
ޝަރީއަތް ނިމެންދެން ހ. ބާރަށު ސިލްސިލާގޭ އަނީސް ހިލްމީ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން އަނީސް ހިލްމީ ހައްޔަރުކޮށްފައިވަނީ 11 އަހަރުގެ އަންހެން ކުއްޖަކު ގެސްޓުހައުސްއަކަށް ގެންގޮސް ރޭޕްކުރި ކަމަށް ތުހުމަތު ކުރެވިގެން މި މަހުގެ 12ވަނަ ދުވަހުއެވެ. އޭނާ އެ ކުއްޖާ ރޭޕްކޮށްފައިވަނީ ކުއްޖާ މޮޔަހައްލައިގެން (ގްރޫމްކޮށްގެން) ކަމަށް ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.
އަނީސް ހިލްމީގެ ބަންދާ މެދު ގޮތެއް ނިންމާން މި މަހުގެ 13ވަނަ ދުވަހު އޭނާ ކޯޓަށް ހާޒިރުކުރުމުން ކްރިމިނަލް ކޯޓުން ދިނީ 7 ދުވަހެވެ. އޭނާގެ ބަންދަށް ކޯޓުން 7 ދުވަސް ދީފައިވަނީ ޝަރީއަތުގެ މަރުހަލާ ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމުގެ އަމުރަކަށް އެދި ކޯޓަށް މައްސަލަ ހުށަހަޅައިދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އަރިހުގައި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު އެދިވަޑައިގެންފައި ވަނިކޮށެވެ. އަލުން އެފަދަ އަމުރަކަށް އެދިވަޑައިގަންނަވާނެ ކަމަށްވެސް ކޮމިޝަނަރ ވަނީ ވިދާޅުވެފައެވެ.