ރާއްޖޭގެ ތަރައްޤީ ކުރުމަށް ބައިނަލްއަޤުވާމީ ފަރާތްތަކުގެ އެހީތެރިކަން ބޭނުންވެ ވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލީހު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ މިއަދު ފެށ މޯލްޑިވްސް ޕާޓްނަރޝި ފޯރަމް 2019" ހުޅުއްވައި ދެއްވުމުގެ ގޮތުން ދެކެއްވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވަނީ ޖަޒީރާ ރާއްޖޭގެ ނަމުގައި ތަރަޤީގެ ވަޢުދުތަކެއް ވެ ވަޑައިގެންފައި ކަމަށެވެ. އެ ވަޢުދުތައް ފުއްދުމަށްޓަކައި ބައިނަލްއަޤުވާމީ ފަރާތްތަކުގެ މަދަދާއި އެހީތެރިކަން ބޭނުންފުޅުވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިފަދަ ފޯރަމެއް ރާއްޖޭގައި އަލުން ބޭއްވުމަކީ ބައިނަލްއަޤުވާމީ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ ފޯރަމަކަށްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ސަރުކާރުން މިހާރުވެސް ގެންދަވަނީ ވަޢުދުތައް ފުއްދެވުމަށް ކުރައްވަންޖެހޭ މަސައްކަތް ކުރައްވަމުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖެއަށް އެހީތެރިވެދެއްވައި ރާއްޖޭގައި އިންވެސްޓް ކުރަން ބޭނުންވާ ބޭރުގެ ފަރާތްތަކަށް ވެސް މި ފޯރަމުގެ ސަބަބުން ފުރުސަތު ލިބިގެންދާނެއެވެ. މި ފޯރަމުގައި ރައީސްގެ އިތުރަށް ނާއިބު ރައީސާއި ބައެއް ވަޒީރުން ވެސް ވާހަކަފުޅު ދައްކަވާނެއެވެ.
މި ފޯރަމުގައި ސަރުކާރުން އިންވެސްޓް ކުރުވަން ބޭނުންވާ ދާއިރާތަކާ ބެހޭ މަޢުލޫމާތު ފޯރުކޮށް ދިނުމަށް ޕެނަލްޑިސްކަޝަންތައް ވެސް ކުރިއަށްދާނެއެވެ. މި ފޯރަމް ނިމޭނީ މާދަމާއެވެ.