އަދީބަށް ރާއްޖެއިން ފަރުވާ ދެވޭކަށްނެތް، ފުރުވާލަނީ ސަލާމަތީ ފިޔަވަޅު އަޅާފައި: ހޯމް މިނިސްޓްރީ

ކުރީގެ ރައީސް އަބްދުﷲ ޔާމީން ހުންނަވަނިކޮށް ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާ އާއި އެމްއެމްޕީއާރުސީގެ ތެރެއިން ހިނގައިދިޔަ ޚިޔާނާތުގެ މައްސަލަތަކުގެ ސަބަބުން ގިނަ ދުވަސް ތަކަކު ޖަލުގައި އޮންނަވަން ޖެހިވަޑައިގެންނެވި ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުގެ ލޮލަށް ކުރިމަތިވެފައިވާ "ގްލޮކޯމާ" ބައްޔަށް ފަރުވާ ހޯދަން ރާއްޖެއިން  ބޭރަށް ފޮނުވަން ނިންމީ ރާއްޖެއިން އެކަމަށް އިތުރަށް ފަރުވާ ކުރެވެން ނެތް ނެތުމުން ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.

އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން ނިންމުމާއެކު އެކަމަށް ފަޑުކިޔުން އަމާޒުވެފައި ވަނިކޮށް ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަދީބުގެ ބައްޔަށް ރާއްޖެއިން ފަރުވާ ކުރެވެން ނެތުމުން އަދީބު ބެއްލެވި ޑޮކްޓަރުވެސް ތަކުރާރުކޮށް ލަފާ ދީފައި ވަނީ އެބައްޔަށް ބޭރުން ފަރުވާ ހޯދުން އަވަސް ކުރުމަށެވެ. މިނިސްޓްރީން ބުނީ އަދީބުގެ ބައްޔަށް ރާއްޖެއިން ރަނގަޅު ފަރުވާއެއް ހޯދޭތޯ ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާނެ ކަމަށާއި އެގޮތުން ރާއްޖެއިން ބޭރުންވެސް ޑޮކްޓަރުން ގެނެސްގެން ފަރުވާ ދެވޭތޯ ބަލާފައިވާނެ ކަމަށެވެ. ނަމަވެސް އިތުރު އެހެން އެއްވެސް ގޮތެއް ނެތުމުން ބޭރަށް ފޮނުވަން ނިންމީ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިނިސްޓްރީން ބުނީ އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވަން މެޑިކަލް ބޯޑުން ނިންމާފައިވާއިރު، ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަންނަވާއިރު ފުލުހުންގެ އޮފިސަރަކާއި ކަރެކްޝަނުގެ އޮފިސަރަކުވެސް އަދީބާއެކު ވަޑައިގަންނަވާނެ ކަމަށެވެ. އަދި އިންސާފުގެ ކުރިމައްޗަށް އަދީބު ހާޒިރު ކުރުމަށް ހުރަސްއެޅޭނެ އެއްވެސް ކަމެއް ވިޔަނުދިނުމަށް އަޅަންޖެހޭ ހުރިހާ ސަލާމަތީ ފިޔަވަޅެއްވެސް އަޅާފައިވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށްވެސް ހޯމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދީބު ލޮލަށް ފަރުވާ ހޯދުމަށް ވަޑައިގަންނަވަނީ އަވައްޓެރި އިންޑިޔާއަށެވެ.

33 އަހަރުގެ ދިގު ޖަލު ހުކުމުން މިހާރު ސަލާމަތްވެފައިވާ އަދީބު ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުވާލާތީ ރައްޔިތުންގެ މަޖިލިސްގެ ބަޔެއް މެމްބަރުންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ބަޔެއް މެމްބަރުން ވިދާޅުވެފައި ވަނީ އަދީބު ފުރުވާލުމަކީ ގައުމީ ސަލާމަތަށްވެސް ނުރައްކާ އޮތް ކަމެއް ކަމަށެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.