ޤަޠަރު ހިސާރުކުރީ އެ ގައުމުގެ މުއްސަނދިވެފައި ނުފޫޒު ގަދަވުމުގެ ސަބަބުން: ޓިލާސަން

އެމެރިކާ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ރެކްސް ޓިލާސަން

ސައުދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިސްވެ ތިބެ، މިސްރާއި، ބަހްރޭނާ ގުޅިގެން ޤަޠަރު ހިސާރުކުރި ސަބަބު އެމެރިކާ ކުރީގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) ރެކްސް ޓިލާސަން ހާމަކުރައްވައިފިއެވެ.

އެމެރެކާގެ ގާނޫނުހަދާ މަޖިލީހުގެ ތީރިގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސް، ގެ ފޮރިން އެފެއާޒް ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޓިލާސަން ވިދާޅުވީ އަރަބި ހަތަރު ގައުމުން ޤަޠަރާއި ދެކޮޅަށް ފިޔަވަޅު އެޅީ އެ ގައުމުގެ "މުއްސަނދިކަމާއި، ނުފޫޒަގަދަކަމުގެ ސަބަބުން" ކަމުގެ ސަބަބުން ކަމުގައެވެ.

ހަތަރު ގައުމުގެ މަންދޫބުންނާ ބައްދަލުކުރައްވައި ހިސާރަކީ "އެ ހަތަރު ގައުމުގެ ސަލާމަތަށް ވެސް ހުރި ނުރައްކަލެއްކަން އެމީހުންނަށް ވިސްނައިދޭން މަސައްކަތްކުރި" ކަމުގައި ވެސް ޓިލާސަން ވިދާޅުވިއެވެ.

"އަހަރެންން ގަބޫލުކުރާ ގޮތުގައި އެމީހުންނަށް ލިބިގެންވާ މުއްސަނދިކަމާއި، އީޖާބީ (ޕޮޒިޓިވް) ގޮތުގައި ކަންކަން ނިންމުމުގައި އެމީހުންނަށް ލިބިގެންވާ ކުޅަދާނަކަމާއި، އަދި (ސަރަހައްދުގައި) ކުރިން އަދާނުކުރާ ފަދަ ވަރުގަދަ ދައުރެއް އަދާކުރަން ފުށުމަކީ ގަލްފުގައި އުފެދުނު އަރައިރުމުގެ ފަހަތުގަވާ ކަންކަން." ޓިލާސަންއިތުރަށް ވިދާޅުވިއެވެ.

"ޤަޠަރުގެ އަމީރާއި އޭނާގެ އަނބިކަނބަލުން ޝޭޚާ ޢަނޫދަކީ އަބަދުވެސް ކުރިއަށް ވަޑައިގަތުމަށް މަސައްކަތްކުރައްވާ ބޭފުޅުން. މިކަމަކީ އެހެން ބަޔަކަށް ކުރިމަތިވި ފިއްތުމަކަށްވީ." އެމެރިކާ ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ރައީސު ޓްރަމްޕްގެ މުސްތަޝާރު އަދި ޅީދަރިކަލުން ޖަރެޑް ކުޝްނާއާއި ސައޫދީ ވަލީއަހުދު މުޙައްމަދު ބިން ސަލްމާނާއި ދެމެދު އޮތް ގުޅުމާ ގުޅޭގޮތުން ސުވާލު ދެންނެވުމުން ޓިލާސަން ވިދާޅުވީ "އެ ދެ ބޭފުޅުންގެ ދެމެދުގައި ވަރަށް ގިނައިން މުއާމަލާތް ކުރެވޭ" ކަމަށާއި، އެމެރިކާ އެންބަސީތަކަށް އެންގެވުކާ ނުލައި ކުޝްނާ ވަރަށް ގިނައިން މެދު އިރުމައްޗަށް ދަތުރުކުރައްވާ ކަމަށެވެ.

އެމެރިކާގެ ބިޔަ ތެޔޮ ކުންފުނި އެކްސަން މޯބައިލްގެ ކުރީގެ ވެރިއަކަށް ހުންނެވި ރެކްސް ޓިލާސަންއަށް ޚާރިޖީ ވަޒީރުކަމުގައި ހުންނެވުނީ 13 މަސް ދުވަހުއެވެ. ކުޝްނާއާއި، ރައީސު ޓްރަމްޕުގެ އަރިސް އެހެން ބޭފުޅުންގެ ނުފޫޒުގަދަވެ، އެ ބޭފުޅުންނާ ޚިޔާލު ތަފާތުވުމުގެ ސަބަބުން 13 މޭ 2018 ގައި ރައީސު ޓްރަމްޕް ވަނީ ޚާރިޖީ ވަޒީރުކަމުން ޓިލާސަން ވަކިކުރައްވާފައެވެ.    

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.