ރޭ ފަތިހު ސިއްރިއްޔާތުގައި މުރްސީގެ ހަށިކޮޅު ފަސްދާނުލައިފި

ޝަރީއަތުގެ މަޖިލީހުގައި އިއްޔެ ހުންނަވަނިކޮށް ހޭފުޅުނެތިގެން ވެއްޓިވަޑައިގަތުމަށް ފަހު އަވަހާރަވި، މިސްރުގެ ކުރީގެ ރައީސު ޑޮކްޓަރ މުޙައްމަދު މުރްސީގެ ހަށިކޮޅު ރޭ ފަތިހުގެ ވަގުތެއްގައި އާއްމުންނަށް ސިއްރުން ފަސްދާނުލައިފިއެވެ.

މުރްސީ ފަސްދާނުލާފައިވަނީ ފަތިހު 5 ޖެހިއިރު (ރާއްޖޭ ގަޑިން ހެނދުނު 8 ޖެހިއިރު) ވެރިރަށް ޤާހިރާގެ އިރުމަތީ ފަރާތުގައި އޮންނަ ގަބުރުސްތާނެއްގައެވެ. އެ ސަރަހައްދުގައި ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް އެޅުމަށް ފަހު ބޭއްވި ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ އޭނާގެ އަނބިކަނބަލުންނަށާއި، ދެ ދަރިކަލުންނަށާއި، އޭނާގެ ގާނޫނީ ވަކީލަށް އެކަންޏެވެ.

"އަހަރެންގެ ބައްޕައަކީ ﷲ ގެ ޙަޟްރަތުގައި ޝަހީދަކަށް ވާނެކަމަށް އުއްމީދުކުރަން.

ޚަޞްމުންނާ ބައްދަލުވާނީ މާތް ﷲގެ ޙަޟްރަތުގައި.

އަހަރުމެން ވަނީ ލީމާން ޠައްރާ ޖަލުގައި ބައްޕަގެ ހަށިކޮޅު ހިނަވާ، ޖަލުގެ މިސްކިތުގައި ބައްޕަގެ މައްޗަށް ކަށުނަމާދުކޮށްފައި. ބައްޕަގެ މައްޗަށް އާއިލާގެ މީހުން ފިޔަވައި އެހެން ބަޔަކު ނަމާދުނުކުރޭ. ބައްޕަ ފަސްދާނުލާފައި ވަނީ މަދީނަތުއްނަޞްރުގައި އޮންނަ މުސްލިމް ބްރަދަހުޑްގެ މުރްޝިދުންގެ މަޤްބަރާގައި. އެއީ އައްޝަރްޤިއްޔާ ގައި އޮންނަ އާއިލީ ގަބުރުސްތާނުގައި ފަސްދާނުލުމުގެ ހުއްދަ ކަމާބެހޭ ފަރާތްތަކުން ނުދިނުމުން. إنا لله وإنا إليه راجعون" ޑރ. މުރްސީގެ ޖަނާއަށްފަހު އޭނާ ދަރިކަލުން އަޙްމަދު މުޙައްމަދު މުރްސީ ކުރެއްވި ޓުވީޓުގައި ވެއެވެ.

ޑރ. މުރްސީގެ ވަކީލު ޢަބްދުލްމުންޢިމް ޢަބްދުލްމަޤްޞޫދު ވިދާޅުވިގޮތުގައި މުރްސީގެ ދަރިކަލުން އަޙްމަދުގެ އިތުރަށް މިވަގުތު ބަންދުގައި ހުންނެވި އޭނާގެ ދަރިކަލުން އުސާމާއަށް ވަނީ ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ދީފައެވެ. ދެން ބައިވެރިވީ އޭނާގެ އަނބިކަނބަލުންނާއި، މުރްސީގެ ދެ އަޚުންނެވެ.

ވަކީލު ވިދާޅުވިގޮތުގައި އާއިލާއަށް މުރްސީގެ ހަށިކޮޅު ފެންނަވަރު ވީ ޖަލުގައި ތިބޭތާ 3 ގަޑިއިރުވި ފަހުންނެވެ. އޭނާ ވިދާޅުވިގޮތުގައި ފަތިސްނާމަދާށް ފަހު އާއިލާއިން ކަށުނަމާދުކުރުމުން މުރްސީގެ ހަށިކޮޅު އެންބިއުލެންސެއްގައި ގަބުރުސްތާނަށް ގެންދެވުނުއިރު އާއިލާއާއި ވަކީލު ފިޔަވައި އާއްމުންގެ އެއްވެސް ބަޔަކަށް ނުދެވެއެވެ.

އަވަސް އަރުވާލައިގެން ޑރ. މުރްސީގެ ހަށިކޮޅު ވަޅުލާފައި މިވަނީ އޭނާ އަވަހާރަވީ މައްސަލަ ތަހުގީގުކުރުމަށް ގިނަ ފަރާތްތަކަކުން ގޮވާލާފައި ވަނިކޮށެވެ. އަވަހާރަވުމަށްފަހު ވެސް މުރްސީގެ ހަށިކޮޅު އާއިލާއާއި ހަވާލުނުކޮށް ޖަލަށް ގެންގޮސް އާއިލާއަށް އެތަނުގައި ކަށުކަމާކެމީގެ ކަންތައް ކުރުމަށް މަޖުބޫރުކުރީ، އެއްވެސް ބަޔަކަށް ޖަނާޒާގައި ބައިވެރިވުމުގެ ފުރުސަތު ނުދިނުމަށެވެ.

މިސްރުގައި މިހާތަނަށް ޑިމޮރެޓިކް އިންތިޚާބެއް ކާމިޔާބުކުރައްވައިގެން ރައީސުކަން ކުރެއްވި ޑރ. މުޙައްމަދު މުރްސީ އުމުރުފުޅުން 67 އަހަރުގައި އިއްޔެ އަވަހާރަވީ އޭނާއަށް ހައްގު ސިއްހީ ފަރުވާގެ ފުރުސަތު ނުދީ ޖަލުގައި އެތައް އަނިޔާއެއް ދިނުމުގެ ސަބަބުން ކަމަށް ވާތީ ގިނަ ބަޔަކު ދަނީ 'ލަސް މަރަކުން މުރްސީ އަވަހާރަކޮށްލީ" މިހާރުގެ ރައީސު ޢަބްދުލްފައްތާހު އައްސީސީ ކަމަށް ބުނެ މީސްމީޑިޔާގައި އޭނާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.