ރިޝްވަތުގެ ފައިސާއެއް ވެސް މަޤާމުގެ ނުފޫޒެއްވެސް ބޭނުމެއް ނުކުރަން: ފަނޑިޔާރު ޢަބްދުﷲ ދީދީ

ޖޫޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ސްޕްރީމް ކޯރޓްގެ  ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްޗަށް ހިންގާ ތަޙްޤީޤުގައި ކޮށްފައިވާ ތުޙުމަތުތަކަށް އޭނާ އިންކާރު ކުރައްވައިފިއެވެ.  ރިޝްވަތުގެ ފައިސާއެއްވެސް މަޤާމުގެ ނުފޫޒއްވެސް ބޭނުން ނުކުރައްވާކަމަށް ފަނޑިޔާރު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

ދަރުބާރުގޭ ރަންނަބަނޑޭރި މާލަމުގައި އާއްމުކޮށް ހުޅުވައިލައިގެން ބޭއްވެވި ތަހްޤީޤުގު ފަށްޓަވަމުން ރިޔާސަތުން ވިދާޅުވީ އެ ތަޙްޤީޤަކީ، ފުލުހުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން އެކޮމިޝަނަށް ލިބިފައިވާ ސިއްރު ސިޓީއެއްގައި ހިމެނޭ ކަންތައްތަކާ ގުޅިގެން ފަނޑިޔާރު ޢަބްދުﷲ ދީދީއާ ގުޅޭ ގޮތުން ހިންގޭ ސްލޫކީ މައްސަލައެއްގެ ތަޙްޤީޤު ކަމުގައެވެ

ސްޕްރީމްކޯޓްގެ ފަނޑިޔާރުގެ މަޤާމުގައި ހުންނަވައިގެން މޯލްޑިވްސް މާކެޓީންގ އެންޑ ޕަބްލިކް ރިލޭޝަންސް ކޮމްޕެނީ (އެމްއެމްޕީއާ ރުސީ)ގެ ފައިސާއަށް ޚިޔާނާތްތެރިވި ކަމަށް ތުޙުމަތު ކުރެވޭ ފަރާތްތަކުގެ ކިބައިން ފައިސާ ނެންގެވި ކަމަށާއި ނުފޫޒު ބޭނުންކޮށް ނާޖާއިޒް މަންފާތަކެއް ހޯއްދެވި ކަމަށް ތުޙްމަވިއެވެ. ތަޙްޤީޤުގައި ރިޔާސަތުން ހާމަކުރެއްވި މަޢުލޫމާތު ތަކުން އެނގޭ ގޮތުގައި ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލައިގެ ސިޓީ ފުލުހުން އެކޮމިޝަނަށް ފޮނުވައިފައިވަނީ މިމަހު ބާރަވަނަ ދުވަހުއެވެ. ސްލޫކީ މައްސަލައެއްގެ ގޮތުގައި އެމައްސަލަ ކުރިއަށް ގެންދެވުމަށް ޖޭއެސްސީން ވެސް ނިންމެވި ހަމަ އެދުވަހު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމުގައެވެ.

ދިފާޢުގައި ވާހަކަ ދައްކަވަމުން ފަނޑިޔާރު ޢަބްދުﷲ ދީދީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ޖޭއެސްސީއަށް ހުށަހެޅި  މައްސަލައާ ގުޅިގެން އޭނާގެ އެއްވެސް މައްސަލައެއް ފުލުހުން ބަލަމުންދޭތޯ ސިޓީއަކުން އެދުމުން، އެއްވެސް މައްސަލައެއް ބަލަމުން ނުދާކަމަށް ޕޮލިސް ކޮމިޝަނަރ ސޮއިކުރައްވައިފައިވާ ސިޓީއެއް ލިބިވަޑައިގެންފައިވާ ކަމުގެވެ. އެހެންކަމުން އެ މައްސަލައަކީ އެތާރީޚްގެ ފަހުން ކޮމިޝަނުން ހުށަހަޅައިގެން ފުލުހުން ބަލަމުން ގެންދާ މައްސަލައެއްތޯ ރިޔާސަތަށް ފަނޑިޔާރު ޢަބްދﷲ ދީދީ ސުވާލު ކުރެއްވިއެވެ.

ކޮމިޝަންގައި ހިމެނިވަޑައިގަންނަވާ ބަންޑާރަނާއިބް އިބްރާހީމް ރިފްޢަތު ވިދާޅުވީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ މައްސަލައެއް ބަލަމުންނުދާކަމަށް ފުލުހުން މިމަހު 10 ވަނަ ދުވަހު ވިދާޅުވުން އެއީ އޭގެ ފަހުން ފުލުހުންނަށް ފަނޑިޔާރުގެ މައްސަލައެއް ނުބެލޭނެކަމެއް ނޫންކަމުގައެވެ. އަދި އެގޮތަށް ފަނޑިޔާރު ދީދީ ދެކެވަޑައިގެންވެސް ނުވާނެކަމަށް ޖޭއެސްސީގެ މެމްބަރ ބަންޑާރަ ނާއިބް ވިޅުވިއެވެ.

ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކޮށްފައިވަނީ އިޖްރާތުތަކާ ޚީލާފަށް ޖަވާބުދާރީވުމުގެ ފުޞަތު ނުދީކަމަށް އޭނާގެ ވަކީލުން ފާހަގަ ކުރެއްވިއެއެވެ. ޢަބްދުﷲ ދީދީގެ ދިފާޢީ ޓީމްގައި އިސްކޮށް ހުންނެވީ ކުރީގެ ނާއިބް ރައީސް މުޙައްމަދު ޖަމީލެވެ.

ތަޙްޤީޤު ފެށުމާއެކު ޢަބްދުﷲ ދީދީ ވަކީލުން ވިދާޅުވީ ތަޙްޤީޤް ކުރިއަށް ގެންދަނީ ޤާނޫނީ އިޖްރާތުތަކާ ޚިލާފަށް ކަމުގައެވެ. ޢަބްދުﷲ ދިދީ ސަސްޕެންޑްކޮށްފައިވަނީ ވެސް ދިފާޢުގައި ވާހަކަ ދެއްކެވުމަށް ފުރުޞަތު ނުލިބިކަން ވަކީލުން ފާހަގަކުރެއްވިއެވެ. ނަމަވެސް ރިޔާސަތުން ތަކްރާރުކޮށް ވިދާޅުވީ ކުރިއަށް ގެންދަނީ ސަސްޕެންޑްކުރި މައްސަލަ ނޫން ކަމަށާއި  ފުލުހުންގެ ސިޓީއާ ގުޅިގެން ފަނޑިޔާރުގެ ސްލޫކީ މައްސަލައެއް އުޅޭތޯ ބެލުމުގެ ތަޙްޤީޤްކަމުގައެވެ.

ފަޑިޔާރު ޢަބްދުﷲ ދީދީ ވިދާޅުވީ ތުޙުމަތު ކުރެވޭކަންތައްތަކަށް ދިފާޢުގައި ޖަވާބުދާރީ ވުމަށް އެކަށީގެންވާ ވަގުތު އޭނާއަށް ނުދެއްވާކަމުގައެވެ. އެމައްސަލައިގެ ތަހްޤީޤީ ބައްދަލުވުމަށްވެސް އޭނާއަށް ނޯޓިސް ދެއްވީ  ގަޑިޖެހެން 15 މިނެޓަށް ވެފައި ވަނިކޮށް ކަމަށް ފާހަގަކުރެއްވިއެވެ. ނަވެސް އެބައްދަލިވުމަށްވެސް ވަޑައިގެން ތަޙްޤީގަށް ފުރިހަމައަށް އެއްބާރުލުން ދެއްވިކަމުގައެވެ. މައްސަލަގައި ތުޙުމަތު ކުރެވޭ ފަރާތަށް ވާއިރު ފަނޑިޔާރަކަށް ވީނަމަވެސް އިންސާނަކަށްވީތީ އޭނާއަށް މައްސަލައިގެ ދިފާޢުގައި ވާހަކަ ދެއްކުމަށް ފުރުޞަރު ލިބެންޖެހޭކަމަށް ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

 މިއަދުގެ ތަހްޤީޤުގައި ރިޔާސަތުން ހަތަރު ސުވާލެއް ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ކުރެއްވީ،  ފުލުހުން ހުށަހެޅި ފަސް ޑޮކިއުމެންޓެއްގެ މައްޗަށް ބިނާ ކޮށެވެ. އެ ޑޮކިއުމެންޓްތައް ޢަބްދުﷲ ދީދީގެ ދިފާޢީ ވަކީލުންނަށް ލިބުނީ ތަޙްޤީޤު ފެށިފަހުންނެވެ. އެމައްސަލައާ ގުޅިގެން ޢަބްދުﷲ ދީދީއާއި ދިފާއީ ވަކީލުން ވިދާޅުވީ ސުވާލުތަކަށް ޖަވާބު ދާރީ ވެވޭނީ ޑޮކިއުމެންޓްތަކުގައި ވާ ކަންކަންބަލާ ސާފުކޮށްފައި ކަމަށެވެ. އަދި އެ ޑޮކިއުމަންޓްތަކަކީ ކިހިނެއް ލިބިފައިވާ އެއްޗެއްކަންވެސް އެނގެން ނެތްކަމަށް ޢަބްދުﷲ ދީދީގެ ދިފާޢީ ވަކީލު މުޙައްމަދު ޖަމީލް ވިދާޅުވިއެވެ. ނަމަވެސް ތަޙްޤީޤުގައި ރިޔާސަތުން ވިދާޅުވީ އިތުރު ވާހަކަ ނުދައްކަވާ ރިޔާސަތުން ކުރައްވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށެވެ. މައްސަލައިގެ ތަޙްޤީޤުގައި ރިޔާސަތުން ވިދާޅުވީ ތަހްޤީޤް ރިޕޯރޓަށްފަހު ޖަވާބު ދާރީވުމަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެކަމުގައެވެ. ނަމަވެސް ދިފާޢީ ވަކީލުން ވިދާޅުވީ ތަޙްޤިޤުގައި ކުރެވޭ ސުވާލުތަކަށްވެސް ދިފާޢުގައި ޖަވާބުދާރީ ވެވޭނެ ވަގުތު ލިބެންޖެހޭނެކަމުގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު ޖޭއެސްސީ އަށް ހުށަހެޅި މައްސަލައިގައި ތަޙްޤިޤް ކުރިއަށް ދާއިރު އެކޮމިޝަންގައި ރައީޝް ނަޝީދުގެ ދިފާޢުގައި ވަކާލަތު ކުރެއްވި ވަކީލުން ތިއްބެވުމުން މަސްލަހަތު ފުށުއަރާކަމަށް ވިދާޅުވެ، އެމައްސަލަ ޢަބްދުﷲ ދީދީގެ ވަކީލުން ވަނީ ނަންގަވައިފައެވެ. ނަމަވެސް ރިޔާސަތުން ވިދާޅުވީ ތަޙްޤީޤްކުރެވެމުންދާ މައްސަލައަކީ ފުލުހުން ބަލަމުންދާ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅިގެން ފަނޑިޔާރަށް ތުޙުމަތު ކުރެވޭ ޖިނާއީ މައްސަލަތަކަކާ ގުޅިގެން ކުރިއަށްދާ ސްލޫކީ މައްސަލައެއްކަމުގައެވެ. ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލަ ނޫންކަމުގައެވެ.

މިއަދު ތަޙްޤީޤުގެ އަޑު އެހުމުގެ ކުރީ ކޮޅު ހަލަބޮލިކޮށް ދިޔަނަމަވެސް ނިންމާލެއްވީ ލިޔުމުން ޖަވާބު ދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ފަނޑިޔާރު ޢަބްދުﷲ ދީދީގެ ފަނޑިޔާރުންނަށް ދިނުމަށްފަހުއެވެ. ދިފާޢުގައި ފާހަގަ ކުރައްވަން ބެނުންވާ ކަންކަން ލިޔުމުން ހުށަހެޅުމުން ކޮމެޓީއަށް ފެނިވަޑައިގަންނަ ވާނަމަ އިތުރު އަޑު އެހުމެއްވެސް ބޭއްވި ދާނެކަމަށް ތަޙްޤީޤް ކޮމެޓީގެ ރިޔާސަތުގައި އިންނެވި މަސްޠޫރު ޙުޞްނީ ވިދާޅުވިއެވެ. ކޮމެޓީގެ ރިޕޯރޓް ނިންމެވުމުން 30 ދުވަހުގެ މުއްދަތެއް ސވެސް ޖަވާބު ދާރީވުމަށް ފަނޑިޔާރު ޢަބްދުﷲ ދީދީއަށް ލިބިގެންދާނެކަމަށް ރިޔާސތުން ފާހަގަ ކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.