މިއަދު (ބުރާސްފަތި ދުވަހު) ހެނދު އެމެރިކާގެ ޑްރޯނެއް ވައްޓާލައިގެން "އީރާނުން ހެދީ ވަރަށް ބޮޑު ގޯހެއް" ކަމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ.
ރައީސު ޓްރަމްޕް މިގޮތަށް ޓުވީޓުކޮށްފައި ވާއިރު އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ބައްދަލުވުމެއް މިރޭ ވަނީ ބާއްވާފައެވެ. އަދި ގާނޫނުހަދާ މަޖިލިސް، ކޮންގްރެސްގެ ލީޑަރަށް އީރާނުގެ މައްސަލަ މިހާރު ގޮސްފައި އޮތް ހިސާބުގެ މައުލޫމާތު ދިމުމަށް ވަނީ ހަމަޖެހިފައެވެ
Iran made a very big mistake!
— Donald J. Trump (@realDonaldTrump) June 20, 2019
ޓްރަމްޕް މިއަދު ކުރެއްވި ޓުވީޓު
ގާނޫނުހަދާ މަޖިލީހުގެ ތިރީގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ރައީސާ ނެންސީ ޕެލޯސީ ވިދާޅުވީ ކޮންގްރެސްގެ އެންމެ އިސް 20 މެންބަރަކަށް އީރާނުގެ މައްސަލައިގެ ޚުލާޞާއެއް ދެވޭނެ ކަމުގައެވެ.
ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން، ޑިމޮކްރެޓިކް ޕާޓީގެ އިސް ބޭފުޅެއް ކަމުގައިވާ ޕެލޯސީ ވިދާޅުވީ އީރާނުގެ މައްސަލަ މިހާރު އޮތީ ނުރައްކާތެރި ފައްތަރެއްގައި ކަމުގައެވެ. އަދި އީރާނާއެކު ހަނގުރާމަކުރަން އެމެރިކާ ފެންބޮވައިގެންފައި ނުވާ ކަމުގައެވެ. އޭނާ އިތުރަށް ވިދާޅުވީ ރައީސު ޓްރަމްޕްގެ ސަރުކާރުން އެމެރިކާގެ މަސްލަހަތު ރައްކާތެރިކުރަން ޖެހޭނީ ބާރުވެރިކަމާ، ވިސްނުންތެރިކަމާއެކުގައި ކަމުގައެވެ.
މިއަދު ހެނދުނު ހުރްމުޒް ކަނޑުއޮޅީގައި އީރާނުން އެމެރިކާގެ އަސްކަރީ ޑޮރޯނެއް ވައްޓާލުމާ ގުޅިގެން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ މައްސަލަ ވަނީ ނުރައްކާތެރި ދަރަޖައަކަށް ހޫނެވެފައެވެ. އީރާނުން ބުނަނީ ޑްރޯން ވައްޓާލީ އީރާނުގެ ސަރަހައްދަށް ވަނުމުން ކަމުގައެވެ. އެމެރިކާއިން އެކަން ދޮގުކުރެއެވެ.