މި އަހަރު މިހާތަނަށް 1.1 ބިލިއަން ރުފިޔާގެ 36 މަޝްރޫޢުގައި ސަރުކާރުން ސޮއިކޮށްފައިވާކަމަށް ޕްލޭނިން މިނިސްޓަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިކަން ހާމަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިހަވަންދޫ ދާއިރާގެ މެމްބަރ މުޙައްމަދު ޝިފާޢު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
މިނިސްޓަރ އަސްލަމް ވިދާޅުވި ގޮތުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ ތެރޭގައި ފެނުގެ ތިން މަޝްރޫޢާއި ބަނދަރު ހެދުމުގެ 14 މަޝްރޫޢާއި ފެނާ ނަރުދަމާގެ 11 މަޝްރޫޢާއި މަގު ހެދުމުގެ ހަތް މަޝްރޫޢު ހިމެނެއެވެ. މީގެ އިތުރުން 41 މަޝްރޫޢުގެ މަޝްވަރާތައް ކޮންޓްރެކްޓަރުންނާ އެކު ކުރިއަށް ދާކަން މިނިސްޓަރ އަސްލަމް ފާހަގަ ކުރެއްވިއެވެ. ޓެންޑަރ މަރުޙަލާގައި 20 މަޝްރޫޢަކާއި ޑޯނަރ ފަންޑިންގެ މަޝްވަރާތަކުގައި 39 މަޝްރޫޢެއްގެ މަސައްކަތް ކުރެވެމުން ދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕްލޭނިން މިނިސްޓަރ އަސްލަމް ވިދާޅުވީ މިއަހަރުގެ ބަޖެޓްގައި ޖަހައިފައިވާ ގިނަ މަޝްރޫޢުތަކަށް ކަނޑައަޅައިފައި ވަނީ ވަރަށް ކުޑަ ޢަދަދުތަކެއް ކަމުގައެވެ. އެހެންކަމުން އަހަރު ކުރީކޮޅު މަސައްކަތް ފަށައިފިނަ ވަކި ހިސާބަކުން ހުއްޓާލަން ޖެހިދާނެތީ އެފަދަ މަސްރޫއުތައް އަހަރު މެދު ތެރޭގައި ނުވަތަ ފަހު ކޮޅު ފަށާނެކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ. ބަޖެޓްގައި ޖަހައިފައިވާ އެއްވެސް މަޝްރޫޢެއް ނުފެށި ނުދާނެ ކަމުގެ ޔަޤީންކަން ޕްލޭނިން މިނިސްޓަރ ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވައިފައެވެ. މަޝްރޫޢު ކުރިއަށްދާނެ ގޮތް ތަރުތީބު ކުރައްވައިފައިވާ ކަމަށާއި އެ ތަފްޞީލްތައް ވެސް މެމްބަރުންނާ ފަހުން ޙިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.
އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ޕްލޭނިން މިނިސްޓަރ ވަޑައިގެންނެވީ މަރަދޫ ދާއިރާގެ މެމްބަރ އިބްރާހީމް ޝަރީފު ކުރެއްވި ސުވާލަކާ ގުޅިގެންނެވެ. ޝަރީފުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އައްޑު އަތޮޅުގެ ރަށްތަކުގެ ބިން ހިއްކުމާއި މަގު ހެދުމަށް އިންޑިއާގެ އެގްޒިން ބޭންކުން ފަންޑިން ހޯދުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައެވެ. އައްޑޫގެ ބިން ހިއްކުމަށް ބަޖެޓްގައި ޖަހައިފައިވާ ޢަދަދަކީ އެފަދަ މަސައްކަތަކަށް ވަރަށް ކުޑަ މިންވަރެއްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ އަދަދުވެސް މަޝްރޫޢަށް ހޭދަ ކުރެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.