޔާ އެކަންކަން ފުރިހަމަ ކުރުމަށް އެމްޑީޕީން ތާއީދު ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އެންމެ މުހިންމު ކަމަކީ އެއްވެސް ދަތިކަމެއް ނެތި ދައުލަތުން ފޯރުކޮށްދެންޖެހޭ ޚިދުމަތައް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ފޯރުކޮށް ދެއްވުން ކަމަށް ވިދާޅުވިއެވެ. އެއީ މާލީ މަންފާއެއް ލިބޭ ގޮތަށް ފައިސާ ދިނުމެއް ނޫންކަމަށެވެ. ޤާނޫނަށް ގެންނަ އިސްލާޙަކުން ދައުލަތުން ބޮޑު ޚަރަދެއް ކުރަންޖެހޭ ގޮތަށް ކުރާކަމެއް ނޫންކަމަށެވެ. މަޖިލީހުން ކޮށްދޭންވި ކަމަކީ އެ ޚިދުމަތްތައް ދިނުމުގައި ހުރި ދަތިކަމެއް ހޯދާ ދެނެގަނެ އެކަންކަމަށް ހައްލު ހޯދައި ދިނުންކަމަށް އެނާ ފާހަގަ ކުރެއްވިއެވެ.އަންދާޒާ ނުކޮށް އޮތް ބޮޑު މާލީ ބުރައެއް ކުއްލިއަކަށް އުފުލަން ޖައްސާނީ ކިހިނެއްތު މެމްބަރ ޙަޞަން ލަތީފު ސުވާލު އެފެއްދެވިއެވެ.
ދައުލަތުން މާލީ ބުރައެއް އުފަލަންޖެހޭ ގޮތަށް ޖުމްހޫރީ ޕާޓީން ބިލް ހުށަހަޅައިފައިވަނީ އެއްވެސް މަޝްވަރާއެއް ކުރުމެއް ނެތިކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރ ފާހަގަ ކުރެއްވިއެވެ. މަޝްވަރާ ކުރުމެއް ނެތި ޖުމުހުރީ ޕާޓީން ބިލް ހުށަހެޅި ނިޔަތާ މެދު ރައްޔިތުން ސުވާލުކުރައްވާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދަނގެތީ ދާއިރާގެ މެމްބަރ މުޙައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވި ބިލްގައި ވަނީ ނުކުޅެދޭ މީހުންނަށް ދޭ މާލީ އިނާޔަތް 5000 ރުފިޔާ އާއި 7000 ރުފިޔާ އާ ދެމެދުގެ ޢަދަދަކަށް ބޮޑު ކުރުމަށެވެ. ބިލްގައި ވަނީ ދަފުތަރުން އެ މީހަކު އުނިކުރާ ދުވަހާ ހަމައަށް ކޮންމެ މަހަކު އެ އިނާޔަތް ދޭންޖެހޭނެ ކަމަށެވެ.
މިހާރު ނުކުޅެދޭ މީހުނަށް ދެނީ 2000 ރުފިޔާގެ މާލީ އިނާޔަތެކެވެ.
ނުކުޅެދުންތެރި ކަމުގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތިވެފައިވާ ފަރާތްތަކަށް މަދުވެގެން 9000 ރުފިޔާގެ އިނާޔަތެއް ސަރުކާރުން ދޭން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރެއް އެކުލަވާލައި ގިންތި ކުރަންޖެހެނެކަމަށް ވެސް ބިލްގައި ވެއެވެ.