ޖަރުމަނުގެ ދެ މިސްކިތަކަށް ހަމަލާދީ ގެއްލުންތަކެއް ދީފި

ޖަރުމަނުގެ ބްރެމެންގެ ރަހްމާން މިސްކިތަށް ދިން ހަމަލާގައި މުސްހަފުތަކެއް ފާޚާނާ ތެރެއަށް އަޅާފައި

ޔޫރަޕުގައި ދިރިއުޅޭ މުސްލިމުންނާ ދެކޮޅަށް ނަސާރާއިންގެ ހަރުކަށި ޖަމާއަތްތަކުން ދޭ ހަމަލާތައް އިތުރުވެފައި ވާއިރު ޖަރުމަނުގެ ދެ މިސްކިތަކަށް ހަމަލާދީ ގެއްލުންތަކެއް ދީފިއެވެ. އެއް މިސްކިތަށް ގާ އުކައި ދޮރުތަކުގެ ބިއްލޫރިތައް ތަޅާލާފައި ވާއިރު އަނެއް މިސްކިތުގައި އޮތް 50 މުސްހަފު ވަނީ ވީދާފައި ފާޚާނާ ތެރެއަށް އަޅާފައެވެ.

މެދުތެރޭ ޖަރުމަނުގެ ރަށެއް ކަމުގައިވާ ކަސެލްގެ ސެންޓްރަލް މިސްކިތަށް ކޮން ބައެއްކަން ނޭނގޭ ބަޔަކު ހަމަލާދީފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. ޓަރކިޝް އިސްލާމިކް ޔުނިއަން ފޯ ރެލިޖަސް އެފެއާޒް (ޑީއައިޓީއައިބީ) އިން ބަލަހައްޓާ އެ މިސްކިތަށް ހަމަލާދިން އިރު މިސްކިތުގައި އެއްވެސް މީހަކު ނެތެވެ.

ކެސެލް ސެންޓްރަލް މޮސްކް ފައުންޑޭޝަންގެ ރައީސު ސައިފުއްދީން އެރްޔޯރޫކް ވިދާޅުވި ގޮތުގައި ގާ އުކައި އެ މިސްކިތުގެ ދޮރުތަކުގެ ބިއްލޫރިތައް ވަނީ ތަޅާލާފައެވެ. އެ ވަގުތު މިސްކިތުގައި މީހަކު ނެތުމުން އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.

މީގެ އިތުރަށް ބްރެމެންގައި ހުންނަ ރަހްމާން މިސްކިތަށް ވެސް ބަޔަކު ވަނީ ހަމަލާދީފައެވެ. އެ މިސްކިތުގައި އޮތް 50 މުސްހަފު ވީދައި ހަލާކުކޮށްފައިވާއިރު، ބައެއް މުސްހަފުތައް ވަނީ ފާޚާނާ ތެރެއަށް އަޅާފައެވެ.

ބްރެމެންގައި ދިރިއުޅޭ މުސްލިމުން ވަނީ މި ހަމަލާއަށް ފަހު ކަންބޮޑުވުން ފާޅުކޮށް، މިސްކިތުގެ ހުރުމަތް ކަނޑާލި މީހުން ހޯދަން އެ ރަށުގެ ވެރިންނަށް ގޮވާލާފައެވެ. މީގެ ދެ ހަފުތާ ކުރިން ބްރެމެންގެ ޓްރޭމެއްގެ ތެރޭގައި މީހަކު ވަނީ އިސްލާމްދީނާ ދެކޮޅަށް އަޑު އުފުލައި ހަޅޭއްލަވަމުން އެ ރޭލުން ދަތުރުކުރި 16 އަހަރުގެ މުސްލިމް ފިރިހެންކުއްޖެއްގެ ކަރަށް ވަޅި ހަރާފައެވެ. އެ ކުއްޖާ މަރުނުވި ނަމަވެސް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.

ކަނާތު ފިޔައިގެ ހަރުކަށި ޕާޓީތަކުގެ ކެމްޕޭނުގެ ސަބަބުން ޖަރުމަނުގައި މުސްލިމުންނާ ދެކޮޅަށް ދެވޭ ހަމަލާތައް ވަނީ އިތުރުވެފައެވެ. ފާއިތުވި އަހަރުވެސް މުސްލިމުންނަށް ހަމަލާދީގެން 813 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.

ހުޅަނގު ޔޫރަޕުގައި ފްރާންސަށް ފަހު އެންމެ ބޮޑު މުސްލިމުން އާބާދީއެއް އޮންނަނީ ޖަރުމަނުގައެވެ. ޖަރުމަނުގެ 81 މިލިއަން މީހުންގެ އާބާދީގެ ތެރެއިން 4.7 މިލިއަން މީހުންނަކީ މުސްލިމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.