އައިސިސްގެ އާވައްތަރެއްގެ ޓެރަރިޒަމެއް: ގޮވާން ދަނޑުތައް ހުޅުޖެހުން

ސީރިޔާ ހަސަކާ ޕްރޮވިންސުގެ ދަނޑެއް އަނދައި ހުލިވެފައި

އެއް އިރެއްގައި އިރާގާއި ސީރިޔާގެ ބޮޑު ބައެއްގައި 'އިސްލާމިކް ސްޓޭޓް' ގެ ނަމުގައި 'އިސްލާމީ ދައުލަތެއް' ގާއިމުކުރި ޓެރަރިސްޓު ޖަމާއަތް، އިސްލާމިކް ސްޓޭޓް އިން އިރާގް އެންޑް ސީރިޔާ (އައިސިސް) ގެ ބާރުގެ ދަށުގައި މިހާރު އިރާގާއި ސީރިޔާގެ އެއްވެސް ބިމެއް ނެތެވެ. އެހެން ނަމަވެސް ބިމެއް ނެތް 'ދައުލަތެއް'ގެ ހަނގުރާމަވެރިންގެ ގޮތުގައި އެ ޖަމާއަތަށް ނިސްބަތްވާ އެތައް ހާސް ހަނގުރާމަވެރިން އިރާގާއި ސީރިޔާގައި އަދިވެސް އެބައުޅެވެ.

އެ މީހުންނަށް ކުރިމަތިލާން ޖެހުނު ބޮޑު ބަލީގެ ބަދަލުހިފުމުގެ ގޮތުންނާއި، އިރާގާއި ސީރިޔާއަށް އިތުރަށް މާއްދީ ގެއްލުން ދިނުމުގެ ގޮތުން އެ ޖަމާއަތުން މިވަނީ އާ ވައްތަރެއްގެ ޓެރަރިޒަމެއް ފަށާފައެވެ. އެއީ އެ ދެގައުމުގެ ގޮވާން ދަނޑުތައް ހުޅުޖެހުމެވެ.

މި އަހަރަކީ އިރާގާއި ސީރިޔާގެ ދަނޑުވެރިން ގިނަ އަދަދަކަށް ގޮވާން ކަނޑަން އުއްމީދުކޮށްގެން ތިބި އަހަރެކެވެ. ހަނގުރާމައި ބިރު ނެތިފައި، ހަނަފަސްކަމާއި ކުރިމަތިލާން ނުޖެހޭ އަހަރަކަށް ނުވާތީއެވެ. އެހެންނަމަވެސް، މި އަހަރު އެ ދެގައުމުގެ ދަނޑުވެރިންނަށް ކުރިމަތިވީ މާބޮޑު ހިތާމައެކެވެ. އެތައް އޭކަރެއްގެ ދަނޑުބިން އަނދައި ހުލިވުމެވެ. ބައެއް ދަނޑުތަކުގައި ތަފާތު އެހެން ސަބަބުތަކާ ހުރެ ރޯވެފައިވީ ނަމަވެސް ގިނަ ދަނޑުތަކެއްގައި ވަނީ ގަސްތުގައި ރޯކޮށްލާފައެވެ. އެއީ އިސްލާމިކް ސްޓޭޓްގެ ޓެރަރިސް އަމަލެއް ކަމަށް ގަބޫލުކުރެވޭއިރު، އެ ޖަމާއަތުން ވަނީ އެކަމުގެ ޒިންމާވެސް އުފުލާފައެވެ.

ސީރިޔާގެ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އެގައުމުގެ ބައެއް ސަރަހައްދުތައް ނެތުމުން އެ ގައުމުން ސާފު އަދަދުތަކެއް ނުލިބެއެވެ. އެހެންނަމަވެސް، އިރާގު ސަރުކާރުން ވަނީ އެގައުމުގައި ރޯވެ އަނދާފައިވާ ދަނޑު ބިންތަކުގެ ތަފްސީލު ހާމަކޮށްފައެވެ.

އިރާގުގެ ޑިރެކްޓަރޭޓް އޮފް ސިވިސް ޑިފެންސް އިން ހާމަކުރި ގޮތުގައި ފާއިތުވި މޭ މަހުގެ 8 ވަނަ ދުވަހުން ފެށިގެން މި ޖޫން މަހުގެ 8 ވަނަ ދުވަހާއި ހަމައަށް 272 ދަނޑެއްގައި ރޯވެ، 37 މިލިއަން އަކަމީޓަރުގެ ދަނޑުބިން އަނދައިގެން ގޮސްފައި ވެއެވެ. އެއީ މައިގަނޑު ގޮތެއްގައި ގޮދަނާއި، ހިމަ ގޮދަން (ބާރލީ) ދަނޑުތަކެވެ.

ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ސީރިޔާގައި 80 މިލިއަން އަކަމީޓަރުގެ ދަނޑުތައް އަނދައިގެން ގޮސްފައި ވެއެވެ. އެއީވެސް މައިގަނޑު ގޮތެއްގައި ގޮދަނާއި ހިމަ ގޮދަން ދަނޑުތަކެވެ.

"ގޮވާމު މޫސުން އަދިވެސް ވަރަށް ދިގު. އަހަރުމެން ޚިލާފަތުގެ ސިފައިންނަށް މިއަންގަނީ ގޮދަނާއި، ހިމަ ގޮދަން ހައްދާފައިވާ އެތައް މިލިއަން ދޫނަމް (ދޫނަމަކީ 1000 އަކަމީޓަރު) ދަނޑު ބިން ތިޔަބައިމީހުން ކުރިމަތީގަ އެހެރީއޭ. އެއީ މުނާފިގުންގެ ދަނޑުތައް." ދަނޑުތައް ރޯކޮށްލުމަށް އައިސިސްގެ ހަނގުރާމަވެރިންނަށް ގޮވާލަމުން އެ ޖަމާއަތުގެ ނޫސް އައްނަބާ ގައި ލިޔެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.