ސުޕްރީމް ކޯޓްގެ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމުގެ މައްސަލައިގެ ބަހުސް މަޖިލީހުގައި ފަށްޓަވައިފި

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ސުޕްރީމް ކޯޓްގެ ނުފޫޒުން ޖޭއެސްސީ މިނިވަން ކުރުމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ބަހުސް ފަށްޓަވައިފިއެވެ. މި ބަހުސް ފަށްޓަވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ހުށަހެޅި ރިޕޯޓާއި ގުޅިގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މި މައްސަލަ ހުށަހެޅުމަށް ޖުޑިޝަރީ ކޮމެޓީން ނިންމެވީ ސުޕްރީމް ކޯޓްގެ ނުފޫޒުން ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންކޮށް ދިނުމަށް ދައުލަތުގެ ބަންޑާރަ ނާއިބް އިބްރާހީމް ރިފްޢަތާއި އެނޫންވެސް އެކޮމިޝަންގެ ބައެއް މެމްބަރުން އެދި ވަޑައިގެންފައި ވުމުންކަމަށް އެކޮމެޓީން ވަނީ ނިންމައިފައެވެ. އަދި ސުޕްރީމް ކޯޓްގެ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމެހެއްޓުމަށް ޖޭއެސްސީން ނިންމި ނިންމުމަކީ ޤާނޫނީ ބާރު ލިބިގެންވާ ނިންމުމެއްކަމަށް ކަޑައެޅުމަށްވެސް ވަނީ ރިޕޯރޓްގައި ހިމަނުއްވައިފައެވެ. ޖޭއެސްސީން އެގޮތަށް ނިންމަވައިފައި ވަނީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން މަޑުޖައްސާލުމަށް ސުޕްރީމް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށެވެ.

ސުޕްރީމް ކޯޓްގެ ނުފޫޒުގެ ދަށުން ޖޭއެސްސީ މިނިވަން ކުރުމުގެ މަޖިލީހުގެ ބަހުސް ފަށްޓަފައި މިވަނީ ޢަބްދުﷲ ދީދީގެ މައްސަލައިގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ކުރެވޭ ކޮންމެ ކަމެއް ވާނީ ބާތިލް ކަމެއްކަމަށް ސުޕްރީމް ކޯޓުން އިއްޔެ އަނެއްކާ އަމުރުކޮށްފައި ވަނިކޮށެވެ. ކޮމެޓީގެ ރިޕޯރޓްގައި ސުޕްރީމް ކޯޓަށް މަޖިލީހުން ކުރާ އިލްތިމާސްގައި، ރައްޔިތުންގެ މަޖިލީހުން ހަދާ ޤޫނުތައް ހިތުހުރިގޮތަކަށް ބަދަލު ނުކުރުމަށާއި މިނިވަން މުޢައްސަސާތަކުގެ ޤާނޫނީ އިޙްތިސާސްގެ ތެރެއަށް އަރައި ނުގަތުމަށް އިލްތިމާސްކުރުން ހިމެނެއެވެ.

ޖޭއެސްސީއާއެކު ޖުޑިޝަރީ ކޮމެޓީން ބޭއްވި ބަދަލުވުމުގައި ފާހަގަ ކުރެވުނު ކަންތައްތައްވެސް ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯރޓްގައި ވަނީ ހިމަނުއްވައިފައެވެ. އެކަންތައްތަކުގެ ތެރޭގައި ފަނޑިޔާރުންގެ ސްލޫކީ މައްސަލަތައް ބެލުމަށާއި ފަނޑިޔާރުންގެ ފެންވަރު ބެލުމަށްވެސް ސުޕްރީމް ކޯޓުން ހުރަސްތަކެއް ކުރިމަތި ކުރައްވާކަން ހިމެނެއެވެ. އަދި ޖޭއެސްސީ އަށް ޤާނުނު އަސާސީއާއި ޤާނޫނުގެ ދަށުން ލިބިދޭ މަސައްކަތުގެ އިހްތިޞާސްގެ ތެރެއަށް ސުޕްރީމް ކޯޓުން ވަނުމުން އެ ކޮމިޝަންގެ މަސައްކަތްތަކަށް ހުރަސްތަކެއް ކުރިމަތިވެފައި ވާކަންވެސް ބަޔާން ކޮށްފައިވެއެވެ.

މަޖިލީހުގެ ތަޅުމަށް އެ މައްސަލަ ގެންދެވުމަށް ކޮމެޓީން ނިންމެވީ ވަޑައިގެން ތިއްބެވި މެމްބަރުންގެ ތެރެއިން ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ފިޔަވައި އެހެން މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. ކެންދޫ ދާއިރާގެ މެމްބަރ ޢަލީ ހުސައިން ވިދާޅުވީ ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަން މައްސަލައިގައި ޖޭއެސްސީގެ ނިންމުން ރަނގަޅުތޯ ނޫންތޯ މަޖިލީހުން ކަނޑަ އެޅޭނެކަމަށް ދެކެވަޑައި ނުގަންނަވާކަމުގައެވެ. ރައްޔިތުންގެ މަޖިލީހުންވެސް މަސައްކަތް ކުރެވޭނީ ޤާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ވިދާޅުވިއެވެ. ފަނޑިޔާރު ޢަބްދުﷲ ދީދީގެ ސަސްޕެންޝަންގެ މައްސަލަ ޖޭއެސްސީން ނިންމަވައިފައި ވަނީ އެ ފަނޑިޔާރަށް ޖަވާބު ދާރީ ވުމުގެ ފުރުޞަތު ނުދީ ކަމަށްވާއިރު ޖުޑިޝަރީ ކޮމެޓީން އެކަންވެސް ބަލަންޖެހޭކަމަށް ދެކެވަޑައިގަންނަވާކަމަށް ޢަލީ ޙުސައިން ވިދާޅުވިއެވެ. އަދި އެ ފަނޑިޔާރަށް ޖާވާބު ދާރީވުމުގެ ފުރުޞަތު ނުދެއްވާ ޖޭއެސްސީން ގޮތެއްނިންމެވީ ކީއްވެގެންކަން ރައްޔިތުންނަށް އެނގެންޖެހޭނެކަމަށް ވެސް ޢަލީ ޙުސައިން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައިގެ ބަހުސްގައި ވާހަކަ ދެއްކެވި އެމްޑީޕީގެ މެމްބަރުން ވަނީ ކޮމެޓީގެ ރިޕޯޓަށް ވަރަށް ފުރިހަމައަށް ތާއީދުކުރައްވައިފައެވެ. ނަމަވެސް މިނިވަން ބައެއް މެމްބަރުންނާއި އިދިކޮޅު މެންބަރުން ވިދާޅުވީ ސުޕްރީމް ކޯޓަށް ލިބިދީފައިވާ ބާރު ހަނިކުރެވޭނީ ޤާނޫނު އަސާސީ އިސްލާޙުކޮށްގެންކަމަށް ދެކެވަޑައިގަންނަވާ ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.