މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމް މާދަމާ ރާއްޖޭގައި ފަށަނީ

މީގެކުރިން ރާއްޖޭގައި ބޭއްވި ފޯރަމެއްގައި ސަރުކާރުގެ ބަޔެއް ވަޒީރުން

މާދަމާ ރާއްޖޭގައި ފަށާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގައި 35 އަށްވުރެ ގިނަ ގައުމު ބައިވެރިވާނެ ކަމަށް ފޮރިން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ސަރުކާރުގެ ފަރާތުން މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދުއާއި މިނިސްޓަރ އޮފް ފައިނޭންސް އިބްރާހިމް އަމީރު ކޯ-ހޮސްޓް ކުރައްވާ މިފޯރަމްއާބެހޭ މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝާހިދު މިއަދު ވިދާޅުވީ ދުނިޔޭގެ ވަރަށްގިނަ ގައުމުތަކުން ބައިވެރިވާ މިފޯރަމްގައި ބައިނަލް އަގްވާމީ 27 ޖަމްއިއްޔާއަކުންވެސް ބައިވެރިވާކަމަށެވެ. މިފޯރަމް ހުޅުވައި ދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙަންމަދު ސޯލިޙެވެ.

މިފޯރަމްގައި ބައިވެރިވުމަށް ރާއްޖެ ވަޑައިގެންފައިވާ އިއްޒަތްތެރިންގެ ތެރޭގައި އދ. ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް އާއި ސާބިއާގެ ލޭބަރ މިނިސްޓަރާއި ސައުދީއަރަބިއްޔާގެ އެސިސްޓެންޓް މިނިސްޓަރ އާއި ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މުޝީރެއްވެސް ހިމެނެއެވެ. މީގެއިތުރުން ވަރަށްގިނަ ގައުމުތަކުގެ ސަފީރުންވެސް މިފޯރަމްގައި ބައިވެރިވެވަޑައިގަންނަވައެވެ. އަދި ގިނައުމުތަކުން އެކިފެންވަރުގެ މަންދޫބުން ބައިވެރިވެވަޑައިގަންނަވައެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވި ގޮތުގައި މާދަމާ ފަށާ މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމްގެ ޝިއާރަކީ "އިންވެސްޓިންގ އިން އަ ރިޒިލިއެންސް އެންޑް ސަސްޓައިނަބަލް މޯލްޑިވްސް" އެވެ.

މޯލްޑިވްސް ޕާޓްނާޝިޕް ފޯރަމް ބޭއްވުމަށް މާދަމާ ހަޖައްސާފައިވާ އިރު މިއީ މި ފޯރަމް ރާއްޖޭގައި ބާއްވާ ހަތަރުވަނަ ފަހަރު ކަން ފާހަގަކޮށްލެވެއެވެ. މި ފޯރަމް އެންމެ ފަހުން ރާއްޖޭގައި ބާއްވާފައި ވަނީ މީގެ ދިހަ އަހަރު ކުރިންނެވެ.

މިފޯރަމްގައި ރަޙުމަތްތެރި ގައުމުތަކާއި ޖަމްއިއްޔާ ޖަމާޢަތްތަކާއިއެކު "ޖަޒީރާ ރާއްޖެ"އެއްގެ ތަސައްވުރާއި ބެހޭގޮތުންނާއި ސަރުކާރުގެ ތަރައްގީގެ އެޖެންޑާއާއި ބެހޭ ގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލު ކުރެވޭނެއެވެ. އަދި ދިވެހި ރާއްޖެއަކީ ބައިނަލް އަގުވާމީ މުޖްމަތަމައަށް ހުޅުވާލެވިފައިވާ ގައުމެއްގެ ގޮތުގައި ބޭއްވުމަށް ދިވެހި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެކި ޤައުމުތަކާއި ބައިނަލް އަގުވާމީ މުޖްތަމައުއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެވި، ރާއްޖެއަށް ދިމާވެފައިވާ އެކި ގޮންޖެހުން ތަކުން އަރައިގަތުމަށް އިގްތިސޯދީ އަދި އިޖްމާއީ އެކި ދާއިރާތަކުން ބައިނަލް އަގވާމީ ބައިވެރިންގެ އެހީތެރިކަން ހޯދުމަށްވެސް މިފޯރަމްގައި ވަނީ ހަމަޖެހިފައެވެ.
ފޮރިން މިނިސްޓްރީން ބުނީ ފޯރަމްގެ ސަބަބުން ސަރުކާރުގެ ތަރައްގީގެ އެޖެންޑާ އާއި، ގައުމީ ތަރައްގީގެ ޕްލޭނާއި ބެހޭ ގޮތުން ސަރުކާރުގެ ވަޒީރުން މައުލޫމާތު ދެއްވައި، ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބައިނަލް އަގުވާމީ ބައިވެރިންނާއި ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. މިއަހަރުގެ ޕާޓްނަރޝިޕް ފޯރަމްގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ މައިގަނޑު 5 ދާއިރާއަކުން ޕެނަލް ޑިސްކަޝަންތައް ބާއްވައި މައުލޫމާތު ދޭނެކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެތެރޭގައި ދިވެހި ރާއްޖޭގެ މިވަގުތުގެ މާލީ އަދި އިގުތިސޯދީ ހާލަތުގެ މައުލޫމާތު ދިނުމާއި، ސިއްހީ އަދި ތައުލީމީ ދާއިރާ ތަރައްގީ ކުރުމާއި، ސަގާފީ އަދި ޒުވާނުންނާއިގުޅޭ ކަންކަމުގެ އިތުރުން ހިންގުމާއި އަދުއިންސާފުގެ ނިޒާމް ހަރުދަނާކުރުމާއި، ގައުމީ ތަރައްގީގައި ޕްރައިވެޓް ސެކްޓަރ އަށް އަދާކުރެވިދާނެ ދައުރާބެހޭ މައުލޫމާތު ދިނުންވެސް ހިމެނެއެވެ.

މޯލްޑިވްސް ޕާޓްނަރޝިޕް ފޯރަމަކީ ވޭތުވެ ދިޔަ 10 އަހަރުތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަލްޓިލޭޓަރަލް ބައްދަލުވުމެވެ. މިފޯރަމްގައި ބައިވެރިވުމަށް ގިނަ ޤައުމުތަކަކުންނާއި ޖަމްއިއްޔާ ޖަމާޢަތްތަކުން ރާއްޖެއަށް އައިސް، ސަރުކާރުގެ ތަރައްގީގެ އެޖެންޑާއަށް އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމްގައި ބައެއް އެއްބަސްވުންތަކުގައި ސޮއި ކުރެވިގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.