ރާއްޖޭގައި މިހާރު ހިންގަމުންދާ ދެ ޔުނިވަރސިޓީ ހިންގާ ދެބިލަށް އިސްލާހު ހުށަހަޅައި އެދެބިލް މަޖިލީހުގެ ކޮމެޓީ މަރުހަލާގައި ދަނީ ދިރާސާކޮށް ގެންނަންޖެހޭ އިސްލާޙުތައް ގެންނަމުންނެވެ. ދެބިލްވެސް ހުށަހެޅީ ސަރުކާރުންނެވެ. ދެ ބިލްގައިވެސް ވަނީ ޔުނިވަރސިޓީ ހިންގުމުހެ އުޞޫލުތަކަށް ގެނައި އިސްލާޙުތަކެއްގެ ވާހަކައެވެ. ޚާއްޞަ ގޮތެއްގައި ޔުނިވަރސިޓީ ކައުންސިލަކީ މިނިވަންކޮށް އެކުލަވާލެވޭ ކައުންސިލަކަށް ހެދުމަށް ދެ ބިލަށް ވެސް ހުށަހެޅިފައިވަނީ ދާދި އެއްކަހަލަ އިސްލާޙުތަކެކެވެ.
ހުށަހެޅިފައިވާ އިސްލާޙުތަކުގެ ތެރޭގައި ޔުނިވަރސިޓީ ހިންގުމަށް އެކުލަވާލާ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން 10 މެމްބަރުންނަކީ ރައީސް އައްޔަންކުރާ މެމްބަރުންގެ ގޮތުގައި މިހާރު އޮތް އޮތުން ބަދަލުކޮށް ކައުންސިލް އެކުލަވާލުމަށް ރައީސްއަށް ލިބިދީފައިވާ ބާރުތައް ހަނިކޮށް އެ ބާރުތައް ކައުންސިލަށް ދިނުން ހިމެނެއެވެ. އެގޮތުން ޑެޕިއުޓީ ވައިސް ޗާންސެލަރުން އައްޔަން ކުރުމުގެ ބާރު ކައުންސިލަށް ދިނުމަށް އިސްލާޙުގައި ވެއެވެ. ކައުންސިލް މެމްބަރުންގެ ޢަދަދު 13 އިން 18 އަށް އިތުރުކުރުކޮށް، ކައުންސިލްގެ ބެލެންސް ހިފެހެއްޓުމަށް ޔުނިވަރސިޓީގެ ބޭރުން އައްޔަން ކުރެވޭ މެމްބަރުންނާ އެއްވަރެއް އެތެރެއިން ވެސް އަށް މެމްބަރުން އިންތިޚާބު ކުރުން އިސްލާޙުތަކުގެ ތެރޭގައި ހިމެނެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ބިލާމެދު މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެވި ތަފާތު ޚިޔާލުފުޅުތައް މެމްބަރުން ވަނީ ހުށަހަޅުއްވައިފައެވެ. ނަމަވެސް އިސްލާމީ ޔުނިވަރސިޓީގެ ބިލް މަޖިލީހުން ބަލައިގެންފައިވަނީ މެމްބަރުންގެ ބަހުސް ކުރުމަކާ ނުލައެވެ. އެހެންކަމުން އެ ބިލާމެދު މެމްބްރުންގެ ކަންބޮޑުވުންތަކެއް ހުރި ކަމެއްވެސް އަދި ނެތްކަމެއް ވެސް ނޭނގެއެވެ. ސަރުކާރުގެ ފަރާތުން ބިލް ހުށަހެޅުމާއެކު ރިޔާސަތުން ވިދާޅުވީ 'އެއްވެސް މެމްބަރެއް ބަހުސްގައި ބައިވެރިވެރި ވަޑައިގެންނެވުމަށް އެދިވަޑައިގެންފައި ނުވާތީ، މެމްބަރުންގެ ޝަޢުޤު ވެރިކަމެއް އެބިލާ މެދު ނެތްކަމުގައެވެ. އެހެން ކަމުން ބިލާމެދު ބަހުސް ނުކޮށް ބަހުސް ނިމުނީކަމަށް ރިޔާސަތުން ނިންމެވިއެވެ. އެ ވަގުތު މަޖިލީހުގައި މެމްބަރުން ތިއްބެވީ ކިރިޔާ ކޯރަމް ހަމަވާ ވަރަށެވެ. ގިނަ މެމްބަރުން ތިއްބެވީ މަޖިލީހުގެ ކޮމެޓީތަކުގައި ކަން ރިޔާސަތުންވެސް ފާހަގަކުރެއްވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ބިލްގެ ބަހުސްގައި ވާހަކަ ދެއްކެވި މެމްބަރުންގެ ތެރެއިން ގިނަ މެމްބަރުންގެ ޚިޔާލު ހުރީ ރާއްޖޭގައި މިހާރު ހިންގަމުންގެންދާ ދެ ޔުނިވަރސިޓީ އެއްފުރާޅެއްގެ ދަށަށް ގެނައުމަށެވެ. އަދި އިސްލާމީ ޔުނިވަރ ސިޓީ އެއީ ޤައުމީ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ގޮތުގައި ހިންގުމަށެވެ. މިމޭރުމުން ވާހަކަދެއްކެވި ގިނަ މެމްބަރުންނަކީ އެމްޑީޕީގެ މެމްބަރުންކަނަ ފާހަގަ ކޮލެވެއެވެ.
ޤައުމީ ޔުނިވަރސިޓީގެ ބިލްގެ ބަހުސްގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެމްބަރ އިމްތިޔާޒު ފަހުމީ ވިދާޅުވީ އިސްލާމީ ތަޢުލީމު ދެވޭގޮތަށް ވަރަށް ފުރިހަމަ އިސްލާމީ ފެކަލްޓީއެއް ބާއްވައިގެން އެއް ޔުނިވަރސިޓީގެ ގޮތުގައި ހިންގުމުން މާބޮޑަށް އަޅާލެވިގެން ފުރިހަމަކޮށް ޔުނިވަރސިޓީ ހިންގިދާނެކަމުގައެވެ.
ތުޅާދޫ ދާއިރާގެ އެމްޑީޕީ މެމްބްރ ޙިސާން ޙުސައިން ވިދާޅުވީ ކޮންމެ މާއްދާއަކަށް ވަކި ކޮލެޖެއް ވަކި ޔުނިވަރސިޓީއެއް އެޅުމަކީ އެކަން ކުރަން ޖެހޭނެ ގޮތެއް ނޫންކަމުގައެވެ.
"އިސްލާމިކް ޔުނިވަރސިޓީއެއް ދިވެހިރާއްޖޭގައި ކޮމެހެން ވަކިން ހުރުމަކީ އެންމެ ރަނގަޅު ގޮތްކަމަކަށް އަޅުގަނޑަކަށް ޤަބޫލެއް ނުކުރެވޭ ، ޤައުމީ ޔުނިވަރސިޓީއެއްގެ ފެކަލްޓީއެއްގެ ގޮތުގައި ރަނގަޅު ފެންވަރެއްގައި އެ ފެކަލްޓީ އުފެދިގެން އައިސް ކަންކަމާ މެދު ވިސްނާ ފިކުރުކުރާ ދިރާސާ ކުރަންއެނގޭ ޖީލެއް ބިނާކުރުމަކީ ހަޤީގަތުގައި އިސްލާމްދީނަށް އިޙްތިރާމް ކުރުމާއި ދީނަށް ލޯބި ކުރުމާއި ދީނުގައި ހުރި ކަންތައްތައް ދެނެގެނެ އެކަންތަކުގެ މަތީގައި ތަބާވެ ތިބުމަށް ކޮންމެހެން މުހިންމު ކަމެއް" ޙިސާން ވިދާޅުވިއެވެ.
ޤައުމީ ޔުނިވަރސިޓީގެ ބިލުގެ ބަހުސްގައި މަޑުއްވަރީ ދާއިރާގެ މެމްބަރ އާދަމްޝަރީފް ވިދާޅުވީ ޤައުމީ ޔުނިވަރސިޓީއާއެކު ރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއްވެސް އޮންނަން ޖެހޭ ކަމުގައެވެ.
މަޖިލީހުގައި އެމްޑީޕީގެ ސުޕަރ މެޖޯރިޓީއެއް އޮތުމާއި އެމްޑީޕ މެމްބަރުންގެ ވާހަކައިގެ ރޫހަށް ބަލާއިރު އިސްލާމިކް ޔުނިވަރސިޓީ ވަކި ޔުނިވަރސިޓީއެއްގެ ގޮތުގައި ބޭއްވޭނެތޯ ސުވާލު އުފެދެއެވެ. ސަބަބަކީ މަޖިލީހުން ބިލްތަކާއި މައްސަލަތައް މިގެންދަނީސް އަދި ދާނީވެސް ސުޕަރ މެޖޯރިޓީން ބޭނުންވާ ގޮތަށް ކަމުގައި ވާތީއެވެ.
ކޮމެޓީ މަރުޙަލާގައި ބިލް ދިރާސާ ކުރާއިރު ރިޢާޔަތް ކުރާނެ ކަންކަމުގެ ތެރޭގައި ބިލްގެ ބަހުސްގައި މެމްބަރުން ފާޅުކޮށްފައިވާ ޚިޔާލާއި ފަންނީ މާހިރުންނާއި ކަމާބެހޭ މުއައްސަސާތަކުގެ ލަފާއާއި މަޝްވަރާ ހޯދާނެއެވެ. ދެ ޔުނިވަރިސިޓީ އެއްފުރާޅެއްގެ ދަށަށް ގެނައުމަށް މަޖިލީހުގައި ގިނަ މެމްބަރުން ވާހަކަފުޅު ދައްކަވައިފައިވާއިރު ބައެއް އާއްމު ރައްޔިތުންނާއި ސިޔާސީ ބޭފުޅުންވެސް ގެންދަވަނީ އެމައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މުސްތަޤިއްލު އިސްލާމިކް ޔުނިވަރސިޓީއެއް ރާއްޖޭގައި އޮތުމުގެ މުހިންމުކަން ފާހަގަކުރައްވާ އިސްލާމިކް ޔުނިވަރސިޓީގެ ކުރީގެ ޗާންސެލަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، އޭނާގެ ފޭސްބުކް ގައި ލިޔެފައިވަނީ އިސްލާމީ ޚިލާފީ މައްސަލަތަކުގައި ޢިލްމީގޮތުން ފަހު ބަސް ބުނަން ހުރިތަނަކަށްވާނީ އިސްލާމިކް ޔުނިވަރސިޓީ ކަމުގައެވެ. ޕްލޭނާ އެއްގޮތަށް އިސްލާމިކް ޔުނިވަރސިޓީ ތަރައްޤީ ކޮށްފިނަމަ އިޤްތިޞާދީ ގޮތުން ވެސް އެ ޔުނިވަރސިޓީން ފައިދާތަކެއް ހޯދިދާނެކަމަށް ޝަހީމް ވަނީ ވިދާޅުވެފައެވެ. އިސްލާމިކް ޔުނިވަރސިޓީ އަކީ ރާއްޖެއާއި އިސްލާމީ އުއްމަތާ ގުޅުވައިދޭ ފާލަމެއްގެ ގޮތުގައި އެނާ ވަނީ ސިފަކުރައްވައިފައެވެ. އެހެންކަމުން އިސްލާމިކް ޔުނިވަރސިޓީ ދެމި އޮންނަން ޖެހޭކަން އޭނާފާހަގަ ކޮށްފައިވެއެވެ.
އުސޫލީ ބަދަލެއް ގެންނަނަމަ ކުރަންޖެހޭނެ ކަމަކީ ޤައުމީ ޔުނިވަރސިޓީގައިވާ އިސްލާމީ ކުއްލިއްޔާ ނުވަތަ ފެކަލްޓީ އުވާލާ އިސްލާމީ ޔުނިވަރސިޓީގެ ދަށަށް އެބައި ގެނައުންކަން ފާހަގަކުރެއްވައި ޑރ ޝަހީމް ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގައި އޮންނަންވީ ހަމަ އެކަނި އިސްލާމީ ތަޢުލީމުގެ ޕޯސްޓްގްރެޖުއޭޓް ބައި ނުވަތަ ޕީއެޗްޑީބައި ކަމަށެވެ.
ދެ ޔުނިވަރަސިޓީ އެއްފުރާޅެއްގެ ދަށަށް ގެނެސް އިސްލާމިކް ޔުނިވަރސިޓީ އުވިގެން ހިނގައިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންދާ ފަރާތްތަކުގެ ތެރެއިން ގިނަ ދީނީ ޢިލްމްވެރިން ހިމެނިވަޑައިގަންނަވާ އަދާލަތު ޕާޓީވެސް ހިމެނެއެވެ. އެޕާޓީން ބުނެފައިވަނީ އިސްލާމް ދީނާއި ގުޅޭ ޢިލްމީ ދިރާސާތައްކޮށް ދީނުގެ ޢިލްމު ފެތުރުމަށް އިސްލާމިކް ޔުނިވަރސިޓީ މުސްތަޤިއްލު ޔުނިވަރސިޓީއެއްގެ ގޮތުގައި ދެމި އޮތުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
މި މައްސަލައިގައި ރައީސް މަޢުމޫނު، ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހަށް ޓެގްކޮށް ޓުވީޓުކޮށްފައިވާ މެސެޖެއްގައި ވިދާޅުވީ ރާއްޖޭގެ އިސްލާމީ ޝަޙްސިއްޔަތު ރައްކާތެރިކުރުމަށާއި އިސްލާމްދީނުގެ މަތިވެރި އުޞޫލުތަކާއި އަގުތައް ދަސްކޮށްދީ ދެމެހެއްޓުމަށްޓަކައި ރާއްޖޭގައި އިސްލާމީ ޔުނިވަރސިޓީއެއް ހުރުމަކީ ލާޒިމްކަމެއް ކަމުގައެވެ.
ޤައުމީ ޔުނިވަރސިޓީގެ ބިލާއި އިސްލާމީ ޔުނިވަރސިޓީގެ ބިލް ދިރާސާ ކުރުމުގައި އެ ދެ ޔުނިވަރސިޓީގެ ޗާންސެލަރކަން ކޮށްފައިވާ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ވަނީ ހަމަޖައްސަވައިފައެވެ.
އިސްލާމީކް ޔުނިވަރސިޓީ ރާއްޖޭގައި ދެމިއޮތުމާމެދު ސުވާލު އުފެދިފައި ވަނީ ޤައުމީ ޔުނިވަރސިޓީގެ ބިލްގެ ބަހުސްގައި އެމްޑީޕީގެ މެމްބަރުންގެ ރޫހު ހުރިގޮތުންނެވެ. ގިނަ މެމްބަރުންގެ ވަކާލާތުކުރީ ދެ ޔުނިވަރސިޓީ އެއް ފުރާޅެއްގެ ދަށަށް ގެނައުމަށެވެ. އަދި ވަކި އިސްލާމިކް ފެކަލްޓީއެއް ބާއްވާ ގޮތަށެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީއާއި ކޮމެޓީތަކުގެ މެޖޯރިޓީވެސް އޮތީ އެމްޑީޕީއަށެވެ. އެހެންކަމުން ކިތަންމެ ބޮޑު ކަންބޮޑުވުންތަކެއް ހުރިނަމަވެސް މަޖިލީހުގެ ކޮމެޓީތަކުންނާއި މަޖިލީހުންވެސް ކަންކަން ނިމިގެންދާނީ އެމެޖޯރިޓީ ބުރަވާ ގޮތަކަށްކަމީ ހަޤީޤަތެވެ. އެހެންކަމުން ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ ދެމި އޮތުމާއި ނެތުން ބުރަވާނީ އެ ސުޕަރ މެޖޯރިޓީ ބުރަވާ ގޮތަކަށެވެ.
Ragalhu kankan kurumah lobuvethi enmehaafarudhun ge arihun edhenlahamdhullilaah