އިންޑިޔާގެ ވެސްޓް ބްންގޯލް ސްޓޭޓުގައި ސިޔާސީ ދެ ޕާޓީއެއްގެ ހަރަކާތްތެރިންގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި 4 މީހުން މަރުވެއްޖެއެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ޕާޓީ، ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި، ވެސްޓް ބެންގޯލްގެ ސަރަހައްދީ ޕާޓީއެއް ކަމުގައިވާ ތްރިނަމޫލް ކޮންގްރެސްގެ ހަރަކާތްތެރިންގެ މެދުގައި ޕަރްގަނާސް ޑިސްޓްރިކްޓްގައި ރޭ (ހޮނިހިރު ދުވަހުގެރޭ) ހިނގި ހަމަނުޖެހުމުގައި މަދުވެގެން 26 މީހުން ޒަޚަމްވެފައި ވެއެވެ.
"މަރުވި މީހުންގެ ތެރެއިން 3 މީހުންނަކީ ބީޖޭޕީގެ ހަރަކާތްރިން. އަނެއް މީހާއަކީ (ސަރަހައްދީ ޕާޓީ) ތްރިނަމޫލްއަށް ތާއީދުކުރާ މީހެއް ފުލުހުންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ހަމަނުޖެހުން ފެށުނީ އެ ސަރަހައްދުގައި ބީޖޭޕީ ދިދަތައް ޖަހަން އުޅުމުން އުފެދުނު ދަބަސްވުމެއްގައިއެވެ. "އެމީހުން އުޅުނީ އަހަރުމެންގެ ދިދަތަކާ ޕޯސްޓަރުތައް ނަގައި އެއްލާލަން. އަހަރުމެން އެކަމާ ދެކޮޅު ހެދުމުން އަހަރުމެންގެ ހަރަކާތްތެރިން ގަޔަށް ކައިރިން އަމާޒުކޮށް ބަޑިޖަހާފައި ވަނީ." ބީޖޭޕީ ގެ ވެސްޓް ބެންގޯލް ގޮފީގެ ސެކްރެޓަރީ ޖެނެލަރް ސަޔަނަތަން ބާސޫ ބުނެފައި ވެއެވެ.
މަންޒަރު ދުށް މީހުންނާ ހަވާލާދީ ބައެއް ޚަބަރުތައް ބުނާގޮތުގައި ދެ ޕާޓީގެ މީހުންވެސް އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ގަލާއި، ޕެޓްރޯލް ބޮން އުކާފައި ވެއެވެ. އަދި އެ ސަރަހައްދުން ބަޑީގެ އަޑުވެސް އިވިފައި ވެއެވެ.
ބީޖޭޕީ ވެސްޓް ބެންގޯލް ގޮފީގެ އިސްވެރިން ދެކޭގޮތުގައި ހަމަނުޖެހުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ތްރިނަމޫލް ކޮންގްރެސްގެ ލީޑަރު އަދި ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރު މަމަތާ ބެނަރްޖީއެވެ. ތްރިނަމޫލް ކޮންގްރެސްއިން ބުނަނީ ހަމަނުޖެހުން އުފެއްދީ ބީޖޭޕީގެ ހަރަކާތްތެރިން ކަމުގައެވެ.
ވެސްޓް ބެންގޯލްގައި ސިޔާސީ މަސްރަހު ހަލަބޮލިވެފައި ވާތީ އެއްވެސް ޕާޓީއަކުން ކާމިޔާބީގެ އުފާ ފާޅުކުރުމަށް ޖަލްސާއާއި ހިނގާލުން ބޭއްވުން ޗީފް މިނިސްޓަރު ބެނަރްޖީ ވަނީ މަނާކުރައްވާފައެވެ.
ތްރިނަމޫލް ކޮންގްރެސްއަކީ ވެސްޓް ބެންގޯލްގައި އެންމެ ތާއީދު ބޮޑު ސިޔާސީ ޕާޓީއެވެ. އެ ޕާޓީގެ ލީޑަރު މަމަތާ ބެނަރްޖީ އަކީ 2011 އިން ފެށިގެން ވެސްޓް ބެންގޯލްގެ ޗީފް މިނިސްޓަރެވެ. އަދި 295 ގޮނޑި ހިމެނޭ ސްޓޭޓް އެސެންބްލީގައި ތްރިނަމޫލް ކޮންގްރެސްގެ 213 މެންބަރުން ތިއްބަވައެވެ.