އަބްހާ އެއާޕޯޓަށް ޙޫޘީން ދިން މިސައިލު ހަމަލާއެއްގައި 26 މީހުން ޒަޚަމްވެއްޖެ

ސައޫދީ އަރަބިއްޔާގެ ހުޅަނގު ދެކުނުގެ ރަށެއް ކަމުގައިވާ އަބްހާގެ އިންޓަނޭޝަނަލް އެއާޕޯޓަށް ޙޫޘީން ދިން މިސައިލް ހަމަލާއެއްގައި 26 މީހުން ޒަޚަމްވެއްޖެއެވެ.

ޔަމަނުގެ ސަރަހައްދީ ރޮނގުގެ އުތުރުން 200 ކިލޯމީޓަރު ދުރުގައި އޮންނަ އެއާޕޯޓަށް ހަމަލާދިނީ ކުރޫޒް މިސައިލުން ކަމަށް ޔަމަނު ސަރުކާރާ ދެކޮޅަށް ހަނގުރާމަކޮށް އެގައުމުގެ ބޮޑު ބައެއް ހިފާފައިވާ ޙޫޘީންގެ އަލްމަސީރާ ޓީވީން ބުނެފައިވާއިރު، ސައޫދީ ކޯލިޝަނުން ވެސް ބުނެފައި ވަނީ ހަމަލާދީފައި ވަނީ "އީރާނުން ދީފައިވާ ޒަމާނީ ހަތިޔާރު" ބޭނުންކޮށްގެން ކަމަށެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޔަމަނުގައި ހަނގުރާމަކުރާ އަރަބި ކޯލިޝަނުގެ ތަރުޖަމާނު ކާނަލް ތުރުކީ އަލްމާލިކީ ބުނީރޭ ދަންވަރު 2:21 ގައި (ރާއްޖޭ ގަޑިން ފަތިހު 4:21 ގައި) ޙޫޘީން ފޮނުވި މިސައިލް އަރާފައިވަނީ އަބްހާ އިންޓަނޭޝަލަން އެއާޕޯޓުގެ އެރައިވަލް ހޯލަށް ކަމުގައެވެ.

ޝީޢާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޙޫޘީންގެ އަލްމަސީރާ ޓީވީން ބުނި ގޮތުގައި މިސައިލް ހަމަލަދިނީ އަބްހާ އެއަޕޯޓުގެ ކޮންޓްރޯލު ޓަވަރަށެވެ. އަދި އެ ހަމަލާގެ ސަބަބުން އެ ޓަވަރުގެ މަސައްކަތް ހުއްޓިފައިވާ ކަމަށެވެ.

ޙޫތީންގެ މި ހަމަލާއަށް ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ދެމުން ކާނަލް އަލްމާލިކީ ބުނީ ޙޫޘީން ހަމަލާގައި ޒަޚަމްވި މީހުންގެ ތެރޭގައި 3 އަންހުންނާއި ކުޑަ 2 ކުދިންވެސް ހިމެނޭ ކަމުގައެވެ. ޒަޚަމްވީ މީހުންގެ ތެރެއިން 8 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދާއިރު، ދެން ތިބި މީހުންނަށް ފަރުވާދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށްވެސް އަލްމާކިލީ ބުންޏެވެ.

މި ފަހަކަށް އައިސް ޙޫޘީން ދަނި އެމީހުން ހަމަލާތަކުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަމުން، ހަމަލާދޭ ސަރަހައްދު ފުޅާކުރަމުންނެވެ. އަދި އެމީހުންގެ ހަމަލާތަކުގައި އެންމެ ޒަމާނީ ޑްރޯން ބޭނުންކުރަމުން ދާކަންވެސް ފާހަގަކުރެވެއެވެ. ދާދި ފަހުން ޙޫޘީން ވަނީ ޑްރޯން ހަމަލާއެއްގައި ސައޫދީ ތެޔޮ ހޮޅިއަކަށްވެސް ބޮޑެތި ގެއްލުން ދީފައެވެ. އަދި ސައޫދީ އަރަބިއްޔާގެ ދެކުނުގައި އޮންނަ ޖީޒާން އެއާޕޯޓަށްވެސް އެތައް ފަހަރަކު ހަމަލާދީފައެވެ.

މިއީ ޙޫޘީންގެ ހަމަލާއެއްގައި ކްރޫޒް މިސައިލެއް ބޭނުންކުރި ދެވަނަ ފަހަރެވެ. ފުރަތަމަ ހަމަލާއަކީ 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު ޔޫއޭއީގެ އަބޫދާބީ ކައިރީގައި ހުންނަ ނިއުކުލިޔާ އިންޖީނުގެއަކަށް ދިން ހަމަލާއެވެ.

"އެމެރިކާގެ އެންމެ ފަހުގެ ސިސްޓަމްތަކަކަށް މިސައިލް ނުހުއްޓުވުނު. މި ހަމަލާގެ ސަބަބުން ދުޝްމަނުން ހާސްވެ އެމީހުންގެ ހިތްތަކަށް ވަނީ ބިރުވެރިކަން ވަދެފައި." ޙޫޘީންގެ އަސްކަރީ މަސްއޫލުވެރިއަކާ ހަވާލާދީ އަލްމަސީރާ ޓީވީން ބުނެފައި ވެއެވެ.

މިހަފުތާގެ ކުރީކޮޅު ޙޫޘީން ވަނީ ސައޫދީ ހުރިހާ އެއާޕޯޓަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި "ހައިރާންކުރުވަނިވި ބޮޑު" ކަންކަން ހިނގާނެ ކަމަށް ބުނެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.