ހުޅުމާލޭގައި އަނެއްކާވެސް ނައިޓް މާކެޓެއް ބާއްވަން މޭޒު ދޫކުރަން ފަށައިފި

މިއަހަރުގެ ތެރޭގައި ހުޅުމާލޭގައި އަނެއްކާވެސް ބޮޑު ނައިޓް މާކެޓެއް ބޭއްވުމަށް ނިންމައި، މޭޒުވެސް ދޫކުރަން ފަށައިފިއެވެ.

އަންނަ އޮގަސްޓް މަހުގެ 29 ން ސެޕްޓެމްބަރު 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުގައި ބާއްވާ ނައިޓް މާކެޓް އިންތިޒާމު ކުރަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ "ލިކަމެކް" އިންނެވެ. އެކުންފުނީގެ އޮފިޝަލު ބުނީ ނައިޓް މާކެޓްގައި ބައިވެރިވާން ބޭނުން ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި މިހާރުވެސް ބަޔެއް ފަރާތްތަކަށް މޭޒު ދޫކޮށްފައިވާނެ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ ފޯމު ދޫކުރަމުން އަންނަނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނާއި އަސަރީ މާލަމުން ކަމަށެވެ. ހެނދުނު 9 ން ފެށިގެން ފޯމު ދޫކުރަމުން ދެއެވެ. އެކުންފުނިން މޭޒެއް ވިއްކާ އަގަކީ 6 ހާސް ރުފިޔާއެވެ. ޖުމްލަ 450 މޭޒު ދޫކުރަންވެސް ވަނީ ނިންމާފައެވެ.

ލިކަމެކުން ބުނީ ނައިޓް މާކެޓުގައި ބައިވެރިވާ މާލޭގެ ވިޔަފާރިވެރިން ހުޅުމާލެއަށް މުދާ ގެންދިޔުމަށްޓަކައި އެކުންފުނިން މުދާ އުފުލާ ދޯންޏެއްވެސް އެދުވަސްތަކުގައި ބާއްވާނެ ކަމަށާއި މުދާ ގެންދިޔުމަށް އެއްވެސް އިތުރު ފީއެއް އެކުންފުނިން ނުނަގާނެ ކަމަށެވެ.

އޮގަސްޓް މަހު ނައިޓް މާކެޓަށް ފޯމު ދޫކުރަމުން ދާއިރު އިކޮނޮމިކް މިނިސްޓްރީން ދާދިފަހުން ވަނީ ނައިޓް މާކެޓް ފަދަ ތަންތަނުގައި މުދާ ވިއްކުމާބެހޭ ގަވައިދަށް ބަދަލުތަކެއްވެސް ގެނެސްފައެވެ. އެގޮތުން ނައިޓް މާކެޓް ފަދަ ތަންތަނުގައި މުދާ ވިއްކޭނީ ފިހާރަ ތަކުގައި ވިއްކަން ހުންނަ އެއްޗެހީގެ ތެރެއިން ނުވިކި ހުންނަ އެއްޗެހި ކަމަށް ވަނީ ނިންމާފައެވެ. އަދި ނައިޓް މާކެޓުގައި ބައިވެރި ވެވޭނީ ވިޔަފާރި ކުންފުންޏަކުން ނުވަތަ ފިހާރައަކުން ކަމަށްވެސް ވަނީ ނިންމާފައެވެ. ނަމަވެސް ފަހަކަށް އައިސް ނައިޓް މާކެޓްގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރުން މުދާ ގެނެސްގެން އަމިއްލަ ވަރަށްގިނަ މީހުންވެސް ދަނީ ނައިޓް މެކެޓުން މޭޒު ނަގަމުންނެވެ.

ހުޅުމާލޭގައި މިއަހަރު މީގެކުރިންވެސް ތިން ނައިޓް މާކެޓް ބާއްވައިފިއެވެ. އޭގެދެތެރެއިން ދެ ނައިޓް މާކެޓް ބޭއްވީ ސެންޓްރަލް ޕާކު ސަރަހައްދުގައެވެ. އެ ދެނައިޓް މާކެޓް ބޭއްވީ އަމިއްލަ ދެކުންފުންޏަކުންނެވެ. ހުޅުމާލޭ ސްކޫލެއް ކަމަށްވާ ރެހެންދި ސްކޫލުންވެސް ވަނީ ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ނައިޓް މާކެޓެއް ބާއްވާފައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.