
ގއ. ކަނޑުހުޅުދުއަށް ރޭ ދިޔަ ފޭރީ ދޯންޏަކުން މަސްތުވާތަކެތި ގެނައި ކަމަށް ތުހުމަތު ކުރެވޭ މީހަކު ބަންދު ކުރަން ފުލުހުން އުޅޭ ކަމުގެ މަޢުލޫމާތު އެމީހާއަށް ލިބިގެން ފުލުހުންގެ އަތްދަށުން ސަލާމަތްވާން ވެގެން މޫދަށް ފުންމާލި މީހާ މިއަދު ހެނދުނު ހޯދައިފިއެވެ.
ފުލުހުން ވިދާޅުވީ މާވާރުލު މޫދަށް ފުންމާލައިގެން ގޮސް ރޭ އޭނާ ވަނީ އެރަށަށް އަރައި ފިލާފައި ކަމަށެވެ. އެފަހުން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނިކޮށް އޭނާ ފެނިފައިވަނީ މިއަދު ހެނދުނު 9:00 ގައި އެރަށު ވަލުތެރޭގައި ފިލާ އޮއްވައި ކަމަށް ފުލުހުން މަޢުލޫމާތު ދެއްވިއެވެ.
އޭނާ ހޯދުމަށް ފުލުހުން ކުރި މަސައްކަތަށް މާވާރުލުގައި ތިބި ބައެއްގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އޭނާގެ އަތުން މިހާތަނަށް މަސްތުވާތަކެތީގެ އެއްވެސް އެއްޗެއް ފެނިފައިނުވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ފުލުހުން ގެންދަނީ އެމީހާ ބަންދުކޮށް މައްސަލަ ބަލަމުންނެވެ. އޭނާއާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެއްވައެވެ.
އެނާ ރޭ މީދަށް ފުންމާލުމުން އޭނާ ސަލާމަތް ކުރުމަށް ޑިންގީގައި ނުކުތް ތިންމީހަކު ދަތުރު ކުރި ޑިންގީއެއް ވެސް ވަނީ ބަންޑުން ޖަހާލައިފައެވެ. އެ ތިން މީހުން ވެސް ރޭ ވަނީ ސަލާމަތް ވެފައެވެ.