ދިވެހިރާއްޖޭގައި ގިނަޢަދަދެއްގެ ހުނަރުވެރި ފަންނުވެރިން އެބަތިބި ކަމަށާއި ޚާއްސަކޮށް ވިޝުއަލް އާޓްސްގެ ދާއިރާގެ ހުނަރު ކުރިއެރުވުމުގެ ފުރުޞަތުތައް ހޯދައިދެއްވުމަށް މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ބައިވެރިންގެ ކިބައިން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، ޔުމްނާ މައުމޫން އެދިވަޑައިގެންފިއެވެ.
އެކަމަނާ މިކަމަށް އެދިވަޑައިގެންނެވީ ރާއްޖޭގައި މިއަދު ފެށި މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުނެވެ.
މިނިސްޓަރ ވިދާޅުވީ ފަންނުވެރިންނާއި ހުނަރުވެރިން ރާއްޖޭގައި ވަރަށްގިނަ ކަމަށެވެ. އެކަންކަމްތަރައްޤީކޮށް ކުރިއެރުވުމަށްޓަކައި މީގެ ކުރިން ކުރައްވާފައިނުވާ ވަރަށް މިހާރު މަސައްކަތް ކުރެވޭ ކަމަށް އެމަނާ ވިދާޅުވިއެވެ. އެފަދަ ދާއިރާތަކަކީ ވަޒީފާތައް ވެސް އުފެދޭ ދާއިރާތައް ކަމަށާއި އެކަން ކަމަކީ ވަޒީފާތަކާއެކު ފަތުރުވެރި ކަމުގެ ދާއިރާގެ ތެރެއިން ތަރައްޤީކުރެވިދާނެ ކަންކަން ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ. އެދާއިރާތައް ކުރިއަރައި ހިނގައިގެންފި ކަމަށްވާނަމަ ދިވެހި ފަންނާނުންނަށް އެތައް ފުރުޞަތުތަކެއް ހުޅުވިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމަނާ ވިދާޅުވީ ރާއްޖެއަކީ ދިގުތާރީޚަކާއި ސަޤާފަތަކާއި އަމިއްލަވަންތަ ދިރިއުޅުމަކާއި އާދަތަކެއް އޮތް ޤައުމެއް ކަމަށެވެ. އެހެން ކަމުން މިއީ އެހާރުވެސް އަދި މިހާރުވެސް ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި މުހިންމު ސިފަތަކެއް ކަމަށް ވެސް އެކަމަނާ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެ ޖަޒީރާވަންތަކަންމަތީ ތަރައްޤީ ކުރުމަށްޓަކައި އަމިއްލަވަންތަކަން ވެސް ދަމަހައްޓަވަންޖެހޭ ކަމަށެވެ. އެގޮތުން ދިވެހީންނަކީ ހިރިގަލުވަޑާމަށް ވެސް މޮޅު ބައެއް ކަމަށް ވިދާޅުވިއެވެ. އޭގެ ހެއްކަކީ ރާއްޖޭގައި ހިގަލުން ހަދާފައިވާ މިސްކިތްތަކެވެ. އެފަދަ މިސްކިތްތަކެއް ރާއްޖެނޫން އެހެންތަނަކުން ފެންނަން ނެތްކަމަށް ވެސް ވިދާޅުވިއެވެ.