އަދީބަށް ފިލުމުގެ ފުރުޞަތު ނުލިބޭނެ: ކަމާބެހޭ މުއައްސަސާތައް

ފޮޓޯ؛ ރައްޔިތުންގެ މަޖިލިސް

ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސް ފިލުމުގެ ފުރުޞަތު އަދީބަށް ނުލިބޭނެކަމަށް ކަމާބެހޭ މުއައްސަސާތަކުން ވިދާޅުވެއްޖެއެވެ. އަދީބުގެ މައްސަލައިގައި ކަމާބެހޭ މުއައްސަސާތަކުގެ ވެރިން ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމެޓީއަށް ހާޒިރުކޮށް މަޢުލޫމާތު ސާފުކުރެއްވީ މިއަދު ހަވީރު ބޭއްވި އެ ކޮމެޓީގެ ޖަލްސާގައެވެ.

ބޮޑެތި ޚިޔާނާތްތަކާއި ބައެއް މަރުތަކުގެ ފަހަތުގައި ވާކަމަށް ތުޙުމަތު ކުރެވޭ ކުރީގެ ނާއިބް ރައީސް އަޙްމަދު އަދީބު ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަދިން މައްސަލާގައި ކަމާބެހޭ މުއައްސާސާތަކުގެ ވެރިން ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީއަށް ހާޒިރު ކޮށް ސުވާލުކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައާ ގުޅިގެންނެވެ.

ކޮމެޓީއަށް ހާޒިރުވެ ވަޑައިގެންފައިވަނީ ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒާއި ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދާއި އިމިގްރޭޝަން ކޮންޓްރޯލަރ މުޙައްމަދު އަޙުމަދު ޙުޞައިންނެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކޮމެޓީގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވަނީ ތިން މުއައްސަސާ ގުޅިގެން އަދީބު ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ގެންދިއުމަށް ހިންގާ އޮޕްރޭޝަން ކާމިޔާބުވާނެ ކަމުގެ ފުރިހަމަ ޔަޤީންކަން މެމްބަރުނަށް ދެއްވައިފައެވެ. ހޯމް މިނިސްޓަރ ވަނީ މި އޮޕަރޭޝަން ފެއިލްވުން އެއީ ސަރުކާރު ފެއިލްވުން ފަދަ ކަމެއްކަމަށް ސިފަ ކުރައްވައިފައެވެ.

އަދީބު ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށް ދިއުމަށް ހަމަޖެހިފައިވަނީ މިމަހަގެ 14 ވަނަ ދުވަހުއެވެ. އެނބުރި އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. ނަމަވެސް އަދީބަށް ދޫކޮށްފައިވާ ޓްރެވެލް ޑޮކިއުމެންޓަކީ އެއް އަހަރުގެ މުއްދަތަށް ދޫކޮށްފައިވާ ލިޔުމެކެވެ. އެ ޓްރެވަލް ޑޮކިއުމެންޓްގައި އިންޑިއާ ފިޔަވައި އިތުރު ޤައުމަކަށް އެތެރެ ނުވެވޭނެކަމުގެ ޔަޤީންކަން އިމިގްރޭޝަން ކޮންޓްރޯލަރ ވަނީ މެމްބަރުނަށް އަރުވައިފައެވެ. އަދި އަދީބުގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމެންޓް އޮންނާނީ އަދީބާއި އެކު ވަޑައިގަންނަވާ ކަރެކްޝަންގެ ބޭފުޅުން ނުވަތަ ފުލުހުންގެ ބެލުމުދެ ދަށުގައި ކަމަށް އޭނާ ވިދާޅުވިއެވެ. އަދީބު ރާއްޖެއިން ބޭރުން  ބޭސް ފަރުވާ ހޯދުމުގެ ކަންތައް ކުރިއަށްގެންދާއިރު ފުލުހުންނާއި ކަރެކްޝަން ހިމެނޭ ގޮތަށް ހަތް ބޭފުޅުންގެ ޓީމަކުން 24 ގަޑިއިރު އޭނާ ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.

ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަދީބާއެކު ބޭސްފަރުވާ ކަންތަކުގައި އާއިލާއިން ދާނީ އޭނާގެ އަނބި ކަނބަލުން މަރިޔަމް ނަޝްވާ އެވެ. ބޭސްފަރުވާ ކުރިއަށް ގެންދާނީ އާއިލާގެ ފަރާތުން ކަމަށް ޕްރިޒަންސް ކޮމިޝަނަރ ޢަބްދުﷲ މުނާޒު ވިދާޅުވިއެވެ. ހޯމް މިނިސްޓަރާއި ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނަށް މެމްބަރުން ވަނީ ވަރަށް ގިނަ ސުވާލުތައް ކުރިމަތި ކުރުވައިފައެވެ.

މިއަދުގެ ޖަލްސާގައި ކުއްލި މައްސަލައެއްގެ ގޮތުގައި އަދީބުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރ މީކާއީލް އަޙުމަދު ނަސީމްއެވެ. މިމައްސަލައިގެ ބަހުސް ކުރިއަށް ގެންދިއުމަށް ފާސްކުރީ 56 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.   

އަދީބު ރާއްޖެއިން ބޭރަށް ފުރުވާލުމަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އޭނާ ފިލައިގެން ގޮސްފިނަމަ ތުޙުމަތު ކުރެވޭ މަރުގެ މައްސަލަތަކުގެ ހަޤީގަތް ނުހޯދޭނެކަމަށް މީކާއީލް ވަނީ ވިދާޅުވެފަވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.