ސައޫދީ އަރަބިއްޔާއަށް ހަތިޔާރުވިއްކުމާއިގެން ކުރިއަށް ދިއުމަށް އިނގިރޭސި ސަރުކާރުން ނިންމާފައިވާ ނިންމުމަށް މިއަދު ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. އެއީ ކޯޓުގައި ސަރުކާރަށް ލިބުނު ނާކާމިޔާބީއާ ގުޅިގެންނެވެ.
އިނގިރޭސިވިލާތުގެ ކޯޓް އޮފް އެޕީލްއިން މިއަދު ހުކުމްކޮށްފައި ވަނީ ސައޫދީން އެއްވެސް ބެލުމެއް ނެތި ޔަމަނަށް ދޭ ހަމަލާތަކުން ޔަމަނުގެ އާއްމުންނަށް ލިބޭ ގެއްލުން އަންދާޒާކުރުމެއް ނެތި ސައޫދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަމެއް ކަމުގައެވެ.
އިނގިރޭސި ސަރުކާރުން އެއްގޮތަކަށްވެސް އުއްމީދުކޮށްގެން ނެތް މި ހުކުމާ ގުޅިގެން އިނގިރޭސި ސަރުކާރުން މިހާރު ވަނީ ސައޫދީ އަރަބިއްޔާއަށް ހަތިޔާރު ވިއްކުން ވަގުތީ ގޮތުން މަޑުޖައްސާލާފައެވެ. އެހެންނަމަވެސް، އިންޓަރނޭޝަނަލް ޓްރޭޑް ސެކްރެޓަރީ (މިނިސްޓަރު) ލިއާމް ފޮކްސް ވިދާޅުވީ ސަރުކާރުން ކޯޓުގެ ހުކުމް އިސްތިއުނާފުކުރާނެ ކަމުގައެވެ.
ކެމްޕޭން އެގެއިންސްޓް އާމްސް ޓްރޭޑް ހަރަކާތުން އެޕީލްސް ކޯޓުގައި އެދުނީ ޔަމަނުގައި ހަނގުރާމައިގައި ބޭނުންކުރުމަށް ސައޫދީ އަރަބިއްޔާއަށް އިނގިރޭސިވިލާތުން ހަތިޔާރު ވިއްކުމުގައި އެ ގައުމުން ގެންގުޅޭ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާ ޚިލާފުވެފައި ވޭތޯ ނުވަތަ ނޫންތޯ ބަލައިދިނުމަށެވެ.
ކޯޓް އޮފް އެޕީލްއިން ނިންމާފައި ވަނީ އިނގިރޭސި ސަރުކާރުން "ވަކިން ޚާއްޞަކޮށް އެއް ކަމެއްގައި ގާނޫނީ ގޮތުން ގޯސްހަދާފައި" ވާކަމުގައެވެ.
ކޯޓުގެ ހުކުމް އިއްވަވަމުން މާސްޓަރ އޮފް ރޯލްސް ސަރ ޓެރެންސް އެތާޓަން ވިދާޅުވީ ސައޫދީން ފާއިތުވީ ތަނުގައި، ޔަމަނުގައި ހިނގާ ހަނގުރާމައިގައި ބައިނަލް އަގްވާނީ އިންސާނީ ގާނޫނުތަކާ ޚިލާފުވެފައި ވާކަން ކަނޑައެޅޭފަދަ ގޮތަކަށް އެކަން ދިރާސާކޮށް ބަލާފައި ނުވާ ކަމުގައެވެ. އަދި ބަލަން މަސައްކަތްވެސް ކޮށްފައި ނުވާކަމުގައެވެ. ސަރ ޓެރަންސްއާއެކު ދެން ބެންޗްގައި ތިއްބެވީ ލޯޑް ޖަސްޓިސް އާވިންއާއި ލޯޑް ޖަސްޓިސް ސިންގް އެވެ.
2015 ވަނަ އަހަރު ޔަމަނުގެ ހަނގުރާމައަށް ސައޫދީން ވަން ފަހުން އިނގިރޭސިވިލާތުން ސައޫދީ އަރަބިއްޔާއަށް 4.7 ބިލިއަން ޕައުންޑު (5.97 ބިލިއަން އެމެރިކާ ޑޮލަރު) ގެ ހަތިޔާރު ވިއްކާފައި ވެއެވެ.