ގަލްފް އޮމާންގައި އިއްޔެ ޓްރޮޕީޑޯއާއި މައިން ބޭނުންކޮންގެ ދެ ތެޔޮޓޭންކަރަކަށް ދިން ހަމަލާގެ ފަހަތުގައި ވަނީ އީރާންކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ. އެމެރިކާ މިހެން ބުނުމާއެކު، މެދުއިރުމަތީގައި އެމެރިކާގެ އެންމެ ގާތް ބައިވެރިންގެ ތެރޭގައި ހިމެނޭ ސައޫދީ އަރަބިއްޔާއާއި، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން ވަނީ މި ވާހަކައަށް ތާއީދުކޮށްފައެވެ.
"އެމެރިކާގެ ނިންމުމަކީ މިއަދު (ބުރާސްފަތި ދުވަހު) ގަލްފް އޮމް އޮމާންގައި ދެ ޓޭންކަރަށް ދެވުނު ހަމަލާގެ ޒިންމާ އުފުލަންޖެހެނީ އިސްލާމިކް ރިޕަބްލިކް އޮފް އީރާން." ރޭގެ ވަގުތެއްގައި ނޫސްވެރިންނަ ބައްދަލުކުރައްވަމުން ޕޮމްޕެއޯ ވިދާޅުވިއެވެ.
"މި ނިންމުމާ ހަމައަށް އައީ ޖާސޫސީ މައުލޫމާތާއި، ބޭނުންކުރެވުނު ހަތިޔާރައި، އެފަދަ ކަމެއް ހިންގަން ބޭނުންވާނެ ތަޖުރިބާގެ ފެންވަރަށް ބަލާފައި. އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޖަމާއަތްތަކަށް، މިފެންވަރުގެ ކުޅަދާނަކަން ބޭނުންވާ ހަމަލާއެއް ދޭނެ ވަސީލަތާއި ތަޖުރިބާ ލިބިގެން ނުވޭ." ޕޮމްޕެއޯ އިތުރަށް ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ޕޮމްޕެއޯގެ މިވާހަކަ ފުޅުތަކަށް ބާރުދޭ ކަމަށް އެމެރިކާއި ބުނާ ވީޑިއޯ މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ އާއްމުކޮށްފައެވެ. އެމެރިކާ ބުނާގޮތުގައި އެ ވީޑިއޯއިން ދައްކަނީ ދެ ޓޭންކަރުން ކުރެ އެއް ޓޭންކަރުގައި ނުގޮވާ އޮތް މައިނެއް އީރާނުގެ ރިވޮލިއުޝަނަރީ ގާޑުން ނަގާތަނެވެ.
Video recorded by U.S aircraft of an IRGC Gashti-class patrol boat removing an unexploded limpet mine from M/T Kokuka Courageous. Courageous suffered an explosion while in #GulfofOman. Her 21 crew members were rescued by #USNavy destroyer #USSBainbridge. https://t.co/YpiEUALHWj pic.twitter.com/rjWKJN0qcf
— U.S. Navy (@USNavy) June 14, 2019
"އެ ސަރަހައްދުގެ ގަޑިން ހަވީރު 4:10 ގައި ޕެޓްރޯލް ބޯޓު ގަޝްތީ ކްލާސް އެމް/ޓީ ކޮކޫކާ ކަރޭޖަސް ކައިރިއަށް ގޮސް، ކޮކޫކާ ކަރޭޖަސްގައި ނުގޮވާ އޮތް ލިމްޕެޓް މައިނެއް ނަގާތަން ފެނި ރެކޯޑްކުރެވިފައިވޭ." އެމެރިކާގެ ކަނޑުގެ ސިފައިންގެ ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާނު ކެޕްޓަން ބިލް އާބަން ވިދާޅުވިއެވެ.
އެމެރިކާގެ މިތުހުމަތުތަކަށް ރައްދުދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު މުޙައްމަދު ޖަވާދު ޒަރީފު ވިދާޅުވީ އެމެރިކާއާއި އެގައުމުގެ ބައިވެރިން ބޭނުންކުރަނީ "ފަނާކުރަނިވި ޑިޕްލޮމަސީ" ކަމުގައެވެ.
"އެމެރިކާއިން ވަގި ގޮތަކަށް ނިންމަން ފުއްމައިގަންނަނީ އެއްވެސް ދަލީލެއް ނެތި. ޝައްކެއް ނެތް މިންވަރަށް ސާފުވެގެން މިދަނީ ބީ ޓީމުން ދަނީ ޕްލޭން ބީ ކުރިއަށް ނެރެމުންކަން. އެއީ ފަނާކުރަނިވި ޑިޕްލޮމަސީ އަދި އެ މީހުން އީރާނާ ދެކޮޅަށް ހިންގާ އިގްތިސާދީ ޖަރީމާތައް ފޮރުވުން." ޒަރީފު ކުރެއްވި ޓުވީޓެއްގައި ވެއެވެ.
އަނެއްކޮޅުން، އދ. ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެގައި ވާހަކަފުޅުދައްކަވަމުން އެ ޖަމްއިއްޔާގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޝް ވަނީ މި ހަމަލާތައް ކުށްވެރިކުރައްވާފައެވެ.
"މަދަނީ ތަންތަނަށް ހަމަލާދިނުމުގެ ހާދިސާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން. ހަގީގަތް ހޯދައި. ޒިންމާވާ ފަރާތްތައް ސާފުވާންޖެހޭ." ގުޓަރޭޝް ވިދާޅުވިއެވެ.
ޖަޕާނުން ބުނި ގޮތުގައި ހަމަލާ އެރި ދެ ޓޭންކަރަށްވެސް ބަރުކޮށްފައި ވަނީ ޖަޕާނާ ގުޅުންހުރި ތަކެއްޗެވެ. މި ހަމަލާތައް އައިސްފައި މިވަނީ، މެދުއިރުމަތީގައި އިތުރުވަމުންދާ ނުތަނަވަސްކަން ކުޑަކުރެވޭތޯ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭ އީރާނަށް ވަޑއިގެން އީރާނުގެ އިސްވެރިންނާ ބައްދަލުކުރައްވަމުން ގެންދަވާ ވަގުތެއްގައެވެ.