ޠޫފާން 'ވަޔޫ' އަރާނެކަމަށް ގުޖަރާތު ތައްޔާރުވެފައި ވަނިކޮށް ޠޫފާނުގެ މިސްރާބު ބަދަލުވެއްޖެ

ޠޫފާން 'ވަޔޫ'ގެ ގަދަ ވައިގެ ސަބަބުން ގުޖަރާތުގެ އައްސޭރިއަށް ބޮޑެތި ރާޅު ބިންދަނީ

މިއަދު މެންދުރުފަހުގެ ވަގުތެއްގައި އިންޑިޔާގެ ހުޅަނގު އުތުގައި އޮންނަ ގުޖަރާތު ސްޓޭޓަށް އަރާނެކަމަށް ކުރިން ލަފާކުރި ޠޫފާން 'ވަޔޫ' ގެ މިސްރާބު ބަދަލުވުމުން މިހާރު އެ ޠޫފާން އެ ސްޓޭޓަށް ނާރާނެ ކަމަށް އިންޑޔާގެ މޫސުމާ ބެހޭ އިދާރާ، އިންޑިޔާ މީޓިއޮރޮލިޖަލް ޑިޕާޓްމަންޓް (އައިއެމްޑީ) އިން ބުނެފިއެވެ.

އެމެރިކާގެ ނޭޝަނަލް ވެދާ ސާވިސްގެ ކްލައިމެޓް ޕްރެޑިކްޝަންސް ސެންޓަރުން މިހާރު ލަފާކުރާ ގޮތުގައި 'ވަޔޫ' ދަތުރުކުރާނީ ގުޖަރާތު އައްސޭރި ކައިރިން ދެކުނު ޕާކިސްތާނު ކަރާޗީ ކައިރިން އޮމާންގެ އައްސޭރިއާ ދިމާއަށެވެ.

ޠޫފާން ގުޖަރާތަށް އަރާނެކަމަށް ކުރިން ލަފާކުރެވިފައި ވާތީ އެ ސްޓޭޓުން ވަނީ އައްސޭރިފަށުގައި ދިރިއުޅޭ 3 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ.

އެންމެ ފަހުގެ ޚަބަރުތައް ބުނާގޮތުގައި ގުޖަރާތަށް ޠޫފާން ނޭރިޔަސް އޭގެ ބާރު ވައިގެ ސަބަބުން އައްސޭރިފަށުގެ އަވަށްތަކަށް ޠޫފާނުގެ އަސަރުވަނީ ކޮށްފައެވެ. ޠޫފާން އައްސޭރި ފަށުން ދިޔައިރު ކުރި ވިއްސާރަގައި 560 އަވަށެއްގެ ކަރަންޓު ކޭބަލްތައް ކަނޑައިގެން ގޮސް އެ އަވަށްތަކުން ކަރަންޓު ވަނީ ކެނޑިފައެވެ. ގުޖަރާތުގެ އައްސޭރިއަށް ބިޔަ ރާޅު ބިންދަމުންދާކަމަށްވެސް ޚަބަރުލިބެއެވެ.

ކުރިއަށް 48 އިރަށް އެ ސަރަހައްދުގެ މީހުން މޫސުމަށް ސަމާލުވުމަށް އައިއެމްޑީން ވަނީ އަންގާފައެވެ. އަދި ޖޫން 15 ގެ ކުރިން މަސްވެރިން ކަނޑަށް ނުނުކުތުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ޠޫފާންގެ އަސަރުކުރާނެ ކަމަށް ބެލެވޭ ޕާކިސްތާނުގެ ދެކުނުގައި އޮންނަ ސިންދު ޕްރޮވިންސުގެ އައްސޭރިފަށުގެ ރަށްތައް މިހާރު އޮތީ ކުއްލި ހާލަތަށް ގެނެސްފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.