ސްކޫލަށް ވައްދާ އުމުރު 1 އަހަރަށް ބަދަލުކުރަން ގިނަމެމްބަރުން ދެކޮޅު

ޕްރީ ސްކޫލްތަކުގެ ޤާނޫނަށް އިސްލާހު ހުށަހެޅުއްވި ފެލިދާ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު (މ).

އުމުރުން 1 އަހަރު ފުރުމާއެކު ކުދިން ސްކޫލަށް ވެއްދުމާ ދެކޮޅު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގިނަމެމްބަރުން މިއަދު ވިދާޅުވެއްޖެއެވެ.

ގިނަ މެމްބަރުންތަކެއް މިކަމާދެކޮޅަށް މިއަދު ވާހަކަ ދެއްކެވީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު، ޕްރީސްކޫލް ހިންގުމުގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުގައި އުމުރުން 1 އަހަރުގައި ކުދިން ސްކޫލަށް ވެއްދުމަށް ހުށަހެޅުއްވާފައި އޮތުމުން ކުރިޔަށް ގެންދިޔަ އިބުތިދާއީ ބަހުސްގައެވެ.

ފަޒުލްގެ އިސްލާހު މިގޮތަށް ހުށަހެޅުއްވުމާއެކު މަޖިލީހުގެ މެޖޯރިޓީ އޮތް އެމްޑީޕީގެ ވަރަށްގިނަ މެމްބަރުން ވަނީ މި އިސްލާހަށް ތާއީދު ނުކުރައްވާކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. ގިނަމެމްބަރުން ވިދާޅުވީ މިފަދަ އިސްލާހެއް ގެންނަންޖެހޭނީ ވަރަށް ބޮޑު އިލްމީ ދިރާސާއަކަށް ފަހު، ކަމާބެހޭ ބޭފުޅުންގެ ލަފަޔާވެސް އެކުގައި ކަމަށެވެ.

ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު ވިދާޅުވީ އުމުރުން 1 އަހަރު ފުރުމާއެކު ކުދިން ސްކޫލަށް ފޮނުވުމަކީ އޭގައި ވަރަށްގިނަ ގެއްލުން ހިމެނޭނެ ކަމެއް ކަމަށެވެ. އަދި އެފަދަ ގޮތަކަށް ތައުލީމީ ސިޔާސަތު ބައްޓަން ކޮށްފިނަމަ ތައުލީމު ދިނުމަކީ ބޮޑު ވިޔަފާރިއަކަށް ބަދަލުވެދާނެ ކަމަށާއި ތައުލީމު ފޯރުކޮށް ދިނުމަކީ ވިޔަފާރިއަކަށް ވެގެންދިޔުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށްވެސް ޖީހާން ވިދާޅުވިއެވެ.

މެމްބަރު މީކާއީލް ނަސީމް ވިދާޅުވީ އުމުރުން 1 އަހަރުގައި ކުދިން ސްކޫލަށް ފޮނުވުމަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި ކުރާކަމެއް ނޫން ކަމަށާއި އެހާ ހަގު އުމުރުގައި ކުދިން ސްކޫލަށް ފޮނުވުމަކީ ކުދިންގެ ކިޔެވުމަށް ފަހުން ގޯސް އަސަރުކޮށް، ކިޔެވުން މަތިން ކުދިން ފޫހިވާކަމެއް ކަމަށް ދިރާސާތަކުން ދައްކާފައި އެބަހުރި ކަމަށެވެ. މީކާއީލް ވަނީ ދުނިޔޭގެ ބަޔެއް ގައުމުތަކުން މިސާލު ނަންގަވައި އެގައުމުތަކުގައި ކުދިން ސްކޫލަށް ވައްދާ އެންމެ ހަގު އުމުރުފުރާތައްވެސް ވިދާޅުވެފައެވެ.

ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ތައުލީމީ ސިޔާސަތުގެ ތެރެއަށް އުމުރުން 1 އަހަރުގައި ކުދިން ސްކޫލަށް ވެއްދުން ގާނޫނަކުން މަތިކޮށްފިނަމަ އެއީ ސަރުކާރަށްވެސް ކުޅަދާނަ ކަމަކަށްނުވާނެ ކަމަށާއި ގާނޫނެއްގެ ތެރެއިން އެޑިޔުކޭޝަން މިނިސްޓްރީގެ ސިޔާސަތުގެ ތެރެއަށް އެކަން ވައްދަން އޭނާވެސް ތާއީދު ނުކުރައްވާ ކަމަށެވެ.

މުލަކު ދާއިރާގެ މެމްބަރު އިބްރާހިން ނަސީރު ވިދާޅުވީ އުމުރުން އެއް އަހަރުގައި ކުދިން ސްކޫލަށް ފޮނުވުމަކީ ކުރެވޭނެ ކަމެއްވެސް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ބަޔެއް ބެލެނިވެރިންގެ ދެތިން ހަތަރު ކުދިން ތިބޭއިރު އުމުރުން 1 އަހަރުގެ ދަރިފުޅު ސްކޫލަކަށް ވައްދައިގެން ބެލެނިވެރިންނަށްވެސް ކެތްނުވާނެ ކަމަށެވެ.

މި އިސްލާހަށް ބަހުސް ކުރެއްވި ބަޔެއް މެމްބަރުން ވިދާޅުވީ އުމުރުން 1 އަހަރުގައި ކުދިން ސްކޫލަށް ވައްދާ ގޮތަށް ހަދައިފިނަމަ ގޭގޭގެ އެޕާޓްމެންޓްތައްވެސް ބޭބީނާސަރީ ސްކޫލަކަށް ބަދަލު ވެގެން ހިނގައިދާނެ ކަމަށެވެ. އަދި އެއުމުރުގެ ތުއްތު ކުދިން ބަލަހައްޓާނީ ޑޭކެއާރސެންޓަރު ތަކުން ކަމަށާއި އެއީ ގާނޫނެއްގެ ތެރެއިން ރާއްޖޭގެ ތައުލީމީ ސިޔާސަތުގެ ތެރެއަށް ގެނެސްގެން ކުރަން އޮތް ކަމެއް ނޫން ކަމަށް މެމްބަރުން ވިދާޅުވިއެވެ.

މި އިސްލާހު ހުށަހެޅުއްވި މެމްބަރު އެކަން ކުރެއްވީ ސިޔާސީ ވިސްނުންފުޅެއްގައި ސިޔާސީ ކަމެއް ހާސިލް ކުރައްވަން ކަމަށްވެސް އެމްޑީޕީގެ ބަޔެއް މެމްބަރުން ތުހުމަތު ކުރެއްވިއެވެ. އަދި ބިލު ހުށަހެޅުއްވި ފަޒުލް އާއި އޭނާ ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމަށްވެސް ބަޔެއް މެމްބަރުންގެ ފާޑު ކިޔުން ބަހުސްގައި އަމާޒު ވިއެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.