ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީސިސް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ އެޕެންޑިކްސް 2ގައި އައިނުމަތީ މިޔަރު ހިމެނުމަށް ދިވެހިރާއްޖއިން 17ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް އަށް ހުށަހެޅި ހުށަހެޅުމަށް 146 މެމްބަރުންގެ ތެރެއިން 111 މެމްބަރު ގައުމުގެ ވޯޓާއެކު މިއަދު ސައުތު އެފްރިކާގެ ޖޮހަނަސްބާގުގައި ލިސްޓު ކުރެވިއްޖެއެވެ. ދިވެހިރާއްޖެއިން މިޕްރޮޕޯޒަލް ހުށަހެޅީ ބަހާމަސް، ބަންގްލަދޭޝް، ބެނިން، ބްރެޒިލް، ބުރްކިނާ ފާސޯ، ކޮމޮރޮސް، ޑޮމިނިކަން ރިޕަބްލިކް، އިޖިޕްޓު، ޔޫރަޕިއިން ޔޫނިއަން އަދި 28 މެމްބަރ ގައުމު، ފީޖީ، ގަބޯން، ގާނާ، ގިނިއާ، ގިނީ-ބިސާއު، މަރުޝިއާނާ، ޕަލާއު، ޕަނަމާ، ސަމޯއާ، ސެނެގާލް، ސްރީ ލަންކާ އަދި ޔުކްރެއިން އާއެކުއެވެ.
ދިވެހިރާއްޖޭގައި އައިނުމަތީ މިޔަރަކީ ތިމާވެށީގެ ގޮތުން އަދި އިޤްތިޞާދީ ގޮތުން ވަރަށް މުހިއްމު ދިރުމެކެވެ. މިގޮތުން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ދޮށީގެ މަސްވެރިކަމުގައި އައިނުމަތީ މިޔަރު އަދާކުރާ ރޯލު ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގައި 2010ވަނަ އަހަރު މިޔަރުގެ ހުރިހާ ބާވަތެއް ހިމާޔަތްކޮށް އިއުލާން ކުރެވުނެވެ. އެހެންނަމަވެސް މިޔަރަކީ ހިޖުރަކުރާ ދިރުމަކަށްވެފައި، ވަކި ބޯޑަރެއް ފާހަގަކުރާ ދިރުމަކަށް ނުވާތީ، ހަމައެކަނި ދިވެހިރާއްޖޭގައި ހިމާޔަތްކުރުމުން މިޔަރަށް ލިބެންޖެހޭ އެންމެ ފުރިހަމަ ހިމާޔަތް ލިބިގެންނުދެއެވެ. އިންޓަނޭޝަނަލް ޔޫނިއަން ފޯ ކޮންޒަވޭޝަން އޮފް ނޭޗަރ އިން އައިނުމަތީ މިޔަރު ރެޑް ލިސްޓުގައި ލިސްޓުކުރެވިފައިވަނީ ނެތިދިޔުމުގެ ބިރު ހީވެފައިވާ ދިރުމެއް ގޮތަށެވެ. ދިވެހިރާއްޖޭގައި އައިނުމަތީ މިޔަރު ވަނީ އާބާދީ 90% އަށް ވުރެ ދަށަށް ގޮސް ސައިޒުން ކުޑަވެފައެވެ. އައިންމަތީ މިޔަރު ހިމެނެނީ އިންޑިޔާ ކަނޑާއި ދުނިޔޭގެ އެހެން ކަނޑުތަކުގައި ކަނޑުމަހުގެ ލޭނުއެޅުމާއި، ބޮޑުދާ އެޅުމުގެ ތެރެއިން އެންމެ އާންމުކޮށް ބޭނޭ މިޔަރަށެވެ.
މިޔަރުގެ އާބާދީ ދަށްވެ އާލާވާވަރަށް ވުރެ ގިނައިން ބޭނުމާއި ހިފުމުގެ މައިގަނޑު ސަބަބަކީ މިޔަރުގެ އުރަހައަށް ބައިނަލްއަޤްވާމީ ގޮތުން އޮންނަ ޑިމާންޑެވެ. އައިންމަތީ މިޔަރު ހިމެނެނީ ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ވިޔަފާރި ކުރެވޭ މިޔަރަށެވެ. ސައިޓީސް ގެ އެޕްންޑިކްސް 2ގައި އައިނުމަތީ މިޔަރު ހިމެނުން ކާމިޔާބު ކަމާއެކު ތަންފީޒުކުރުމުގެ ގޮތުން، މިލިސްޓުކުރުމަށް އަމަލުކުރުން 12 މަހަށް ވަނީ ލަސްކުރެވި އެޑޮޕްޓް ކުރެވިފައެވެ. މީގެ ސަބަބުން މިހާރު ލިބެންހުރި ވަސީލަތްތައް ބޭނުންކުރުމަށް ޕާޓީތަކުން ތައްޔާރުވުމާއި، ކަސްޓަމްސް އޮފިސަރުން ޓްރެއިންކޮށް އެހެން ފަރާތްތަކަށް އަންގައި އިއުލާން ކުރުމަށް ބޭނުންވާ ވަގުތު ލިބިގެންދާނެއެވެ.
އައިނުމަތީ މިޔަރު ސައިޓީސްގެ އެޕެންޑިކްސް 2ގައި ލިސްޓުކުރުމުގެ ސަބަބުން މިމިޔަރުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލުކުރެވި، ރެގިއުލޭޓުކުރެވި މޮނިޓަރ ކުރެވޭނެއެވެ. މިގޮތުން އައިނުމަތީ މިޔަރު، ނުވަތަ މިޔަރުގެ ބައެއް، ނުވަތަ އުފެއްދުމެއް، ސައިޓީސް މެމްބަރު ގައުމަކުން އެކްސްޕޯޓު ކުރާނަމަ، އެގައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީއިން ދޫކޮށްފައިވާ އެކްސްޕޯޓު ޕާމިޓު އައިނުމަތީ މިޔަރުގެ ކޮންމެ ވިޔަފާރިއަކާ އެކު ބޭނުންވާނެއެވެ. ދިވެހިރާއްޖެއަކީ ހުރިހާ ބާވަތެއްގެ މިޔަރު ގާނޫނެއްގެ ދަށުން ހިމާޔަތްކުރެވިފައިވާ ގައުމަކަށްވާތީ، މިޔަރު ބޭނުމާއި ހިފުމާއި، އަދި މިޔަރާއި މިޔަރުގެ ބައިތަކުގެ ވިޔަފާރި ކުރުމަކީ މަނާ ކަމެކެވެ.
އަދި މީގެ އިތުރުން ސައިޓީސް ގެ އެޕެންޑިކްސް 2ގައި ކަނޑުމަހުގެ ހުރިހާ ބާވަތެއް ހިމެނުމަށް ސްރީލަންކާއިން ހުށަހަޅާފައިވާ ޕްރޮޕޯޒަލްއަށާއި، އެޕެންޑިކްސް 2ގައި މާކަނޑުގައި އުޅޭ މަޑީގެ ބާވަތެއްކަމަށްވާ މޮބިއުލާ ރޭސް ހިމެނުމަށް ފިޖީއިން ހުށަހަޅާފައިވާ ޕްރޮޕޯޒަލްއަށް ދިވެހިރާއްޖެއިންވާނީ ކޯ ސްޕޮންސަރކޮށްފައެވެ. އަދި މި ދެ ދިރުންވެސް ވަނީ ކާމިޔާބުކަމާއެކު ސައިޓީސްގެ އެޕެންޑިކްސް 2ގައި ލިސްޓުކުރެވިފައެވެ.
އައިނުމަތީ މިޔަރާއި، ކަނޑިމިޔަރުގެ ހުރިހާ ބާވަތްތަކާއި، މޮބިއުލާ ރޭސް އެޕްނެޑިކްސް 2ގައި ލިސްޓުކުރުމުގެ ސަބަބުން ބައިނަލްއަގްވާމީ ގޮތުން މިދިރުނތައް ހިމާޔަތްކުރުމަށް އެއްބާރުލުން ލިބި ދެމެހެއްޓެނިވި ގޮތެއްގައި މިކަހަލަ ދިރުންތައް ބޭނުން ކުރުމަށް މަގުފަހިވެގެންދާނެއެވެ.