ރަޝިޔާއިން ތުރުކީއަށް ގަންނަ އެސް-400 ވައިގެ ދިފާއީ ނިޒާމް އަންނަ ޖުލައި މަހުގެ ކުރީކޮޅު ތުރުކީއަށް ލިބޭނެކަމަށް ލަފާކުރެވޭ ކަމުގައި ތުރުކީގެ ރައީސު ރަޖަބް ތައްޔިބް އެރްދޮޣާން ވިދާޅުވެއްޖެއެވެ. މިއީ ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން) ގައި ތުރުކީގެ ބައިވެރިއެއް ކަމަށް އިތުރަށް ރުޅިއަރާނެ ކަމެކެވެ.
ރަޝިޔާގެ އެސް-400 ނިޒާމަކީ ނޭޓޯގެ ވައިގެ ދިފާއީ ނިޒާމުތަކާ ނުގުޅޭ ނިޒާމެކެވެ. އެމެރިކާ އެންމެ ބޮޑަށް ކަންބޮޑުވަނީ އެ މައްސަލައިގައެވެ. އަދި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކާ އެކީ ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމް ބޭނުންކުރަން ފަށައިފިނަމަ އެ މަތިންދާބޯޓުތަކާ ބެހޭ ހައްސާސް މައުލޫމާތު ރަޝިޔާއަށް ލިބިދާނެތީވެސް އެމެރިކާ ކަންބޮޑުވެއެވެ.
"އެސް-400 ގެ މައްސަލައިގައި އަހަރުމެން ރަޝިޔާއާއި ވާހަކަދެއްކިން. ހަގީގަތުގައި އެސް-400 ގެ މައްސަލަ ވަނީ ނިމިފައި." ތަޖިކިސްތާނަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ގައުމަށް އެނބުރިވަޑައިގަންނަވަމުން މަތިންދާބޯޓުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން އެރްދޮޣާން ވިދާޅުވިކަމަށް ތުރުކީގެ އެންޓީވީން ޚަބަރުދެއެވެ. ރައީސު އެރްދޮޣާން ވަނީ ތަޖިކިސްތާނުގައި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާ ބައްދަލުކުރައްވާފައެވެ.
"އަހަރެންނަށް ލަފާކުރެވޭ ގޮތުގައި އެ ނިޒާމުތައް ޖުލައިމަހުގެ ފުރަތަމަ ކޮޅު އަންނަން ފަށާނެ." އެސް-400 ލިބެން ފަށާނެ ވަކި ދުވަސްވަރެއް ފުރަތަމަ ފަހަރަށް ހާމަކުރައްވަމުން އެރްދޮޣާން ވިދާޅުވިއެވެ.
އެމެރިކާގެ ވަގުތީ ސެކްރެޓަރީ އޮފް ޑިފެންސް (ދިފާއީ ވަޒީރު) ޕެޓްރިކް ޝަނަހަން ވަނީ، އެސް-400 ނިޒާމު ގަތުން ތުރުކީން ހުއްޓާނުލައިފިނަމަ، އެމެރިކާގެ އެންމެ ޒަމާނީ އަސްކަރީ މަތިންދާބޯޓު އެފް-35 ގެ ޕްރޮގްރާމުން ތުރުކީ ބާކީކުރާނެކަމުގެ އިންޒާރު ފާއިތުވި ހަފުތާގައި ދެއްވާފައެވެ. އަދި މި ނިޒާމު ގަތުން ތުރުކީން ހުއްޓާނުލައިފިނަމަ، އިގްތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމަކީވެސް އެކަށީގެންވާ ކަމެކެވެ.
އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފިނަމަ، ތުރުކީންވެސް ރައްދުދޭނެ ކަމުގެ އިންޒާރު ތުރުކީގެ ޚާރިޖީ ވަޒީރު މައުލޫދު ޖާވޭޝްއޮގްލޫ ވަނީ ދެއްވާފައެވެ.
"އެމެރިކާއިން އަހަރުމެންނާ ދެކޮޅަށް އެއްވެސް އިދިކީލި ފިޔަވަޅެއް އަޅައިފިނަމަ އަހަރުމެންވެސް ރައްދުދޭނަން." ޖާވޭޝްއޮގްލޫ ވިދާޅުވިއެވެ.
ބުރާސްފަތި ދުވަހު ތުރުކީގެ ޓީވީއަކަށް ދެއްވި ބަސްދީގަތުމެއްގައި ޖާވޭޝްއޮގްލޫ ވިދާޅުވީ އޭނާގެ ގައުމުން ބަޔަކު ދޭ އިންޒާރަށް ބޯނުލަނބާނެ ކަމުގައެވެ.
މި މަހު ފަހުކޮޅު ޖަޕާނުގެ އޮސާކާގައި އޮންނަ ޖީ-20 އެންމެ އިސްވެރިންގެ ބައްދަލުވުމުގައި އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕްއާ ބައްދަލުކުރައްވައި އެސް-400 ގެ މައްސަލައިގައި ވާހަކަފުޅުދައްކަވާނެ ކަމަށް ރައީސު އެރްދޮޣާން ވަނީ ވިދާޅުވެފައެވެ.