ގަލްފް އޮފް އޮމާންގައި ދެ ތެޔޮޓޭންކަރުގައި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެއްޖެ

ތެޔޮޓޭންކަރު 'ފްރަންޓް އަލްޓެއާ' ގައި ރޯވެފައި

ޕާޝިއަން ގަލްފް (އެރޭބިއަން ގަލްފް) އާއި އެރޭބިން ސީ ގުޅުވައިދޭ ގަލްފް އޮފް އޮމާންގައި ދަތުރުކުރަމުން ދިޔަ ތެޔޮ އުފުލާ ދެ ޓޭންކަރެއްގައި ގޮވުންތަކެއް ގޮވައި އަލިފާން ރޯވެއްޖެއެވެ.

ދެ ޓޭންކަރު ދުއްވާ ކުންފުނިތަކުން ބުނި ގޮތުގައި 27 ހާސް ޓަނުގެ 'ކޮކުކާ ކަރޭޖަސް'ގައި ތިބި 21 ފަޅުވެރިންނާއި، 1 ލައްކަ 9 ހާސް ޓަނުގެ 'ފްރަންޓް އަލްޓެއަރ'ގައި ތިބި 23 ފަޅުވެރިން ވަނީ ސަލާމަތްކޮށްފައެވެ. އީރާނުގެ ރަސްމީ ޚަބަރުފަތުރާ އެޖެންސީ، އިސްލާމިކް ރިޕަބްލިކް ނިއުސް އެޖެންސީން ބުނީ، ދެ އުޅަނދުގައި ހިނގި ހާދިސާއަށް ފަހު 44 މީހުންވެސް ސަލާމަތް ކޮށްގެން އީރާނުގެ ޖަސްކް ބަނދަރަށް ގެންގޮސްފައިވާ ކަމުގައެވެ. އެމެރިކާގެ ކަނޑުގެ ސިފައިން އެހީއަށް އެދި އެ ދެ އުޅަނދުން އެމީހުންނަށްވެސް ގުޅި ކަމުގައެވެ.

ބަހުރޭންގައި މަރުކަޒުކުރެވިފައިވާ އެމެރިކާ ކަނޑުގެ ސިފައިންގެ ފަސްވަނަ ފްލީޓުން ބުނީ މިއަދު ހެނދު 6:12 ގައި (ރާއްޖޭ ގަޑިން ފަތިހު 8:12) ގައި އެއް އުޅަނދުން އަދި ހެނދުނު 7:00 ގައި އަނެއް އުޅަނދުން އެހީއަށް އެދިފައިވާ ކަމުގައެވެ.

"އެމެރިކާ ކަނޑުގެ ސިފައިންގެ އުޅަނދުތައް އެސަރަހައްދުގައި ހަރަކާތްތެރިވެ އެހީތެރިވަމުން ދަނީ." ފަސްވަނަ ފްލީޓުން ނެރުނު ބަޔާނެއްގައި ވެއެވެ.

ޖަޕާނުގެ ކޮކުކާ ސަންގްޔޯ ލިމިޓެޑްގެ ޓޭންކަރެއް ކަމުގައިވާ 'ކޮކުކާ ކަރޭޖަސް' އަކީ ސިންގަޕޫރުގެ ބީއެސްއެމް ޝިޕް މެނޭޖްމަންޓުން ދުއްވާ، ޕެނެމާގައި ރަޖިސްޓަރީކޮށްފައިވާ ޓޭންކަރެކެވެ. އެކުންފުނިން ނެރުނު ބަޔާނެއްގައި ވާގޮތުން އެ ޓޭންކަރު އޮތީ ޔޫއޭއީގެ ފުޖައިރާ އާއި 70 ނޯޓިކަލް މޭލު، އަދި އީރާނުގެ އައްސޭރިއާއި 14 ނޯޓިކަލް މޭލު ދުރުގައެވެ. އެ ޓޭންކަރު ދަތުރުކުރަމުން ދިޔައީ ސައޫދީ އަރަބިއްޔާގެ އަލްޖުބައިލް ބަނދަރުން މެތަނޯލް ބަރުކޮށްގެން ޖަޕާނަށް ދިއުމަށެވެ.

"ކޮކުކާ ކަރޭޖަސް އެ ސަރަހައްދުގައި އެބަ އޮތް. އެ އުޅަނދު ފެތުމުގެ ނުރައްކަލެއް ނެތް." ކުންފުނީގެ ބަޔާނުގައި ވެއެވެ. އަދި އެ ބަޔާނުގައި ވާގޮތުން އުޅަނދަށް ގެއްލުންތަކެއް ލިބި ފަޅުވެރިންގެ ތެރެއިން އެކަކު ޒަޚަމްވެފައިވާ ކަމުގައެވެ.

'ފްރަންޓް އަލްޓެއާ' އަކީ ތައިވާނު ސަރުކާރުގެ ތެޔޮ ކުންފުނި ސީޕީސީ ކޯޕްއިން ޗާޓަރުކޮށްގެން ދުއްވާ ޓޭންކަރެކެވެ. މާޝަލް އައިލޭންޑްސްގައި ރަޖިސްޓަރީކޮށްފައިވާ އެ އުޅަނދު ދަތުރުކުރަމުން  ދިޔައީ ޔޫއޭއީގެ އައްރުވައިސް ބަނދަރުން  75 ހާސް ޓަނުގެ ނަފްތާ (ޕެޓްރޯކެމިކަލްގެ ބާވަތެއް) ބަރުކޮށްގެންނެވެ. ސީޕީސީގެ ޕެޓްރޯކެމިކަލް ޑިވިޝަންގެ ސީއީއޯ ވޫ އައި ފަންގް ވިދާޅުވީ އެ އުޅަނދަށް ޓްރޮޕީޑޯއެއް އަރާފައިވާ ކަމަށް ލަފާކުރެވޭ ކަމުގައެވެ. އަދި އުޅަނދުގައި ރޯވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 'ފްރަންޓް އަލްޓެއާ' އަކީ ނޯވޭގެ ފްރަންޓްލައިން ޝިޕިންގ ކޮމްޕެނީގެ ޓެންކަރެކެވެ.

ބްލޫމްބާގުން ޚަބަރުދޭ ގޮތުގައި މި ހާދިސާއަށް ފަހު ތެލުގެ އަގު ވަނީ %3.9 މައްޗަށް ޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.