ޓިއުނިސްގައި ޖާނުން ފިދާވުމުގެ ދެ ހަމަލާއެއް

ޓިއުނިސްގައި ދިން ޖާނުން ފިދާވުމުގެ ހަމަލާއެއްގައި ހަލާކުވި އުޅަނދު

ޓިއުނީޝިޔާގެ ވެރިރަށް ޓިއުނިސްގެ މެދުތެރޭގައި ދެވުނު ޓެރަރިސްޓް ދެ ހަމަލާއެއްގައި އެކަކު މަރުވެ 9 މީހުން ޒަޚަމްވެއްޖެއެވެ. މަރުވެފައި ވަނީ ފުލުހުންގެ މީހެކެވެ. އަދި ޒަޚަމްވީ 9 މީހުންގެ ތެރެއިން 6 މީހަކު ނިސްބަތް ވަނީ ސަލާމަތީ ބާޔުތަކަށެވެ.

ފުރަތަމަ ހަމަލާ އަމާޒުކޮށްފައި ވަނީ ޓިއުނިސްގެ މެދުތެރޭގައި އޮންނަ ޗާލްސް ޑިގޯލް މަގުގައި ހަރަކާތްތެރި ވަމުންދިޔަ ފުލުހުންގެ އުޅަނދަކަށެވެ. އަމިއްލަ ގައިގައި ބޮން ހަރުކޮށް، ޖާނުން ފިދާވެގެގެން ހަމަލާ ދިން އެ އުޅަނދު އޮތީ ޓޫނިޝިޔާގައި ހުންނަ ފްރާންސް އެންބަސީއާ 100 މީޓަރު ދުރުގައެވެ. މިހަމަލާގައި ފުލުހުންގެ އެކަކު މަރުވެ އެކަކު ޒަޚަމްވެފައި ވާއިރު، އާއްމުންގެ ތިން މީހަކު ޒަޚަމްވެފައި ވެއެވެ.

ބައެއް ޚަބަރުތައް ބުނާ ގޮތުގައި ހަމަލާ އަމާޒުވި އުޅަނދުގެ ވަށައިގެން މަގުމަތީގައި އިންސާނުންގެ ގުނަވަނުގެ ބައިތައް ހުއްޓެވެ.

ފުރަތަމަ ހަމަލާ ދިން ފަހުން ގިނަ އިރުތަކެއް ނުވެ ދެވަނަ ހަމަލާ ދީފައި ވަނީ ވެސް އަމިއްލަ ނަފުސު ގޮއްވާލައިގެން ހަމަލާދިން މީހެކެވެ. އަލްޤަރްޖާނީ އަވަށުގައި ހުންނަ ނޭޝަނަލް ގާޑުގެ މަރުކަޒެއްގެ ކައިރީގައި ދިން މިހަމާގައި ޖާނުން ފިދާވި މީހާގެ މަރުވެ، ފުލުހުންގެ 4 މީހަކު ޒަޚްމްވެފައި ވެއެވެ.

މިއަދު ބޮމުގެ ހަމަލާތައް ދީފައިވާއިރު، ޓިއުނީޝިޔާގެ ރައީސު އަލްބާޖީ ޤާޔިދު އައްސިބްސީގެ ޙާލުކޮޅު ކުއްލިއަކަށް ދެރަވެގެން އޭނާ ވަނީ ހޮސްޕިޓަލަށް ގެންދެވިފައެވެ. އޭނާގެ ހާލުކޮޅު ދެރަކަމުގެ މައުލާމާތުން ލިބެމުން އަންނައިރު، ސަރުކާރުން ވަނީ ހާލުކޮޅު އިތުރަށް ގޯސްނުވާ ކަމުގެ ޚަބަރު ދެއްވާފައެވެ.

ޓިއުނީޝިޔާގެ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނެއް ބުނި ގޮތުގައި އުމުރުފުޅުން 92 އަހަރުގެ އައްސިބްސީ "ވަރަށް ބޮޑު ސިއްހީ މައްސަލައެއްގައި" އަސްކަރީ ހޮސްޕިޓަލަށް ގެންދެވިފައިވާ އިރު އޭނާ އޮންނެވީ "ނާޒުކު" ހާލަތެއްގައެވެ.

ރައީސު އައްސިބްސީ އަވަހާރަވީ ކަމުގެ ޚަބަރުތައް ފެތުރު ނަމަވެސް ރައީސުގެ މުސްތަޝާރު ޔޫސުފު އައްޝާހިދު ވަނީ އެކަން ދޮގުކުރައްވާފައެވެ. އައްޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަސްކަރީ ހޮސްޕިޓަލުގައި އޮންނެވި އައްސިބްސީއަށް ޒިޔާރަތްކުރެއްވި ކަމަށާއި، އޭނާއަށް ފުރިހަމަ ފަރުވާ ދެވެމުން ދާކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.