މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގެ މަސައްކަތް ފަށައިފި

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެ ބައްދަލުވުމެއް. ފޮޓީ މަޖިލިސް އިދާރާ

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ހަމަޖައްސަވައި އެކޮމިޓީ ތަކުގެ މަސައްކަތްވެސް މިއަދު  މެންދުރުފަހު ފަށައިގެންފިއެވެ.

ޖުމްލަ 17 ކޮމިޓީ މިފަހަރު އެކުލަވާލިއިރު މިއަދު ވަނީ ބަޔެއް ކޮމިޓީ ތަކުގެ ޖަލްސާ ބާއްވާފައެވެ. ނަމަވެސް ކޮމިޓީ ރޫމުގެ ދަތިކަމާހުރެ ބަޔެއް ކޮމިޓީތަކުގެ ބައްދަލުވުންތައް މިއަދު ބޭއްވޭގޮތް ވަނީ ނުވެފައެވެ. މަޖިލީހުގެ އިދާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއަދު ބައްދަލުވުންތައް ބޭއްވި ދާއިމީ ކޮމިޓީ ތަކަކީ ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އާއި އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގެއެވެ.

ދާއިމީ 17 ކޮމިޓީއަށް މިއަދު މެމްބަރުން ހަމަޖެއްސެވިއިރު ހުރިހާ ކޮމިޓީއެއްގެ އަޣްލަބިއްޔަތު އޮތީ މަޖިލީހުގެ ސުޕަރމެޖޯރިޓީވެސް އޮތް އެމްޑީޕީގައެވެ. މަޖިލީހުގެ ދާއިމީ ކޮމިޓީ ތަކުގެ މަސައްކަތް މިއަދު ފަށައިގެންއިރު ބައްދަލުވުންތައް ބޭއްވި ކޮމިޓީތަކުން މައިގަނޑު ގޮތެއްގައި މިއަދު ކުރިޔަށް ގެންދިޔައީ ކޮމިޓީތައް މިދައުރުގައި ހިންގާނެ ގޮތުގެ ނިންމުންތައް ނިންމުމަށެވެ. އެގޮތުން ކޮމިޓީތަކުގެ ކޯރަމް ނިންމުމާއި، ކޮމިޓީތަކުގެ ބައްދަލުވުންތައް ބާއްވާނެ ދުވަސްތަކެއް ކަނޑައެޅުން ފަދަ ކަންކަމަށް މަޝްވަރާކޮށް ގޮތް ނިންމާފައިވެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ދާއިމީ ކޮމިޓީ ތަކަކީ އާންމު ކޮމިޓީ، ގަވައިދު ކޮމިޓީ، މާލިއްޔަތު ކޮމިޓީ، އިގްތިސޯދީ ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ، ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީ، ގައުމީ ސަލާމާތާއި ޚާރިޖީ ގުޅުންތަކާބެހޭ ކޮމިޓީ، ޕެޓިޝަން ކޮމިޓީ، އިމްތިޔާޒް އަދި ސުލޫކީ ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، ޖުޑިޝަރީ ކޮމިޓީ، އެންވަޔަރަންމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީ، ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީ އަދި ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.