ޒާކިރު ނައިކް އިންޑިޔާއާ ހަވާލުނުކުރުމުގެ ހައްގު މެލޭޝިޔާއަށް ލިބިގެންވޭ: މަހާތީރު

އިންސާފު ނުލިބޭނެކަމަށް ލަފާކުރެވޭނަމަ، ދީނީ ބަހުސްކުރުމާއި ތަގްރީރުކުރުމުން މަޝްހޫރުކަން ހޯއްދަވާފައިވާ ޑޮކްޓަރ ޒާކިރު ނައިކު އިންޑިޔާ ސަރުކާރާ ހަވާލުނުކުރުމުގެ ހައްގު މެލޭޝިޔާއަށް ލިބިގެންވާ ކަމުގައި މެލޭޝިޔާގެ ބޮޑުވަޒީރު ޑޮކްޓަރ މަހާތީރު ބިން މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިންޑިޔާއިން ދަނީ، ކަޅު ފައިސާ ދޮވުމުގެ (މަނީ ލޯންޑަރިންގގެ) ތުހުމަތުގައި ޝަރީއަތަށް ހަޒީރުކުރުމަށް، އެގައުމުގެ ރައްޔިތެއް ކަމުގައިވާ ޒާކިރު ނައިކް އެގައުމާ ހަވާލުކުރުމަށް އެދެމުންނެވެ.

އުމުފުޅުން 53 އަހަރުގެ ޒާކިރު ނައިކަކީ މެލޭޝިޔާގެ މުސްލިމުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެކެވެ. މެލޭޝިޔާއިން ވަނީ ޒާކިރު ނައިކަށް ވިސާނެތި އެގައުމުގައި ހުންނެވުމުގެ ހުއްދަ ދީފައެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި އޭނާއަކީ މިހާރު ސައޫދީ އަރަބިއްޔާގެ ވެސް ރައްޔިތެކެވެ.

އިންޑިޔާއިން ވަނީ ގޮތްނޭނގޭ 1.93 ބިލިއަން ރުޕީސް (27.7 މިލިއަން އެމެރިކާ ޑޮލަރު) ގެ ކަޅުފައިސާ ދޮވުމުގެ ތުހުމަތު ޒީކިރު ނައިކްގެ އިސްތަށިފުޅުގައި އަޅުވާފައެވެ. މީގެ އިތުރަށް އިންޑިޔާގެ ނޭޝަނަލް އިންވެސްޓިގޭޓިވް އެޖެންސީން ވަނީ ޓެރަރިޒަމަށް ހިތްވަރުދިނުމާއި، ނަފުރަތު އުފެދޭ ފަދަ ތަގުރީރުކުރުމުގެ ދައުވާ 2014 ވަނަ އަހަރު ޒާކިރު ނައިކްގެ މައްޗަށް އުފުލާފައެވެ.

ޒާކިރު ނައިކާ މެދު މަހާތީރު ދެކެވަޑަގަންނަވާ ގޮތް ހާމަކުރައްވާފައި ވަނީ އޭނާ ހައްޔަރުކުރަން އިންޓަރޕޮލްގެ ރެޑް ނޯޓިސްއެއް ހޯދަން އިންޑިޔާއިން މަސައްކަތްކުރަމުންދާތީ އެކަމާ ގުޅޭގޮތުން ދެންނެވުނު ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

"ޒާކިރު ގަބޫފުޅުކުރައްވަނީ އިންޑިޔާގައި އޭނާގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ނުކުރެވޭނެކަމަށް." ޑރ. މަހާތީރު ވިދާޅުވިއެވެ.

2017 ވަނަ އަހަރުގެ ފަހުކޮޅު މެލޭޝިޔާއަށް ވަޑައިގަތް ގޮތަށް ޑރ. ޒާކިރު ނައިކް ދިރިއުޅުއްވަމުން ގެންދަވަނީ މެލޭޝިޔާގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.