
ޢުމުރުން އަށް އަހަރުގެ ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު މިއަދު ބަންދުކޮށްފި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވައިފިއެވެ.
ފުލުހުން ވިދާޅުވީ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވަނީ މެދުރާއްޖެތެރޭގެ ރަށަކުން ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ހުށަހަޅައިފައިވަނީ ހުސްވި މެއި މަހު 25 ވަނަ ދުވަހު 10:00 އެހައިކަންހާއިރު ކަމަށެވެ. އެ މައްސަލާގައި ތުހުމަތު ކުރެވޭ މީހާ މިއަދު ބަންދުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ބަންދުކުރި މީހާގެ ޢުމުރަކީ 58 އެވެ.
އއ. އަތޮޅުގެ ރަށަކުން ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށް އެމިނިސްޓްރީން އިއްޔެވަނީ ވިދާޅުވެފައެވެ. އެމައްސަލަ ބައްލަވަމުން ގެންދަވާ ކަމަށްވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ. އަނިޔާ ލިބުނު ކުއްޖާއަށް އެހީތެރިކަން ފޯރުކޮށް ދެއްވަމުން ގެންދަވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.