
ގދ. ތިނަދޫ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއިން ފާސްކޮށްފިއެވެ. މެޖިސްޓްރޭޓް މަޤާމުން ވަކިކުރުމަށް ފާސްކުރެއްވީ 70 މެމް ބަރުންގެ ޢިއްތިފާޤުންނެވެ. މިއީ ފަނޑިޔާރެއްގެ ސްލޫކީ މައްސަލައެއްގައި މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފުރަތަމަ ފަހަރެވެ.
ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީންވެސް ނިންމަވައިފައިވަނީ އެ މައްސަލަ ބެލުމުގައި ޖޭއެސްސީއިން އިޖުރާތުތައް ފުރިހަމަކޮށްފައިވާތީ އެކޮމިޝަނުން އެދިފައިވާ ގޮތަށް މެޖިސްޓްރޭޓް އިބްރާޙީމް ރަޝީދު މަޤާމުން ވަކިކުރުމަށެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓްގެ ފަނޑިޔާރުގެ މައްސަލައިގައި ޖޭއެސްސީން ގޮތެއް ނިންމައިފައިވަނީ އެމައްސަލަ ހުށަހެޅުނުތާ ހަ އަހަރަށް ފަހުގައި ކަމަށް ވުމުން ބަހުސް މަރުޙަލާގައި މެމެބަރުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައިވެއެވެ.
ތިނަދޫ މެޖިސްޓްރޭޓް އިބްރާޙީމް ރަޝީދުގެ ސްލޫކީ މައްސަލައެއް ބައްލަވާ މަޤާމުން ވަކިކުރުމަށް ޖޭއެސްސީ އިން ހުށަހަޅައިފައި ވަނީ އަންހެނަކާ ދިމާލަށް އާންމު އަޚްލާޤީ މިންގަނޑާ ޚިލާފު ހަޑިހުތުރު އެއްޗެހިތަކެއް، މަގުމަތީގައި ހުރެގެން ގޮވި މައްސަލައިގައެވެ. ތިނަދޫ މެޖިސްޓްރޭޓްގެ ސްލޫކީ މައްސަލަ ޖޭ އެސްސީއަށް ހުށަހެޅުނީ 25 އޭޕްރީލް 2013 ގައެވެ.