ޤާނޫނަށްފަހު ދައުލަތުގެ ލިޔެކިޔުންތައް ވަނީ ވަރަށް ރަނގަޅަށް ބެލެހެއްޓިފައި: އަރުޝީފް

ޤައުމީ އަރުޝީފުގެ ޤާނޫނެއް އައި ފަހުން ފާއިތުވި ހަތްއަހަރު ތެރޭގައިވަނީ މީގެ ކުރިން ދުވަހަކުވެސް ދައުލަތުގެ ލިޔެކިޔުންތައް ނުބެލެހެއްޓޭ މިންވަރަށް ބެލެހެއްޓިފައި ކަމަށް ޤައުމީ އަރުޝީފުގެ ޑިރެކްޓަރޖެނެރަލް މުޙައްމަދު ޝާތިރު ވިދާޅުވެއްޖެއެވެ.

އާފަތަށް މަޢުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ  މަރުކަޒީކޮށް ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ނަމުގައި މަރުކަޒީ މުއައްސަސާއެއް ޤައިމުވެ ޤާނޫނެއް އައުމުގެ ސަބަބުން "ދައުލަތުގެ ލިޔެކިޔުންތައް މިއިން އެއްވެސް ޒަމާނެއްގައި ނުބެލެހެއްޓޭ ވަރަށް ވިލަރެސްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމަށް މަގުފަހިވި. ހެރިޓޭޖު މިނިސްޓްރިން މިކަމަށް ވަރަށް ބޮޑަށް އިސްކަން ދެއްވާ. އެހެންވީމާ ޤާނޫނޫގައިވާ ގޮތަށް މިކަން ފުރހަމަ ވުމަށް މަގުފަހިވާނެ،" ކަމަށެވެ. އޭގެ ސަބަބުން ދައުލަތުގެ ހިންގުން ވަރަށްބޮޑަށް ހަރުދަނާވެ ރައްޔިތުންނަށް ލިބޭ ޚިދުމަތް ވެސް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާތިރު ވިދާޅުވީ ދައުލަތް ހިންގުމުގައި ޤައުމީ އަރުޝީފުން ވަރަށް ބޮޑުބައެއް އަދާކުރައްވަން ޖެހޭ ކަމަށެވެ. "އެއީ ދައުލަތުގެ ލިޔެކިޔުންތަކުގެ ސިޔާސަތު އެކަށައަޅާ އެސިޔާސަތު ހިންގަން މިޖެހެނީ ޤައުމީ އަރުޝީފުން. އެއީ ކުރިން ރައީސް އޮފީހުން ކުރެއްވި ކަމެއް. އީގަވަރުމެންޓްގެ ތެރެއިން އިދާރީ ލިޔެކިޔުންތައް ބަލަހައްޓާތާ 15 އަހަރު ވެއްޖެ،" އޭނާ ވިދާޅުވިއެވެ. އެކި މުޢައްސަސާތަކުގެ ލިޔެކިޔުންތައް ޑިޖިޓަލްކޮށް އަރުޝީފު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރައްވާ ކަމަށާއި ބައެއް ތަންތަން ނިމި އަނެއްބައި ތަންތަނުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ތާރީޚީ، އާސާރީ، ޤަދީމީ ފަތްފުތްތަކާއި ފަތްކޮޅުތަކާއި ފުރޭފުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ޕްރިޒަވޭޝަން ކޮންޒަވޭޝަން ލެބޯޓަރީއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އެބަދޭ. އެހެންކަމުން އެކަންކަން ފުރިހަމަވެގެން އައިމާ މިއިންޒަމާނަކު ރާއްޖެއަށް އަރުޝީފު ކުރުމުގެ ގޮތުން ނާންނަ ކުރިއެރުން އައުމަށް މަގުފަހިވެގެންދާނެ،" ޝާތިރު ވިދާޅުވިއެވެ.

ރާއްޖޭގައި އަރުޝީފު ކުރުމުގެ މަސައްކަތްތައް މީގެ އެތައްސަތޭކަ އަހަރެއް ކުރީއްސުރެ ކުރެވިފައިވާކަން އެއީ ތާރީޚީގޮތުން ސާބިތުވާ ކަމެއް ކަމަށް އަރުޝީފުން އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. ކަމެކެވެ. އޭގެ ހެކި ބާރަ ވަނަ ގަރުނުން ފެށިގެންހުރި ލޯމާފާނުތަކުން ފެންނަ ކަމަށްވެސް އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.  "ފަހުގެ ތާރީޚުގެ އަރުޝީފުގެ މަސައްކަތްތަކަށް ބަލާއިރު، ދުވަހުން ދުވަހަށް ގައުމުގެ ކަންކަން ލިޔެ އަރުޝީފު ކުރަން ފެށުނީ 1942 ޖެނުއަރީ 12ގައި ވުޒާރަތުލްދާޚިލިއްޔާގައެވެ. އަދި 1945ގައި ހުޅުވުނު ކުތުބުޚާނާއާއި، 1952ގައި ހުޅުވުނު ދާރުލްއާސާރަކީވެސް އަރުޝީފުގެ މަސައްކަތްތައް ކުރެވިފައިވާ ތަންތަނެވެ. އަދި 1968ގައި އުފެދުނު ޑިޕާޓްމަންޓް އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގއާއި، 1979ގައި އުފެދުނު ދިވެހި ތާރީޚާ ސަގާފަތަށް ޚިދުމަތްކުރާ ގައުމީ މަޖިލީހާއި، 1982ގައި އުފެދުނު ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒަކީ އަރުޝީފު ކުރުމުގެ މަސައްކަތް ޤައުމީ ގޮތުން ކުރެވުނު މުއައްސަސާތަކެވެ. އަދި 2003ގައި އުފެދުނު ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އަކީ ޒަމާނީ ޓެކްނޮލޮޖީއާއެކު އަރުޝީފުގެ މަސައްކަތް ކުރެވޭ މުއައްސަސާއެއް ކަން ފާހަގަކުރަމެވެ." ބައިނަލްއަޤުވާމީ އަރުޝީފު ދުވަހާ ގުޅިގެން    މިނިސްޓަރ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރ ޔުމްނާ މައުމޫން ދެއްވި ޚިތާބުގައި ވިދާޅުވެފައިވެއެވެ.

ސަރުކާރުންވަނީ   މިނިސްޓްރީ އޮފް އިންފޮމޭޝަން، އާޓްސް އެންޑް ކަލްޗަރގެ ދަށުގައި 1996 ވަނަ އަހަރު ނޮވެމްބަރު 6 ގައި އިދާރީގޮތުން ޤައުމީ އަރުޝީފުގެ ނަމުގައި އޮފީހެއް އުފައްދަވައިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފަކީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވި، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޤާނޫނު ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ، 2012 ޖަނަވަރީ 19ގައި އުފެއްދެވި މުއައްސަސާއެކެވެ. ޤައުމީ އަރުޝީފަކީ ޤައުމުގެ ތާރީޚީ ފުރޭފުތަކާއި ފަތްފުއްތަކާއި ފަތްކޮޅުތަކާއި ޗާޓުތަކާއި ލިޔެކިޔުންތަކާއި ރިކޯޑުތައް ރައްކާތެރިކޮށް ބެލެހެއްޓުމާއި ދެމެހެއްޓުން ޤާނޫނީ ގޮތުން މަތިކުރެވިފައިވާ މަރުކަޒީ މުއައްސަސާއެވެ. އަދި ދައުލަތުގެ އެންމެހާ ލިޔެކިޔުންތަކާއި  ރިކޯޑުތައް ބެލެހެއްޓުމުގެ ސިޔާސަތުތަކާއި އުސޫލުތައް މަރުކަޒީގޮތުން ހިންގުން ޤާނޫނީގޮތުން މަތިކުރެވިފައިވާ މުއައްސަސާއަކީ ވެސް ޤައުމީ އަރުޝީފެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.