
ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖޭއެސްސީ އިން ނިންމަވައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް ފަނޑިޔާރަކު މަޤާމުން ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުމަށް ނިންމެވި ފުރަތަމަ ފަހަރެވެ. މަޤާމުން ވަކިކުރުމަށް ނިންމެވި ފަނޑިޔާރަކީ ގދ. ތިނަދޫ މެޖިސްޓްރޭޓު ކޯޓުގެ ފަނޑިޔާރު، އިބްރާހީމް ރަޝީދެވެ. އޭނާ މަޤާމުން ވަކިކުރުމަށް ފާސްކޮށްފައިވަނީ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ޢަބްދުﷲ ދީދީ އާއި ފެމިލީ ކޯޓުގެ އިސް ޤާޒީ ޙަސަން ސަޢީދު ސަސްޕެންޑު ކުރުމަށް ވެސް މިއަދު ވަނީ ނިންމަވާފައެވެ.
ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑުކުރަން ނިންމެވީ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެންނެވެ. އުސޫލެއްގެ ގޮތުން ތަހުގީގީ އިދާރާއެއްގެ ހިނގަމުންދާ މައްސަލައެއް ކޮމިޝަނަށް ހުށަހަޅައިފިނަމަ 48 ގަޑިއިރު ތެރޭގައި ފިޔަވަޅު އަޅަން އޮންނަކަމަށް ޖޭއެސްސީ އިން ވިދާޅުވިއެވެ.
ފެމިލީ ކޯޓުގެ އިސް ގާޒީ ސަސްޕެންޑް ކުރުމަށް ނިންމެވީ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާ އެއް ތަހުގީގު ކުރުމަށްފަހުއެވެ. އަދި އެ މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި އޭނާ ސަސްޕެންޑް ކުރަންޖެހޭ ކަމަށް ތަހުގީގު ކޮމިޓީއިން ހުށަހަޅާފައިވާތީ އެކަން އެގޮތަށް ނިންމެވީ އެކަމާ މެދު ބަހުސްކުރެވި މިއަދުގެ ބައްދަލުވުމުގެ އަޣުލަބިއްޔަތުންނެވެ.
މީގެ އިތުރުން ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައެއް ބަލަން ނިންމަވާފައިވާ ކަމަށްވެސް ޖޭއެސްސީ އިން ވިދާޅުވިއެވެ. ނަމަވެސް މައްސަލައިގެ ފުރަތަމަ މަރުހަލާގައި އެއީ ކޮން ފަނޑިޔާރެއް ކަމާއި އޭގެ ތަފްސީލު ހާމަކުރެވެން ނޯވެއެވެ.
މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވީ 9 މެންބަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި މަޖިލީހުގެ ފަރާތުން ކޮމިޝަނަށް ހޮވިވަޑައިގެންނެވި މެންބަރު ޙިސާން ޙުސައިން ބައިވެރިވެ ވަޑައިގެންނެވިއެވެ.