އެއް އިންސާނަކާއި އަނެއް އިންސާނަކާމެދު އޮންނަ ގުޅުމަކީ ކޮބައިތޯއެވެ؟ މި ސުވާލުގެ ޖަވާބު ވަނީ މުޞްލިޙުންނާއި (reformers) މުފައްކިރުން ވަރަށް ރަނގަޅަށް ހޯއްދަވައިފައެވެ. ކުރުކޮށް ދަންނަވާނަމަ އެ ގުޅުން ބަޔާން ކުރެވޭނީ މި ދަންނަވާ ޢިބާރާތުންނެވެ. ކޮންމެ އިންސާނަކީވެސް އަނެއް އިންސާނެއްގެ މިނިވަންކަމުގެ ދާއިރާއަށް ނުވަންނަހައި ހިނދަކު މިނިވަނެކެވެ. ވާހަކައެއްގެ ގޮތުގައި މި ނަޒަރިއްޔާ ބަޔާންކޮށްފައި ވަނީ ތިރީގައި މިދަންނަވާ ގޮތަށެވެ.
ވާހަކައިގައި ކިޔާ ގޮތުގައި އެމެރިކާ ޔޫރަޕްގެ ސިޔާސީ ބާރުގެ ތެރެއިން މިނިވަންވީ ވަގުތު އެމެރިކާ މީހަކު ގެއިން ބޭރަށް (މަގުމައްޗަށް) ނުކުތެވެ. އޭނާ ބޭނުންވީ އޭނާގެ މިނިވަންކަން ފާހަގަ ކުރާށެވެ. އޭނާ ދިޔައީ އެއްވެސް ފިކުރެއް ނެތި އަތް ހޫރަމުން ހިނގާފައެވެ. މިހެން ދަނިކޮށް އޭނާގެ އަތުން ފަތުރުވެރިއެއްގެ ނޯށްމަތީގައި ޖެހިއްޖެއެވެ. ފަތުރުވެރިޔާ ރުޅި އައިސްފައި އަހައިލިއެވެ. ތިޔައީ ކޮންކަމެއް ހެއްޔެވެ؟ އަހަރެންގެ ނޯށްމަތީގައި ތިޔަ ޖެހީ ކީއްވެގެންހެއްޔެވެ؟ އެމެރިކާމީހާ ޖަވާބުދިނެވެ. މިއަދު އެމެރިކާ މިނިވަން ވެއްޖެއެވެ. އަހަރެން ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން އަހަންނަށް ލިބިއްޖެއެވެ. ފަތުރުވެރިޔާ ބުންޏެވެ. އަހަރެންގެ އަޚާއެވެ. އަހަރެންގެ ނޭފަތް ފެށޭ ހިސާބުން ކަލޭގެ މިނިވަންކަން ހުއްޓޭނެއެވެ.
My brother, your freedom ends where my nose begins.
މިވާހަކައިން އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އޮންނަ ގުޅުން އޮންނަންވާގޮތް އުސޫލެއްގެ ގޮތުން އެބަ އެނގެއެވެ. އެކަމަކު އިންސާނާޔާއި ﷲ އާ ދެމެދު އޮންނަންވާ ގުޅުން އޮންނަން ޖެހޭ ގޮތް އިންސާނާއަށް ވަނީ ރަނގަޅަށް ނުހޯދިއެވެ. ނުވަތަ ނޭނގިއެވެ. މި ރޮނގުގައި އިންސާނާއަށް ހޯދިފައި ވަނީ ފަންސާސް އިންސައްތައެވެ.
އެކަމަކު މިއީ އެއްގޮތަކަށްވެސް އުނދަގޫ ކަމެއް ނޫނެވެ. ޙަޤީޤަތުގައި އެއް އިންސާނަކާއި އަނެއް އިންސާނަކާ ދެމެދު އޮންނަ ގުޅުމުގައި ބޭނުން ކުރެވޭ (މަތީގައި ދެންނެވުނު) އުސޫލުން އިންސާނާޔާއި ﷲ އާ ދެމެދު އޮންނަންވާ ގުޅުން އޮންނަންޖެހޭ ގޮތް އެނގެއެވެ. މި އުސޫލަށް ފައްތާފައި ދަންނަވާ ނަމަ އެ ގުޅުން މި ދަންނަވާ ޢިބާރާތުން ބަޔާން ކުރެވިދާނެއެވެ. ﷲ ގެ އިމާ ހަމައަށް ދެވުމާއެކު އިންސާނާގެ މިނިވަންކަން ހުއްޓުނީއެވެ.
Man’s freedom ends where God’s domain begins.
މި ދުނިޔޭގައި އިންސާނާއަށް ލިބިފައިވާ ކޮންމެ އެއްޗަކީ ﷲ ގެ ހަދިޔާއެކެވެ. ކޮންމެ އެއްޗެއްވެސް ލިބެނީ ﷲ ދެއްވިޔަތީއެވެ. މިނިވަންކަންވެސް އޮތީ ހަމަ މިހެންނެވެ. މި ދުނިޔޭގައި އިންސާނާއަށް ލިބިފައިވާ ހުރިހައި މިނިވަންކަމަކީ ﷲ ގެ ހަދިޔާއެވެ. ކޮންމެ ހަދިޔާއަކާއެކުވެސް ޒިންމާތަކެއް ހުންނަކަމީ ކަނޑައެޅިގެން އެނގެން އޮތް ޙަޤީޤަތެކެވެ. މި ޢާއްމު އުސޫލަށް ބަލާއިރު އިންސާނާއަށް ލިބިފައިވާ މިނިވަންކަމާއެކުވެސް ލާޒިމުކުރާ ޒިންމާތަކެއް އެބަހުރިކަމަށް ގަބޫލު ކުރަން ޖެހެއެވެ. އެ ޒިންމާއަކީ އިންސާނާ އޭނާއަށް ލިބިފައިވާ މިނިވަންކަން ހެޔޮގޮތުގައި ބޭނުން ކުރުމެވެ. އެމިނިވަންކަން ނާޖާއިޒު ގޮތްގޮތަށް ބޭނުން ނުކުރުމެވެ.
މިނިވަންކަން ނާޖާއިޒުކޮށް ނުވަތަ ނުބައިކޮށް ބޭނުން ކުރުމަކީ އެމިނިވަންކަމަކީ ތިމާގެ ޙައްޤެއް ކަމަށް ގަބޫލު ކުރަން ފެށުމެވެ. އެމިނިވަންކަމުގެ ވެރިޔަކީ ޚުދު ތިމާކަމަށް ގަބޫލު ކުރަން ފެށުމެވެ. ތިމާ ބޭނުން ގޮތަކަށް ނުވަތަ ހިތުހުރި ގޮތަކަށް އެމިނިވަންކަމުގެ ބޭނުން ކުރަން ފެށުމެވެ. ތިމާގެ މިނިވަންކަން ބޭނުން ކުރުމުގައި އެހެން މީހެއްގެ ބަހެއް ހޯދަން ނުޖެހޭނެ ކަމަށް ގަބޫލު ކުރުމެވެ.
މިޔާ ޚިލާފަށް މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި ކުރުމަކީ އެމިނިވަންކަން އޭނާއަށް ލިބުނީ ކޮން ފަރާތަކުން ދެއްވައިގެންކަން އެނގިގެން ހުރުމެވެ. އެޔަށްފަހު އެމިނިވަންކަން ދެއްވިފަރާތުން އެމިނިވަންކަން ދެއްވީ ކީއްވެގެންކަން އެނގިގެން ހުރުމެވެ. އަދި މިނިވަންކަމުގެ ބޭނުން ކުރާނީ ކިހިނެއްކަންވެސް އެނގިގެން ހުރުމެވެ. އެއްވެސް މީހަކަށް އޭނާގެ މިނިވަންކަން ބޭނުން ކުރުމުގެ ޙަޤީޤީ ހުއްދައެއް ލިބޭނީ މިކަންކަން ހޯދައިގަތީމައެވެ. ނުވަތަ އެނގިގެން ހުރީމައެވެ.
މުޠާލިޢާއިން އެނގޭގޮތުގައި މިނިވަންކަމުގެ ބޭނުން ނުބައިކޮށް ކުރުމާއި، ރަނގަޅަށް ކުރުމަކީ ސިއްރު ނޭނގޭ ގޮތަކަށް އޮތް ކަމެއް ނޫނެވެ. މީހަކު ސީރިއަސްކޮށް މަސައްކަތް ކޮށްފި ނަމަ (މިނިވަންކަމުގެ ބޭނުން ކުރާނޭ ރަނގަޅު ގޮތަކީ ކޮބައިކަމާއި، ނުބައި ގޮތަކީ ކޮބައިކަން) ހޯދިދާނެއެވެ. ޙަޤީޤަތާ ހަމައަށް ވާސިލުވާން ބޭނުންނަމަ ސީރިއަސް ވިސްނުމެއްގައި ހިފެހެއްޓުމަކީ ލާޒިމުކަމެކެވެ. ހަމަ އެފަދައިން މިނިވަންކަމުގެ ޤާނޫނު ހޯދުމަށްޓަކައިވެސް ސީރިއަސް ވިސްނުމެއްގެ މުހިއްމުކަން ވަރަށް ބޮޑެވެ.
މި ސުވާލުގެ މައްޗަށް ފުންކޮށް ވިސްނައި ހޯދާ މީހަކަށް އެންމެ ފުރަތަމަ ފާހަގަ ކުރެވޭނެ އެއް ކަމަކީ އަންހެނަކަށް ވިޔަސް ނުވަތަ ފިރިހެނަކަށް ވިޔަސް، ކޮންމެ މީހެއްގެ ހިތުގައިވެސް އުފަންވާއިރުވެސް ހެވާއި ނުބައި ވަކިކުރުމުގެ ޝުޢޫރު ލައްވައިފައި ވާކަމެވެ. ކޮންމެ މީހަކަށްވެސް ޠަބީޢީ ގޮތުން ހެޔޮ ގޮތަކީ ކޮބައިކަމާއި ނުބައި ގޮތަކީ ކޮބައިކަން ވަކިކުރާން އެނގެއެވެ. ފިޠުރަތުގެ މި ޝުޢޫރަށް ކިޔާ ނަމަކީ ޒަމީރެވެ. ޒަމީރަށް ކިޔާ އަނެއް ނަމަކީ ހަވަނަ ޙިއްސެވެ.
ވުމާއެކު ކޮންމެ މީހަކަށްވެސް އޭނާއަށް ލިބިފައިވާ ޠަބީޢީ ސިފައެއްގެ ގޮތުގައި ފިޠުރަތުގެ ގޮވައިލުމުގެ އަޑު އިވުމުން ހެވާއި ނުބައި ވަކިކުރަން ދަނެއެވެ. ފިޠުރަތު ވެފައި ވަނީ ކޮންމެ މީހަކަށްވެސް ލިބިފައިވާ އަތްމަތީ ފޮތަކަށެވެ. ކޮންމެ މީހެއްގެ ކިބައިގައިވެސް އިންޒާރު ކުރާނޭ ޝުޢޫރެއް ލައްވައިފައިވެއެވެ. ތަޖުރިބާއިން އެނގޭ ގޮތުގައި މި ޝުޢޫރު ދުވަހަކުވެސް ފަރުވާ ކުޑައެއް ނުކުރެއެވެ. ޣާފިލެއް ނުވެއެވެ. ވާޖިބު އަދާ ކުރުމުގައި ފަހެއް ނުޖެހެއެވެ.
ފިޠުރަތުގެ ނިޒާމަށް ނަޒަރު ހިންގައިލާއިރު އެނގޭ އެންމެ ފުރަތަމަ ކަމަކީ އިންސާނާ އުފަންވާއިރުވެސް އޭނާގެ ކިބައިގައި ވަރަށް ބާރުގަދަ ޖަޒުބާއެއް ލައްވައިފައިވާ ކަމެވެ. އެއީ އިޢުތިރާފް (acknowledge) ވުމުގެ ޖަޒުބާއެވެ. ކޮންމެ އަންހެނަކުވެސް އަދި ކޮންމެ ފިރިހެނަކުވެސް ޒާތީ ގޮތުން މި ޖަޒުބާގެ ތަޖްރިބާ ކުރެއެވެ. ކޮންމެ މީހެއްގެ ޒަމީރު ނުވަތަ ހަވަނަ ހިއްސު ގަބޫލު ކުރާ ގޮތުގައި މީހަކު އަނެކަކާ ދޭތެރޭ ރަނގަޅަށް މުޢާމަލާތެއް ކޮށްފި ނަމަ އެކަމެއް ރައްދުވިމީހާ، އެކަމެއްގެ މައްޗަށް އިޢުތިރާފް ވާން ޖެހޭނެ ކަމަށް ހަމަ ކޮންމެ މީހަކުވެސް ގަބޫލު ކުރެއެވެ. އިންސާނާގެ "ދާޚިލީ އަތްމަތީފޮތު"ގައިވާ ގޮތުގައި މި ދެންނެވި އިޢުތިރާފަކީ އަޚްލާޤީ ގޮތުން ވަރަށް މަތީ ދަރަޖައަކަށް ދެވުމެވެ. އިންސާނީ ފިޠުރަތު ގަބޫލު ކުރާ ގޮތުގައި އިޢުތިރާފް ވުމަކީ އަބުރުވެރިކަމުގެ އެންމެ މަތީ ސިފަތަކުގެ ތެރެއިން ސިފައެކެވެ. އިޢުތިރާފްނުވުމަކީ އަގުވެއްޓުމާއި ލަދުގަންނަންޖެހުމުގެ ސަބަބެކެވެ. އިޢުތިރާފްވާމީހާ އޭނާގެ އިންސާނީ ހައިސިއްޔަތު ވެއްޓުނަނުދީ ހިފަހައްޓަނީއެވެ. އިޢުތިރާފްނުވާ މީހާ އިންސާނެއްގެ ދަރަޖައިން ވެއްޓެނީއެވެ.
ޚާލިޤަށް ނިސްބަތް ކުރާއިރުވެސް ޒަމީރު ނުވަތަ ހަވަނަ ހިއްސުގެ ކަންތައްތައް އޮންނަ ގޮތަކީ މިއީއެވެ. ކޮންމެ އިންސާނަކަށްމެ ޖެހެނީ ފިޠުރަތުގެ ގޮވައިލުމަށް އިޖާބަދީ ތިމާގެ ޚާލިޤަކު ވޮޑިގެންވާކަމަށް އިޢުތިރާފް ވާށެވެ. ޚާލިޤްގެ އިޙްސާންތެރިކަން ގަބޫލުކުރާށެވެ. އޭނާގެ ޚާލިޤް ދެއްވި ނިޢުމަތްތައް ހިތުގެ އެންމެ އަޑިން އިޙްސާސްކުރާށެވެ. އަދި ފާޅުގައި ދުލުން އެ ނިޢުމަތަށް އިޢުތިރާފްވެސް ވާށެވެ. ޚާލިޤްގެ ވުޖޫދަށް އިޢުތިރާފްނުވުމަކީ އިންސާނާގެ ފިޠުރަތާ ދެކޮޅުހެދުންފަދަ ކަމެކެވެ.
ހަމައެހެންމެ ޒަމީރަކީ އަޚްލާޤީ އިމްތިޙާނެއްކަން ކޮންމެ އިންސާނަކަށްވެސް ތަޖުރިބާ ކުރެވެއެވެ. ޒަމީރު ގެންދަނީ ތާއަބަދު އޭނާއަށް ހަނދާންކޮށް ދެމުންނެވެ. ދޮގެއް ހަދައިފިނަމަ އެ ޒަމީރު އޭނާއަށް މަލާމާތް ކުރެއެވެ. ތެދެއް ބުނެފިނަމަ އޭނާގެ ހިތްހަމަ ޖައްސައިދެއެވެ. ނާއިންޞާފަކީ ނުބައިކަމެއް ކަމަށް ޒަމީރު ގަބޫލުކުރެއެވެ. އިންޞާފަކީ ރަނގަޅު އެއްޗެއްކަމަށް އަބަދުވެސް ބުނެއެވެ. ޚިޔާނާތްތެރިވުމުން އެކަމާ ޒަމީރު ލަދުގަނެއެވެ. އަދި އަމާނާތްތެރިވެއްޖެނަމަ އެކަމާ އުފާކުރެއެވެ. އަނިޔާވެރިކަމަކީ އިންސާނިއްޔަތާ ޚިލާފުކަމެއް ކަމަށް ޒަމީރު ގަބޫލުކުރެއެވެ. އަދި އަމަންއަމާންކަމާއި ޞުލްޙައަކީ ވަރަށް މަތިވެރި އިންސާނީ ސިފައެއް ކަމަށް ޒަމީރު ގަބޫލު ކުރެއެވެ. ނަފްރަތަކީ ގޮތެއްނެތުމުގެ ޢަލާމާތެއް ކަމަށް ޒަމީރު ގަބޫލު ކުރެއެވެ. އަދި ލޯތްބަށް މަތިވެރި ދަރަޖައެއް ދެއެވެ. ރުޅި ދެކެ ޒަމީރު ރުޅިއާދެއެވެ. އަދި މަޢާފްކުރުމަށް ރުހުމުގެ ސެޓްފިކެޓް ދެއެވެ.
އިންސާނާ އޭނާގެ ހަށިގަނޑުން ބޭރުގެ ދުނިޔެއަށް ނަޒަރު ހިންގައިލީމާ ފެންނަނީ އޭނާ ފިޔަވައި އެހެން ހުރިހައި މަޚްލޫޤުން، ޚާލިޤުގެ ޤާނޫނަށް ވަރަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށްގެން ތިބޭތަނެވެ. ބިމުން ފެށިގެން ތަނަވަސް ފަޒާއާ ހަމައަށް ލެއްވިހައި އެއްްޗެއް އެ އެއްޗަކާ ހަވާލު ކުރެވިފައިވާ ކަންތައްތައް ބަރާބަރަށް ކުރަމުންދާ ތަނެވެ. ކިތަންމެ ކުޑަ އެއްޗަކަށް ވިޔަސް އަދި ކިތަންމެ ބޮޑު އެއްޗަކަށް ވިޔަސް ވާޖިބު އަދާ ކުރުމުގައި އެންމެ ހިނދުކޮޅަކަށްވެސް މަޑުޖެހިއެއްނުލައެވެ. ފަރުބަދަތަކާއި ގަސްގަހާގެއްސާއި ޙައިވާނުން ފެށިގެން އުޑުގައިވާ ތަރިތަކަށް ދާންދެން ވަނީ މި ދެންނެވުނު އިލާހީ ސުލޫކުގެ ތެރޭގައެވެ.
މި ސުލޫކަކީ ޚާލިޤު ގާއިމު ކުރައްވައިފައިވާ ސުލޫކެކެވެ. މި ސުލޫކަކީ އިންސާނާވެސް ހިފަހައްޓަން ޖެހޭ ސުލޫކެކެވެ. އިންސާނާއަށްވެސް ޖެހެނީ އެހެން މަޅްލޫޤުން ފަދައިން މި ސުލޫކުގެ ޙިއްސާއެއްކަމުގައި ވާށެވެ. އެކަމަކު އެއީ ކުޑަކުޑަ ތަފާތަކާ އެކުގައެވެ. ކާއިނާތުގެ އެހެން މަޚްލޫޤުން އެ ސުލޫކު ހިފަހައްޓަނީ މަޖުބޫރު ވެގެންނެވެ. އިންސާނާއަށް ޖެހެނީ ފުރިހަމަ އިޚްތިޔާރާއެކު މި ސުލޫކު ހިފަހައްޓާށެވެ.
މިސާލަކަށް ސޫރުދަ ނިޒާމުގައި ހިމެނޭ ގުރަހަތައް ދަނީ އިރުގެ ވަށައިގެން އެނބުރެމުންނެވެ. ހަމަ މިފަދައިން އިންސާނާއަށް ޖެހެނީ އޭނާގެ ޚާލިޤަކީ މައި މަރުކަޒުކަމަށް ބަލައިގެން އޭނާގެ މުޅި ދިރިއުޅުން އެ މަރުކަޒުގެ ވަށައިގެން އެނބުރޭގޮތް ހަދާށެވެ. މި ދުނިޔޭގެ އެއްވެސް އެއްޗެއް ހުއްޓިއެއް ނުހުރެއެވެ. ކޮންމެ އެއްޗެއްމެ ކެނޑިނޭޅި ޙަރަކާތް ކުރެއެވެ. މުޅި ކާއިނާތު އޮންނަނީ މާސިންގާ ކާރުޚާނާއެއް ފަދައިން ޙަރަކާތްތެރި ވޭވެއެވެ. އެކަމަކު އަޅުގަނޑުމެންނަކަށް އެެއްވެސް އަޑެއް ނީވެއެވެ. ދުމެއް ނާރައެވެ. ނުތަނަވަސްކަމެއް ނުއުފެދެއެވެ. ވުމާއެކު އިންސާނާއަށްވެސް ޖެހެނީ އެއްވެސް ކަހަލަ ނުތަނަވަސްކަމަކަށް ތަން ނުލިބޭފަދަ ގޮތަކަށް އޭނާގެ މަސައްކަތްތައް ރާވައި ހިންގާށެވެ.
ދުނިޔޭގެ ކޮންމެ އެއްޗެއްވެސް އޮންނަނީ އެ އެއްޗަކުން ފައިދާއެއް ކުރާ ކަހަލަ ގޮތަކަށް ގާއިމު ކުރެވިފައެވެ. އަލިގަދަ އިރުން ފެށިގެން ދެމެމުންދާ ކޯރުތަކާ ހަމައަށް، ފެހި ގަސްތަކުން ފެށިގެން ވައިރޯޅިއާ ހަމައަށް، ބިޔަ ފަރުބަދަތަކުން ފެށިގެން ފަނިފަކުސަޔާ ހަމައަށް ކޮންމެ އެއްޗެއްވެސް ގެންދަނީ ފައިދާކުރުވަނިވި ވާޖިބެއް އަދާކުރަމުންނެވެ. މި ތަނަވަސް ކާއިނާތުގެ ކޮންމެ އެއްޗަކީ ކޮންމެވެސް އެއްޗެއް "ދޭ" އެއްޗެކެވެ. އެއްޗެއް ލިބިގަންނަ އެއްޗެއް ނޫނެވެ. ވުމާއެކު އިންސާނާއަށްވެސް ކުރަން ޖެހޭ ކަމަކީ އެހެންމީހުންނަށް ފައިދާކުރުވަނިވި ގޮތަކަށް އޭނާގެ ދިރިއުޅުމުގެ ޗާޓު ކުރެހުމެވެ. ކޮންމެ އިންސާނެއްގެ ކިބައިން އަނެއް އިނަސާނަކަށް ފައިދާއެއް ކުރާ ކަހަލަ ކަންތައްތަކެއް ކުރުމަކީ އިންސާނުން ކުރަން ޖެހޭ ކަމެކެވެ.
މުޠާލިޢާއިން އެނގޭ އަނެއް ކަމަކީ އިންސާނާ ކުރާ ކޮންމެ ކަމެއްވެސް ކުރަނީ އެކަމެއްގެ ނަތީޖާޔާ މެދު ވިސްނާފައި ކަމެވެ. އިންސާނާގެ ވިސްނުމަކީ ނަތީޖާޔާ ދިމާއަށް އަމާޒު ވެފައި ހުންނަ ވިސްނުމެކެވެ. އިންސާނާއަށް ކަމުނުދަނީ ނަތީޖާއެއް ނުނުކުންނަ ކަންތައްތަކެވެ. އެއްވެސް ކަހަލަ ނަތީޖާއެއް ނުފެންނަ ކަހަލަ ކަމެއް ކުރުމުން އިންސާނާ ޠަބީޢީ ގޮތުން ދުރުހެލިވެއެވެ.
އިންސާނާގެ ފިޠުރަތު ގޮވައިލަނީ އޭނާގެ ދިރިއުޅުމުގެ ކަންތައްތައް މި ދެންނެވުނު އުސޫލުގެ މައްޗަށް ބިނާކުރާށެވެ. މަރުވުމުގެ ކުރިން އިންސާނާ ކުރާ ކަންތައްތައް ނަތީޖާ އަށް ވިސްނާފައި ކުރާ ފަދައިން އިންސާނާއަށް ޖެހެނީ މަރުވުމަށްފަހު އަންނާން އޮތް ޙަޔާތުގައި ފެންނާނޭ ނަތީޖާ އަށް ވިސްނައިގެން މަސައްކަތްތަކެއް ކުރާށެވެ. މަރުވުމުގެ ކުރީން ކުރާ ކަންތައްތައް އިންތިޒާމުކޮށް ރާވައި ހިންގަން އޭނާއަށް ޖެހެނީ މަރުވުމަށް ފަހު އަންނާން އޮތް ޙަޔާތުގައި ފައިދާތަކެއް ކުރާ ކަހަލަ ގޮތަކަށެވެ.
އެނގިވަޑައިގަންނަވާނޭ ފަދައިން އަޅުގަނޑުމެންގެ ދުނިޔަވީ ނިޒާމް ބެހިފައި އޮންނަނީ މިއަދަށާއި މާދަމަޔަށެވެ. ނުވަތަ މިހާރާއި ކުރިމަގަށެވެ. އެކަމަކު އިންސާނާ ފިޔަވައި އެހެން ހުރިހައި މަޚްލޫޤުން މަސައްކަތް ކުރަނީ ހަމައެކަނި "މިއަދު" ގައެވެ. މިއަދު ނުވަތަ މިހާރުގެ ތަޞައްވުރު ފިޔަވައި އެ މަޚްލޫޤުންގެ ދިރިއުޅުމުގައި އެހެން ތަޞައްވުރެއް ނޯވެއެވެ. "މާދަމާ" މިބަސް އޮންނަނީ ހަމައެކަނި އިންސާނާގެ ބަސްފޮތުގައެވެ. އެހެން މަޚްލޫޤެއްގެ ބަސްފޮތަކު މިބަހެއް ނޯވެއެވެ.
މި ތަފާތަކީ ފިޠުރަތުގެ އިޝާރާތެކެވެ. މި ތަފާތުން އިންސާނާއަށް ގޮވައިލަނީ ހަމައެކަނި މިއަދާ މެދު ވިސްނުމުގެ ބަދަލުގައި މާދަމާގެ ކަންތައްތަކުގެ ޗާޓުވެސް ކުރަހައިގެން އެޔާ އެކު ކުރިއަށް ދާށެވެ. އެހެން މަޚްލޫޤުންގެ ކާމިޔާބީއަކީ ހަމައެކަނި މިއަދު ކާމިޔާބު ކުރުމެވެ. އެކަމަކު އިންސާނާގެ ކާމިޔާބީ އޮތީ މިއަދާއެކު މާދަމާވެސް ކާމިޔާބު ކުރުމުންނެވެ. މަރުވުމަށް ފަހު އަންނާން އޮތް ދާއިމީ ދުނިޔޭގައި ތިމާއަށްޓަކައި ފުރިހަމަ ދަރަޖައެއް ހޯދުމުންނެވެ. (ތަރުޖަމާއެއް)