ސޮފްވާންވެސް ބްރޯޑްކޮމްއިން އިސްތިއުފާ ދެއްވައިފި

ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ކުރީގެ ނައިބު ރައީސް އަދި މިހާރުވެސް އެ ކޮމިޝަނުގެ މެމްބަރު ކަމުގައި ހުންނެވި އިސްމާއީލް ސޮފްވާން މިއަދު މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ސޮފްވާގެ އިސްތިއުފާގެ ސިޓީ ލިބިވަޑައިގެންފައިވާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ މުޤައްރިރު ޒޮނައިނާ އާދަމްވެސް ވަނީ ކަށަވަރުކޮށް ދެއްވާފައެވެ. އޭސީސީގެ ރައީސް ހަސަން ލުތުފީވެސް އޭނާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުގެ ކުރިން މިއަދު ވަނީ އިސްތިއުފާ ދެއްވާފައެވެ. ސޮފްވާވެސް  އިސްތިއުފާ ދެއްވީ އިތުބާރު ނެތް ކަމުގެ ވޯޓު ނަގާނެކަން ކަށަވަރު ވުމުން ކަމަށް ބެލެވެއެވެ. ސޮފްވާން އާއި ލުތުފީގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ފޮނުވަން ކޮމިޓީން ނިންމީ އޮފީހަށް ވަޑައިނުގެން މުސާރަ ނަންގަވާ މައްސަލައެއްގައެވެ.

ލުތުފީ އާއި ސޮފްވާން އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ނިންމާފައި ވަނީ އެދެބޭފުޅުންގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓަކަށް އެހުމަށް މަޖިލީހަށް ފޮނުވުމުގެ ކުރިން ދެބޭފުޅުންވެސް ކޮމިޓީއަށް ވަޑައިގެން ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުޞަތު ދޭށެވެ. ނަމަވެސް ސޮފްވާން އާއި ލުތުފީ އަމިއްލަފުޅަށް އިސްތިއުފާ ދެއްވައިފިނަމަ އިތުބާރު ނެތް ކަމުގެ މައްސަލަ އެހިސާބުން ނިމޭނެއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.